ވާހަކަ

އިޙްސާސްވޭ

( 4 އޯގަސްޓް 2022 އާ ގުޅޭ )

އިމާރާތަށް ވަދެގެން އައިސް މާޔަލް ކުއްލިއަކަށް ހުއްޓުނެވެ. ލިފްޓު ކައިރީ ފާރުގައި އެއްފައި ވިއްދާލައިގެން ފޯނު އަތަށް ލައިގެން ހުރި ޒުވާނާ ފެނިފައެވެ. އެހިނދު އޭނާގެ ނަޒަރު ވެސް މާޔަލްއާ އަމާޒުވެލައިފިއެވެ. އަދި މަޑުމަޑުން އޭނާގެ ނަޒަރު ދަތުރުކޮށްލީ މާޔަލްގެ ދެއަތުގެ ތެރޭ ހިފަހައްޓާލެވިފައި އޮތް މާބޮނޑިއަށެވެ.

"އެކަނިތަ؟" އިވާން އަހާލިއެވެ.

ކުއްލިއަކަށް އިވާން ފެނުމުން މާޔަލް ސިހޭގޮތްވިއެވެ. މިނޫނީ އިވާން ފެނިގެން މާޔަލް އެހާ ޖެހިލުންވި ވަގުތެއް އަދި ނާދެއެވެ. ހަމައެއާއެކު މާޔަލް އިންތިހާއަށް ހާސްވިއެވެ. އިވާން އެފަދައިން ސުވާލު އެކުރީ މާޔަލްއާއެކު އައިތަން ފެނިގެންބާއެވެ. އައިތަން ފެނިއްޖެނަމަ އެއީ ކާކުތޯ އެނގެން އިވާން ބޭނުންވާނެއެވެ. އެހިސާބުން އިވާންގެ ސުވާލުތައް ހުސްނުވާނެއެވެ. ދެން ކަންތައްވާނެ ގޮތް ލަފާކޮށްލަން ވެސް މާޔަލްއަށް ދައްޗެވެ.

"ވަގުތު ދޭށޭ ބުނީމެންނު." މާޔަލްއާ ކައިރިއަށް އިވާން ފިޔަވަޅެއް އަޅާލުމާއެކު އޭނާ ޖެހިލީ ފަހަތަށެވެ.

"ވާހަކަނުދައްކާ ހުރުމުން ކޮންކަމެއް ހައްލުވާނީ." ޖީންސުގެ ދެ ޖީބަށް އަތްތިލަ ކޮށްޕާލައިގެން މާޔަލްއަށް ބަލަން ހުރެ އިވާން ވާހަކަދެއްކިއެވެ.

"ވާހަކަނުދައްކާފަ ކޮބާ. މިއަދު ގުޅީމަ ފޯނު ނުނެގީމަތަ؟. އަހަރެން މެސެޖު ކުރީމެންނު." މާޔަލްގެ އަޑުގައި ފޫހިކަންވިއެވެ.

"މިތާ ތިބެތަ ވާހަކަދައްކަނީ. ޕްލީޒް. މައްޔު ޕްލީޒް." އިވާން މިހެން ބުނެ ޖީންސުގެ ޖީބުން ދެއަތް ނަގައި ޖޯޑުކޮށްލީ އާދޭހުގެ އިޝާރާތެއްގެ ގޮތުންނެވެ.

އިރުކޮޅަކު އެއްޗެކޭ ނުބުނެ އިވާނަށް ބަލަން މާޔަލް ހުއްޓެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލާފައި އައިސް ލިފްޓުގެ ފިތައް އޮބާލައިފިއެވެ. ހުޅުވުނު ލިފްޓުގެ ތެރެއަށް މާޔަލް ވަނުމުން އޭނާއާއެކު އިވާން ވެސް އެތެރެއަށް ވަދެއްޖެއެވެ. އިމާރާތުގެ އެންމެ މަތީގައި ހުންނަ ދެ ޕެންޓްހައުސްއިން އެއްބަޔަކީ މާޔަލްމެން ދިރިއުޅޭ ބައެވެ.

"އައްދޭ! ދެ ކުދީން އެކީގަ އައި ދުވަހެއްތަ؟. ކޮބާ އަތް ކިހިނެއްވަނީ؟." ސިޓިންރޫމު ސޯފާގައި އިން އާމާލްއަށް ގޭތެރެއަށް ވަދެގެން އައި މާޔަލްއާއި އިވާން ފެނުމުން ވާހަކަދެއްކިއެވެ. އިވާންގެ އަތަށް މާޔަލްއަށް ވެސް ބަލާލެވުނެވެ. އިވާން ގޮސް އާމާލްގެ ވައަތް ފަރާތުގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ.

"ޗޭންޖުކޮށްގެން އެބަ އަންނަން." މާޔަލް ބުންޏެވެ.

މަންމަ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ މާޔަލް އަވަހަށް އައިސް ކޮޓަރިއަށް ވަނީއެވެ. އެނދުގައި އިށީންގޮތަށް ފުން ނޭވާއެއް މާޔަލް ދޫކޮށްލިއެވެ. އަތްދަބަހާއި މާބޮނޑި އެނދުމައްޗަށް ދޫކޮށްލާފައި އޭނާ މޫނުގައި ދެއަތް އަޅާލިއެވެ. އިވާން ފެނުމުން އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފެދިއްޖެއެވެ.

* * * * *

"ކޮބާ އެކަން ބަލާލައިފިންތަ؟. ފައިއަށް މިހާރު އޭނާ ފެނިއްޖެއެއްނު." ފޯނުގައި ހުރެ އައިރިކް ވާހަކަދައްކަމުން ދިޔައީ ޑަކްޓަރު ފައިރޫޒުއާއެވެ. އައިރިކްގެ ޒަމާންވީ ރަޙުމަތްތެރިޔެކެވެ. ޑަކްޓަރުކަން ކިޔަވައިގެން އައިފަހުން އައިރިކްގެ ޢާއިލާއަށް ފައިރޫޒުގެ އެހީތެރިކަމާއި ލަފާ ލިބެމުންދެއެވެ. އައިރިކްގެ އެކްސިޑެންޓާއެކު ފައިރޫޒުގެ އެހީތެރިކަން އެތައްގުނައެއް އިތުރުވިއެވެ.

"ބުނެގެން މިއުޅެނީ. އަހަރެންގެ ކޭސްއެއް ނޫންވީމަ. އަހަންނަށް އެނގޭ ވަރަކުން ރިކްއަށް އަންގަމުން ދާނަން." ފައިރޫޒު ބުންޏެވެ.

"ފައި... އެއް ލޮލަށް ވިޔަސް އަވަހަށް ފެންނާނެނަމައޭ ހިތަށް އަރަނީ. އަހަންނަށް ފެންނަނަމަ މިހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހޭނެ. ވަގުތުން އަހަންނަށް ހުރިހާކަމެއް ޔަގީންވާނެ." އައިރިކްގެ ހިތުގެ ހާލު ހާމަކުރިއެވެ.

"އިންޝާﷲ! އަދި ފެންނާނެ. އެކަމުގެ އިޝާރާތެއް މިހާރު ވެސް ލިބިއްޖެއެއްނު. ފަހަރެއްގަ ބޭސްގަނޑު ނަގާއިރު ވިޝަން ކްލިއާ ވެދާނެއޭ ޑަކްޓަރު ބުންޏެއްނު. ސޯ، އުންމީދުކުރޭ ރަނގަޅުވާނެކަމަށް." ފައިރޫޒު ހިތްވަރުލައިދިނެވެ.

"އަހަރެންނަށް ވީ ވަޢުދު ހަނދާން ބަހައްޓައްޗޭ." އައިރިކް ކަމެއް ހަނދާންކޮށްލަ ދިނެވެ.

"ޔަގީން. އެކަމާ ހާސްނުވޭ." ފައިރޫޒު ބުންޏެވެ.

ފައިރޫޒުގެ ފޯނުކޯލު ނިންމާލާފައި އައިރިކް ގުޅީ އައިތަންއަށެވެ. ވަގުތެއް ހޯދައިގެން އައިރިކްގެ ކައިރިޔަށް އެރޭ އައިސް ދިނުމަށް ކޮއްކޮ ގާތު އޭނާ އެދުނެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން އައިތަން އަންނާނޭކަމަށް އެއްބަސްވިއެވެ.

"ކައިވެނި ކުރަންޏާ ކުރާނީ އޭނާއާ. އެކަމަކު މަންމަމެން ކައިރީ ބުނާނީ ކީކޭ؟. ކުރީން އާނއެކޭ ބުނެވުނީމަ މައްސަލައަކީ. އެކަމަކު އެއްޗެކޭ ނުބުނެ ހުންނަންވެއްޖެއްޔާ އެންމެން ތިބޭނީ އޮޅުމެއްގެ ތެރޭ. އަހަރެންނަށް ޓަކައި ޝަހާގެ ހަޔާތުން ދުވަސްތަކެއް ބޭކާރުވެގެން ހިނގައިދާނެ. އޭނާ އަހަރެންދެކެ ލޯބިވަނީހެން ހީވޭ. އެހެންވެއްޖެނަމަ އޭނާއަށް ވިސްނައިދޭން ފަސޭހަވާނެތަ... އަހަރެންގެ މި ނިންމުން ބައްޕަ ބަލައިނުގަނެފިއްޔާ." ޚިޔާލުތަކާއެކު އައިރިކް ހެއްލެމުން ދިޔަ އުނދޯލީގައި އޮށޯވެލިއެވެ. އޭނާގެ އިސްކޮޅަށްވުރެ އުނދޯލި ކުޑައެވެ. ފައިކުރުކޮށްލައިގެން އެއްފައި އުނދޯލިން ބޭރަށް ތިރިކޮށްލައިގެން އޭނާ އޮތެވެ. ހަޔާތުގެ ލަގަން އޭނާ އޮތީ މައިންބަފައިންގެ އަތަށް ދޫކޮށްލާފައެވެ. ނަމަވެސް މިހާރު އޭނާ ބޭނުމީ އެ ނިންމުން ބަދަލުކުރާށެވެ. ތަޤްދީރު ވެސް އޭނާއަށް އެކަމަށް ބާރު އަޅާފަދައެވެ. ހަނދާނުގައި ބިންވަޅުނެގިފައިވާ ތަސްވީރަށް ފުރާނައެޅުނު ފަދައިން އޭނާގެ ގާތުން މެހްސޫސް ކުރެވެން ފެށުމަކީ އަޖައިބެކެވެ. ފުރަތަމަ އެކަމާ ހައިރާންވިއެވެ. އެހެންވިޔަސް އެ ސޫރަ ލޮލަށް ނުފެނުނަސް ހުރިހާ ހިއްސެއްމެ އެއީ ކާކުކަން އައިރިކްއަށް ބުނެދީފިއެވެ.

* * * * *

ކޮފީޖޯޑު ހިފައިގެން ޓެރެސްގެ ހިޔާކޮށްފައި އޮތް ތަންކޮޅަށް މާޔަލް ނުކުތެވެ. އޭރުވެސް އެއްވަރަކަށް ތުނިކޮށް ވާރޭ ވެހިލަވެހިލާ އޮތެވެ. އެއްފަރާތު ފާރުކައިރީ ހުރި މޭޒު ދޮށުގައި އިވާން އިނީ ދުރު ބަލަހައްޓައިގެންނެވެ. އޭނާގެ ކުރިމަތީ މާޔަލް ގެނައި ކޮފީޖޯޑު ބެހެއްޓުމާއެކު ބަލާލިއެވެ.

"މައްޔު ކޮފީ ނުބޯނަންތަ؟. ފިނި ދުވަހެއްނު." އިވާން ވާހަކަދެއްކީ އޭނާ އެހެންޏާ ވެސް ވާހަކަދައްކާހާ ގާތްކޮށެވެ.

"ބޯހިތެއްނެތް." މާޔަލް ދިނީ ކުރުޖަވާބެކެވެ.

"ކައިރީގަ ނުވެސް އިށީންނަންތަ ތިހުންނަނީ." އިށީންނަން ނޫޅެ މާޔަލް ދުރަށް ޖެހިލިކަން ފާހަގަވެ އިވާން އަހާލިއެވެ. އޭނާގެ ދެ ލޮލުން މާޔޫސީކަން ފާޅުވޭވޭ ހުއްޓެވެ. ބަހެއްނުކިޔާ މާޔަލް އައިސް މޭޒުދޮށުގައި ދެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ދެއަތް އުރާލަމުން އޭނާ ނަޒަރު ހުއްޓާލީ އިވާންއާ ދުރަށެވެ.

"އަހަރެން ވަރަށް ލޯބިވޭ މައްޔުދެކެ." އިރުކޮޅަކު ހިމޭނުން އިނދެފައި އިވާން ބުނެލީ ތަންކޮޅެއް މަޑުންނެވެ. މާޔަލް ރައްދުގައި ވަރަށް ލޯބިވެޔޭ ބުނާން އިވާންގެ ހިތް އެދެމުންދިޔައެވެ. ނަމަވެސް މާޔަލް ހަރަކާތެއްނުކޮށް އިނީއެވެ.

"މައްޔު އަހަންނަށް މަޢާފުނުކުރާކަން އެނގޭ. އެއަށްވުރެ ބޮޑަށް އަހަރެންނަށް މިހާރު ހީވަނީ މައްޔު އަހަރެންދެކެ ލޯތްބެއް ވެސް ނުވެޔޭ." އިވާންގެ ފަހު ޖުމްލައާއެކު މާޔަލް ކުއްލިއަކަށް ބަލާލިއެވެ. ދެ އުޅަންބޮށިކޮޅު މޭޒުގައި ވިއްދާލައިގެން ޖޯޑުކޮށްލެވިފައިވާ އަތަށް ދަތްދޮޅިދީގެން އިވާން އިނީ ކޮފީތަށްޓަށް ނަޒަރު ސީދާކޮށްލައިގެން އިސްޖެހިފައެވެ.

"އަހަންނަށް ވެސް މިސްޓޭކެއް ހެދިދާނެ ދޯ. ލޯބިވެޔޭ މިބުނީ. މޮޔަވާވަރަށް މައްޔުދެކެ އަހަރެން ލޯބިވޭ. މައްޔުއާ މެރީކުރަން ބޭނުންވެފަ ހުންނަތާ ކިތަންމެ ދުވަހެއް. އަނެއްކާ ކިހާދުވަހެއް މިވީ ރައްޓެހިވެގެން އުޅޭތާ. އަހަރެން ނުކުރަމެންނު މައްޔު ޑިސެޕޮއިންޓްވާނޭ ކަމެއް. މައްސަލަ ޖެހުނަސް މައްޔުއާ ވަކިވުމުގެ ޚިޔާލެއް ދުވަހަކުވެސް ނުގެންގުޅެން. އެކަމަކު އަހަރެންވެސް މީ އިންސާނެއް. އަހަރެންގެ އެދުންތަ ހިފަހައްޓަން އުނދަގޫވޭ ބައެއްފަހަރު... އެކަމަކު އެއީ ހަމައެކަނި މައްޔުގެ ކައިރީގަ. މައްޔުދެކެ އިންތިހާއަށް ލޯބިވާތީ. އެގޮތަށް އަހަރެން ބޭނުންވަނީ ހަމައެކަނި މައްޔުއަށްވީމަ. އައި އޭމް ސޮރީ. ސޮރީ ފޯ އެވްރިތިންގް. ޕްލީޒް... ބްރޭކްއަޕް ވާން ބޭނުމެއްނޫން. އަހަރެން..." އިވާން ވާހަކަދެއްކުން ހުއްޓާލިއެވެ. މަޑުމަޑުން ޖޯޑުކޮށްލެވިފައިވާ އަތްތިލަ ވަކިކޮށްލަމުން އެ ދެއަތުގެ ތެރޭ އޭނާ މޫނު ފޮރުވާލައިފިއެވެ.

"އިވާން." މޫނުން އަތް ނުނަގާ އިންނާތީ މާޔަލް އިވާނަށް ގޮވާލިއެވެ. ދެން ވެސް އޭނާ ހަރަކާތެއް ނުކުރިއެވެ. މާޔަލް ކަންބޮޑުވިއެވެ. ފޫހިއްލާލައި އިވާންއާ ކައިރިޔަށް ގޮނޑި ދަމާލައި އިށީނެވެ. ދެން އިވާންގެ ކަނާތު މުލައްދަނޑީގައި މާޔަލް ހިފާލިއެވެ. މަޑުމަޑުން ފިރުމާލަމުން މާޔަލް ވާހަކަދެއްކިއެވެ.

"ރޮނީތަ. ނުރޮއްޗޭ... މަޢާފްކޮށްފިން. އިވާންއާ ރުޅިވާކަށް ނޫޅެން. މެރީ ކުރެވުނީމަ ރަނގަޅުވާނެ. އޭރުން އަހަރެން އިވާން ނުހުއްޓުވާނަން. އެކަމަކު މިވަގުތު އަދި.... އަހަންނަށް ހަމަ އުނދަގުލީ އެހާ ކްލޯޒްވާން. އިވާން. މޫނުން އަތް ނަގާބާ. އަހަރެން މިބުނީނު އޮކޭއޭ." މާޔަލް ބުންޏެވެ.

އިވާންގެ އަތަށް މާޔަލް ދަމަންފެށިއެވެ. އިރުކޮޅަކުން އިވާން ދެއަތް ތިރިކޮށްލިއެވެ. މާޔަލްއާ ނަޒަރު ސީދާކޮށްލިއެވެ. އިވާން ނުއެއް ރޮއެވެ. އެހެންނަމަވެސް އެ ދެ ލޮލުގައިވީ ތެތްކަން ބުނެދެނީ އިވާން ނުރޯން ހިތްވަރުކުރާ ކަމެވެ. އޭނާ ނުހަނު ބޮޑަށް ދެރަވެފައި އިންކަމެވެ. އިވާން މާޔަލްގެ އަތުގައި ހިފާލިއެވެ. އިނގިލިތައް މަހާލައި އަތްތިލައިގަ މާޔަލްގެ އަތްތިލައިގަ ބާރަށް އިވާން ހިފަހައްޓާލިއެވެ. އެ އަތްތިލަ ގެނެސް އިވާންގެ ތުންފަތުގައި ޖައްސާލިއެވެ. ލުއި ބޮސްދިނުމަކަށްފަހު އިވާން ބޯ އަޅާލީ މާޔަލްގެ ކޮނޑުގައެވެ. ދެމެދަށް ވެރިވި ހިމޭންކަމުގައި ދެ މީހުން ވެސް ތިބީއެވެ. އެހެން ތިބެފައި އަނެއްކާ ވެސް އިސްވެ ވާހަކަދެއްކީ މާޔަލްއެވެ. މިފަހަރު އޭނާ ސުވާލުކުރީ އިވާންގެ ތަދުވެފައި އޮތް އަތާ ގުޅިގެންނެވެ. އޮފީސް ފުޓުސަލް މުބާރާތުގައި ކުޅެން އަރާ ހުއްޓާ ލިބުނު އަނިޔާއެއްކަމާއި ޑަކްޓަރަށް ދައްކައިފިންކަން އިވާން އޮޅުންފިލުވައިދިނެވެ. އެ އަތުގައި މާޔަލް ފިރުމާލަދިނެވެ. އިވާންގެ މޫނުމަތީގައިވި ނުތަނަވަސްކަން ބަދަލުވިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުން ފާޅުވިއެވެ.

"ވާރޭ ވެހެއެއްނު. ތެމިގެންތަ ދަނީ." އިވާންއާއެކު ދޮރުމަތީ މަޑުކޮށްލައިގެން ހުރި މާޔަލް އަހާލިއެވެ.

"ޓެކްސީއެއްގަ ދާނީ. މިކޮޅަށް އައީ ވެސް ޓެކްސީއެއްގަ. އަހަރެން ނިދުމުގެ ކުރީން މައްޔުއަށް ގުޅާނަން. އޯކޭތަ." އިވާން ބުންޏެވެ. މާޔަލް ހޫން ލައްވާލަމުން ބޯޖަހާލިއެވެ.

"ހަގްއެއް ނުދޭނަންތަ؟." އިވާން އަހާލިއެވެ. އެއާއެކު މާޔަލް ދެއަތް ހުޅުވާލިއެވެ. އިވާން އޭނާގެ ގައިގާ ބައްދާލިއެވެ. ލޯބިން ކޯތާފަތުގައި ބޮސްދިނެވެ. ހިނިތުންވެ ހުރެ ލިފްޓާ ދިމާއަށް އޭނާ ހިނގައިގަތީ އެއަށްފަހުއެވެ.

ލޯ މައްޗަށް އިވާން ގެއްލުމާއެކު ދޮރުކައިރީ ފާރުގައި މާޔަލްއަށް ލެނގިލެވުނީ ގައިން ވަރުދޫވި ފަދައިންނެވެ. ލޯ މަރާލުމާއެކު ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ދެބުމަ ކައިރިވެލާފައި ހުރިއިރު ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އޭނާއަށް ވަމުން ދާ ކަހަލައެވެ.

"ވައި؟... ވައި އޭމް އައި ޓްރައިން ދިސް ހާޑް... ފޯ ވަޓް. އިވާންއަށް ޓަކައިތަ؟. ނޫނީ އަހަރެންގެ އަމިއްލަ ނަފްސަށްތަ؟. މިގުޅުމަށް އެހާ ދުވަސްވީމަތަ؟... މެރީކުރަން ހަމަޖެހިފަ އޮތީމަތަ؟. އައި އޭމް ގެޓިން ޓަޔަޑް. ކީއްވެ މިހެންމިވަނީ." އަމިއްލަ ހިތާ މާޔަލްއަށް ސުވާލުކޮށްލެވުނެވެ.

ކޮންމެ ދުވަހަކު ދަރީންނާއެކީ ވާހަކަދައްކާލަން އިންނަން އާމާލް ވަގުތުކޮޅެއް ހޯދާނެއެވެ. ހުރިހާ ދަރީން އެއްކޮށްގެން އިނުން މިހާރު ފަސޭހަކަމަކަށް ނުވެއެވެ. ތިން ދަރީން ބޮޑުވެ އެކުދީންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނެވެ. މައިރާ މީހަކާ އިނދެގެން ދުރުގައި ހުއްޓަސް އެކުއްޖާއަށް ވެސް ބަރާބަރަށް އާމާލް ގުޅައެވެ. ގޭގައި ތަފާތު އެއްޗެއް ހަދައިފިނަމަ މައިރާއަށް ފޮނުވާނެއެވެ. ނޫނީ ދަރިފުޅު ގާތު އަންނަން ބުނާނެއެވެ. ހުރިހާ ދަރީންގެ ދިރިއުޅުމުގައި ހިނގާ ކަންކަމާ މެދު އާމާލް ވާހަކަދައްކާ އޮޅުންފިލުވައެވެ. އެހެންވިޔަސް މަންމަ ކައިރީ ހުރިހާ ވާހަކައެއް އެކުދީންނަށް ވެސް ނުދެއްކެއެވެ. އެއަށްވުރެ ތިންބެއިންގެ މެދުގައި ސިއްރުވާހަކަތައް ދެކެވޭލެއް ގިނައެވެ.

މަލަކް އިނީ ފިލްމެއް ބަލަން ސޯފާގައެވެ. އާމާލްއާއި މަޒްހަރުގެ އިތުރުން މާޔަލް ވެސް އޭނާއާ ބައިވެރިވިއެވެ. މާޔަލްގެ އަތު ތެރޭ އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ބަލާލިއެވެ. އިސްކުރީނަށް ބޮސް އަރާފައި އޮތެވެ. ސޯފާއިން މާޔަލް ތެދުވިއެވެ. އެންމެ ގާތު އޭނާ ނިދަންދަނީ ކަމުގައި ބުނެފައި ކޮޓަރިއަށް އައިސް ވަނެވެ.

"މާޔާ..." ފޯނުކޯލު މާޔަލް ނެގުމާއެކު އައިރިކް ގޮވާލިއެވެ.

"ތިޔަ ގުޅުއްވި ނަންބަރުވަނީ ގުޅޭ ސަރަހައްދުން ބޭރުގައި..." އައިރިކްގެ އަޑު ޖެހުމާއެކު މާޔަލް ބުނަންފެށިއެވެ. އެހިނދު އޭނާގެ ކަންފަތުގައި ޖެހުނީ އައިރިކްގެ ހުނުމުގެ އަޑެވެ. އިޚްތިޔާރަކާއި ނުލާ މާޔަލްގެ ތުންފަތް ދެމިލައިފިއެވެ.

"އެނގޭތަ ގަޑިންވީއިރު." މާޔަލް އަހާލިއެވެ.

"ހޫމް. އެނގޭ... އެގާރަ ޖަހައިފި." އައިރިކް ބުންޏެވެ.

"ބޮސްގެ ޕީއޭއަށް މިގަޑީގަ ގުޅަންޖެހުނީ ކޮންކަމެއް ބޭނުންވެގެން." ކޮޓަރީގައި ހުރި ބޮޑު ގޮނޑީގެ ތެރެއަށް ދެ ފައި އަރުވާލައިގެން ހަށިގަނޑު ދޫކޮށްލައިގެން އިނދެ މާޔަލް ވާހަކަދެއްކިއެވެ. މިރޭ އައިރިކް ގުޅުމުން ވާހަކަދައްކާ ހިތްވީ ކީއްވެކަމެއް މާޔަލްއަކަށް ނޭނގެއެވެ. ފޯނުކޯލު ނެގުމާއެކު އައިރިކް މާޔާއޭ ގޮވާލި ގޮތުން އޭނާގެ ހިތް އަވަސްވީއެވެ.

"މީ ބޮސްއެއްނޫން. ބީސްޓެއް. ތީ އޭނާގެ ރެޑް ރޯޒް." އައިރިކްގެ އަޑުގައި ސަމާސާކަން ހުއްޓެވެ. މާޔަލްއަށް ހީނލެވުނެވެ. އައިރިކްގެ މިޒާޖުގައި އެފަދަ ގޮތެއް ހުރެދާނޭ މާޔަލް ހިޔެއްނުކުރެއެވެ. އެ ދަރަޖައަށް ސަމާސާކުރާން އައިރިކްއަށް ކެރުނީތީ މާޔަލް ރަކިވިއެވެ. އައިރިކްއާ ދިމާއަށް ބީސްޓެކޭ ބުނީ މާޔަލްގެ ދުލުން ވިއްޔާއެވެ.

"ފްލާޓްކުރަނީތަ؟." ހިނިއައިސްފަ އިނދެ މާޔަލް އަހާލިއެވެ.

"އެހެންކަމަށް. ކަމުނުދޭތަ." އައިރިކް މިހެން ބުނިއިރު އެ ހުރީ ހިނިއައިސްފަކަން ބުނާން އަޑުން ދޭހަވެއެވެ.

"ގުޑްނައިޓް." އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެފައި މާޔަލް ބުންޏެވެ.

"ފޯނު ބާއްވަންވީތަ؟." އައިރިކް އަހާލިއެވެ.

"ހޫމް. ހެނދުނު ދިމާވާނެއެއްނު." މާޔަލް ބުންޏެވެ. އައިރިކްއާ އެހާ ގިނައިރު ވާހަކަދެއްކުން ރަނގަޅެއްނުވާނޭ މާޔަލްއަށް ވިސްނުނީއެވެ. ޚާއްޞަކޮށް ދެމެދުގައި ސަމާސާކުރެވުމަކީ ވާހަކައިގެ މިސްރާބު ގެއްލި އޮޔާ ހިނގައިދާނޭކަމުގެ ރަމްޒެކެވެ. ކޮންމެކޮންމެ ވާހަކައެއް އެ ދެމެދުގައި ދެކެވިގެން ނުވާނޭކަން މާޔަލް ޤަބޫލުކުރެއެވެ. އެ އުސޫލުތަކުގައި ހިފަހައްޓަން މާޔަލްއަށް މާޔަލްއަށް މަޖުބޫރުކުރަނީ އިވާންއެވެ.

ދަންވަރުގެ ވަގުތެވެ. ތިނެއް ޖަހަނީއެވެ. ނިދާފައި ހުރެމެ މާޔަލް ހުރީ ކޮޅަށެވެ. އެނދުގެ ފައިލާކޮޅުގައެވެ. އޭނާ ހިނިތުންވެ ހުރެ މީހަކާ ވާހަކަދައްކަނީއެވެ. ދޭތެރެއަކުން ހިނިތުންވުން ފުޅާވެލައެވެ. ކަންފަތުގައި ކަނާއަތްތިލަ ޖައްސާލައިފަ ހުރިއިރު ހީވަނީ ފޯނުން މީހަކާ ވާހަކަދައްކަނީ ހެންނެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ޗާޖަށް ޖަހާފައެވެ. އެމީހަކާ ވާހަކަދައްކަމުން އޭނާ މަޑުމަޑުން ދެ ކޮޅަށް ހިނގިއެވެ. ދެން އައިސް އޭނާ ރީތިވާ މޭޒުކައިރީ ހުއްޓުނެވެ. އެ ވާހަކަދައްކާ މީހެއްގެ ގާތުގައި މަޑުކުރާން ބުންޏެވެ. އަދި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އޭނާ އެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އަތަކު އެއްވެސް އެއްޗެއް ނުވެއެވެ. އެހެންވިޔަސް އެ ނެގި އެއްޗެއް ރީތިވާ މޭޒުމަތީ ބޭއްވިއެވެ. ދެން ކަލަންޑަރުން ތާރީޚު މާޔަލް ބަލަން ފެށިއެވެ. ތަންކޮޅެއް ބާރަށް އޭނާ ހީނލިއެވެ. އެއަށްފަހު އޭނާ މޭޒުމަތީ ބޭއްވި އެއްޗަކަށް ބަލަން ފެށިއެވެ. އޭގައި އެއްޗެއް ނޯޓުކުރާން ފެށިއެވެ.

"ޕޭޝަންސް... މިސްޓަރ އައިރިކް އިސާކް." މާޔަލް މިހެން ބުނެ ނިކަން ބާރަށް ހޭންފެށިއެވެ. (ނުނިމޭ)