ޓީޗަރުންނަށް ލައިސަންސް ދޫކުރަން ފެށުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓރު މިހެން ވިދާޅުވީ މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅިގެން ދެއްވެވި ހިތޯބެއްގަ އެވެ.
ޓީޗަރުންނަށް ލައިސަންސް ދޫކުރުމަކީ 2020 ވަނަ އަހަރު ތަސްދީގު ކުރެއްވި ތައުލީމީ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކަމާ ގުޅޭ ގަވައިދުތައް ވެސް އެކުލަވާލާފަ އެވެ.
ދެހާސް ވިހިވަނަ އަހަރު ތައުލީމުގެ ގާނޫނު ތަސްދީގު ކުރެއްވި ނަމަވެސް ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު އެވެ. އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހު ތައުލީމީ ގާނޫނަށް އަމަލުކުރަން ފެށިތާ އެއް އަހަރު ފުރޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ޓީޗަރުންނަށް ލައިސަންސް ދޫކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވައިދުތަކުގެ މަސައްކަތް ނިމިފައިވާތީ މިއަދު ފެށި ދިރާސީ އާ އަހަރާ އެކު ގަވައިދުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
ޓީޗަރުންނަށް ލައިސަންސް ދޫކުރަން ފެށުމުން ތައުލީމީ ނިޒާމުގެ ފެންވަރު މަތިވެގެން ދާނެ ކަމަށާއި އަދި ހުނަރުވެރި ޓީޗަރުން ލިބުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަހަރުގެ ތެރޭގައި އެކަމުގެ [ޓީޗަރުންނަށް ލައިސަންސް ދިނުމުގެ] އަމަލީ މަސައްކަތްތައް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭ ފަރާތަކީ ތައުލީމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ ރަޖިސްޓްރާ އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އެވެ.
ގާނޫނުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށިގެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އެކަމަށް ހާއްސަ ލައިސަންސެއް ލިބިގެންނެވެ.
ތައުލީމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި މުދައްރިސުން މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަން ވާނެ ކަމަށެވެ.