މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރާލި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ހ. ޝީރީންވިލާގޭގެ ނުވަވަނަ ފަންގިފިލާގައި މަރާލާފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އެވެ.
އޭނާ މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ރާއްޖޭގެ އެއް ނަންބަރު ސްކޭޓަރު، އަލީ ޝާހިލް (23 އ) އެވެ.
މަރުގެ މި މައްސަލައާއި ގުޅިގެން އަވަސް އިން ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ މަރުގެ މި މައްސަލައިގެ ތަހުގީގުގެ މިހާ ކުރީކޮޅު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް މަރުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ޝަމީމް ވިދާޅުވީ މަރުގެ މިމައްސަލަ ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ޕީޖީގެ ހައިސިއްޔަތުން ދެއްވަންޖެހޭ އިރުޝާދު ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ތަހުގީގުގެ މިމަރުހަލާގައި ފުލުހުން ވާހަކަދައްކަވާނެ. އަޅުގަނޑުމެން ދޭންޖެހޭ އިރުޝާދު ދެމުންދާނަން،" ޕީޖީ ވިދާޅުވި އެވެ.
ޝިއާ މަރާލީ ޝިއާ އާއި ޝާހިލް އެތައް އިރަކު ޒުވާބުކުރުމަށްފަހު ރޭ ދަންވަރު 12:00 ޖެހުމާ ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެފައިވެ އެވެ.
ޝިއާގެ މަރާ ގުޅިގެން ޝާހިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހ. ޝިރީންވިލާގެއިން ހެޒްމަތު ޝޫޓެއް ލައްވައިގެން އާންމުންނަށް އޭނާ ނޭނގޭނެ ގޮތް ހަދައިގެން ފުލުހުންގެ ކާރެއްގަ އެވެ.
ފުލުހުން ޝީރީންވިލާގޭގައި ތިން ގަޑިއިރު ހަރަކާތްތެރިވުމަށްފަހު ދެ ބޮޑީ ބޭގް ނެރެގެން ގެންދިޔަ މަންޒަރު އަވަސްގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ޝިއާގެ ހަށިގަނޑާއި ބޯ އޮތީ ވަކިކޮށްލާފަ އެވެ. އަދި ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް ވަނީ ބުރިކޮށްލާފަ އެވެ. ޝިއާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.