ކްރިމިނަލް ކޯޓް

ޝަރުތުތަކަކާއެކު ނިޝާން ދޫކޮށްލައިފި

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ނިޝާން ދޫކޮށްލާފައި މިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ.

ނިޝާން ދޫކޮށްލާފައިވަނީ ބަންދު ކުރި މައްސަލަ މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅާފައި ވަނިކޮށެވެ.

ނިޝާންގެ ބަންދު އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ނެރުނު އަމުރު އިސްތިއުނާފްކޮށް، އެއީ ސައްހަ އަމުރެއް ކަމަށް ހައިކޯޓުން ނިންމާފައިވެ އެވެ. އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޝާންގެ ލޯޔަރުން އިއްޔެ މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން އިތުރު ތިން އަމުރެއް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ ގޮތުން ކޯޓުން އަދި ވަކި ގޮތެއް ނިންމާފަ އެއް ނުވެ އެވެ.

ފުލުހުން ބުނެފައިވަނީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ނިޝާން އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށްވެސް ހައިކޯޓުގައި ދައުލަތުން އަދި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ.