މޯލްޑިވްސް ޕޮލިސް ސާވިސް

އީމެއިލް މެދުވެރިކޮށް މަކަރުން ފައިސާ ހޯދަނީ

އީމެއިލް މެދުވެރިކޮށް އެކައުންޓްތައް ހެކްކޮށްގެން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.

އީމެއިލަކީ ޕާސަނަލް ގިނަ އެކައުންޓްތަކެއް ލިންކޮށްފައިވާ ވަސީލަތެކެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް އީމެއިލް އާއި ލިންކްކޮށްފައި ހުރެ އެވެ.

ފުލުހުން މިއަދު ބުނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ހިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދަން މިހާރު ބޭނުންކުރާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅުމެވެ. ގުޅައިގެން ހުޅުމާލެއިން ފްލެޓަށް ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުން ކަމަށް ބުނެ އެވެ. އަދި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުވާކަމަށް ބުނާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމައްޓަކައި ފޯނަށް މެސެޖެއް އަންނާނެ ކަމަށް ބުނޭ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓާ އޯތެންޓިކޭޝަން ކޯޑެއް. ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީއާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރޭ. މި ކޯޑު ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީ،" ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

ފުލުހުން ބުނީ ފޯނަށް ގޫގުލްއިން އަންނަ މެސެޖު ހިއްސާކުރެވޭ ހިސާބުން ފެށިގެން އެކައުންޓުގެ ކޮންޓްރޯލް ޕްރައިމަރީ ސަސްޕެކްޓަށް ލިބޭ ކަމަށެވެ. އަދި އީމެއިލްއަށް ވަނުމަށްފަހު ޖީމެއިލް ޕާސްވޯޑް ރިސެޓްކޮށް، އެއަށްފަހު ކްރޯމްއަށް ލޮގިންވެ، ސެޓިންގްސްއަށް ވަނުމުން ސޭވްކޮށްފައިވާ ލޮގިންތަކާއި ޕާސްވޯޑްތައް ލިބޭނެ ކަމަށެވެ. އެއަށްފަހު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެހެން މީހެއްގެ އެކައުންޓަށް ފައިސާތައް ޓްރާންސްފާ ކޮށްލަނީ އެވެ.

"އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ވަނީ ބަދަލުވާން ފަށާފަ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައިވީ ނަމަވެސް ބޭންކިން ހިދުމަތުގައި ބޭނުންކުރާ އީވޮލެޓް ހިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަން ފާހަގަކުރެވޭ. އަދި ގަޑިއާއި ރަން، އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަނޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތައް މަދުކުރުމަށް މިފަދަ ކޯލްތައް އައުމުން އީމެއިލް އާއި ކޭޝްކާޑު ފަދަ ތަކެތީގެ މައުލޫމާތާއި އެނޫން ވެސް މުހިންމު މައުލޫމާތު ހޯދަން ގުޅުމުން އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށެވެ.