ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން އޮތީ މަރުގެ ހުކުމް ތަންފީޒު ކޮށްގެން ކަމަށް ކުރީގެ ނާއިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މީހަކު ރޭ ފެނުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރަައްވާ ކުރެއްވި ޓްވީޓެއްގައެވެ. އިސްލާމީ ޝަރީއާ ކިޔަވާ ވިދާޅުވެގެންވެސް ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި ރޭ އަޑުއިވިގެން ދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ ހަބަރު ކަމަށާ ދެންވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް ކަމަށެވެ.
ޖަމީލް އެ އިޝާރާތް ކުރައްވަނީ މި ސަރުކާރުގެ ސްޓޭންޑަކީވެސް މަރުގެ ހުކުމް ތަންފީޒު ނުކުރުން ކަމަށް ސަރުކާރުން ދާދި ފަހުން މަޖިލީހުގައި ހާމަކުރި ކުރުމަށެވެ. ސަރުކާރުގެ މި ސްޓޭންޑް މަޖިލީހުގައި ހާމަކޮށް ދެއްވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތާއީދުކޮށް ކުރީން ވާހަކަ ދެއްކެވި ދީނީ އިލްމުވެރިޔާ އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ އެއްވެސް ހާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަ ތިބިކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ހައްލު އޮތީ މަރުގެ ހުކުމް ތަންފީޒު ކޮށްގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.
ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.