ކްރިމިނަލް ކޯޓް

ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފި

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޝިއާއުގެ ހަތަރެސްފަޔާއި ކަރު ބުރިކޮށްލައި އޭނާ މަރާލި މައްސަލައިގައި މަޝްހޫރު ސްކޭޓާ ޝާހިލް ރޭ ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ. އެކަމަކު ސިއްރު ކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 23 އަހަރުގެ ޝާހިލް އަކީ ގައުމީ ފެންވަރުގެ ސްކޭޓަރެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ސްކޭޓިން ކޮމްޕެޓިޝަނުގައި އެއްވަނަ ވެސް ހޯދާފަ އެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ.

ޝިއާއުގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.