އެމްޓީސީސީ

ހުއްޓިފައި އޮތް ޒަމާނީ ފެރީ ޓާމިނަލްގެ މަސައްކަތް މިއަހަރު ފަށަނީ

  • އިމާރާތް ހަދަނީ 12 ބުރިއަށް
  • ސިނަމާ އަކާއި ކުޅިވަރު ކުޅޭ ތަންތަން ހުންނާނެ
  • ފުރަތަމަ ފޭސްއަށް އަށް މިލިއަން ޑޮލަރު

މައްސަލަތައް ޖެހިގެން ކުރިޔަށް ނުގެންދެވުނު، ވިލިމާލެ ފެރީ ޓާމިނަލް އެންމެ ގޮތަށް ޒަމާނީ ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި އަލުން ފަށަން އެމްޓީސީސީ އިން ނިންމައިފި އެވެ.

އެމްޓީސީސީ އިން 2012 ވަނަ އަހަރު މާލެއާއި ވިލިމާލެ ދެމެދު ދަތުރުކުރާ ފެރީ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައި ވަނިކޮށް އެންގުމަކާއި ނުލާ ރާވައިފާ އޮތް މަޝްރޫއުއެއް ކަމަށް ބުނެ މާލެ ކައުންސިލުންވަނީ އެމަސައްކަތް ކުރިޔަށް ގެންދިޔުމަށް ހުރަސްތަކެއް އަޅާފަ އެވެ. އެ މައްސަލަ އެމްޓީސީސީ އިން ކޯޓަށް ވެސް ގެންގޮސްފައިވާ އިރު ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް އޭރު ހުއްޓުނު ގޮތަށް ވަނީ ނުފެށިފަ އެވެ.

ނަމަވެސް އެމްޓީސީސީ އަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ ސްޓީލް ބޭނުންކޮށް އިމާރާތައް ހެދުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މިއަހަރު ތެރޭގައި ހިނގާނެ މަޝްރޫއަކީ ވިލިމާލެއާއި މާލެ ދެމެދު ދަތުރުކުރާ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ތަފްސީލްތައް ދެއްވަމުން އަބްދުއްރައްޒާގު މިއަދު "އަވަސް" އަށް ވިދާޅުވީ އެމްޓީސީސީގެ މާލެ-ވިލިމާލެ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ރާވައިފަ ވާނީ މިދިޔަ އަހަރު ކަމަށެވެ. އެހެން ނަމަވެސް އެ އިމާރާތް ހަނދާ އުސްމިނަށް ބަދަލު ގެނެސް، އިމާރާތުގެ ޑިޒައިން 12 ފްލޯއަކަށް ހަދާ ގޮތަށް ނިންމުމުން ލަސްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ވިލިމާލޭ ޓާމިނަލްގެ އާ އިމާރާތެއް އެޅުމަށްޓަކައި މާލެ ވިލިމާލެ ދަތުރުތަށް ހުއްޓާ ނުލާނެ ކަމަށާއި އެހެން ކަމުން ރާވައިފަވާނީ އެސަރަހައްދުގައި ފުރަތަމަ ވަގުތީ ޓާމިނަލް އެއް އެޅުމަށް ކަމަށެވެ.

"ޓެމްޕަރަރީ ޓާމިނަލް ގާއިމް ކުރުމުގެ މަސައްކަތާއި ގުޅިގެން މިހާރު އަޅުގަނޑުމެން ހައުސިން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން މިދަނީ. މިދިޔަ ހަފްތާގައި ވެސް އަޅުގަނޑުމެން މީޓިން އެއް ބޭއްވިން އެސަރަހައްދުގެ ޕާކިންއާއި ޓްރެފިކް ފްލޯގެ ކަންތައްތަކަށް ހައްލު ތަކެއް ހޯދުމަށް،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ގޮތުގައި ވިލިމާލެއަށް ދަތުރު ކުރާ ވަގުތީ ޓާމިނަލްގެ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ފެށޭނެ ކަމަށާއި އަދި އެމަސައްކަތް ނިމުނުހާ އަވަހަށް ދާއިމީ އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މާލެއާ ވިލިމާލެ ދެމެދު ދަތުރުކުރަން ތަރައްގީ ކުރާ 12 ބުރީގެ އާ ޓާމިނަލް ގައި ދެވޭނެ ހިދުމަތްތަކާ ގުޅޭގޮތުން ހަލީމް ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ނިމޭއިރު ފުޑް ކޯޓުތަކާއި ބައެއް ކޮމާޝަލް ފިހާރަތައް ވެސް ހިމެނޭނެ ކަމަށެވެ. އޭގެ އިތުރަށް ޒުވާނުންނަށް ހާއްސަކޮށްގެން ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް ހުންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އެއިމާރާތުގައި ޒުވާނުންނަށް ހާއްސަކޮށް ސިނަމާއަކާއި ބޯލިން އެރީނާއެއް އަދި ގޭމިންގެ ކުޅިވަރުތަކަށް ވެސް ކުޅެވޭ ގޮތަށް ހަދަން ރާވައިފަ ވާނެ. އޭގެ އިތުރުން ކާރަށާއި ސައިކަލުގެ ޕާކިން އަށް ހާއްސަ ހަތަރު ފްލޯއެއް ހަދަން އަޅުގަނޑުމެން ރާވައިފަ ވާނެ،" ހަލީމް ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މި ފެރީ ޓާމިނަލްގެ މަސައްކަތައް މުޅިން ނިންމާލެވޭނެ ތާރީހެއް ދަންނަވަން އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެފޭސް އަކަށް ބަހާލައިގެން ހަދާ އެ އިމާރާތުގެ ފުރަތަމަ ފޭސް ހެދުމަށް ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި މިޓާމިނަލް އިމާރާތް ކުރާ އިރު، މާލެއާއި ވިލިމާލޭގެ ރައްޔިތުނަންނަށް ޒަމާނީ ހިދުމަތްތަކެއް ލިބިގެންދާނެ އަދި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ އިމާރާތެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.