ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޔޯގާ ހަމަނުޖެހުން: ހައްޔަރުކުރި މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދެނީ

Aug 8, 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތް ހުއްޓުވައި، ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދޭން ފަށައިިފި އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ޖޫން 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެ މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން ދަނީ ގާނޫނުލްއުގޫބާތާއި، ޓެރަރިޒަމްގެ ގާނޫނުގެ އިތުރުން ބިރު ދެއްކުމާއި ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް މުއްދަތު ޖަހާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މީހެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަންޖެހެ އެވެ. ނަމަވެސް ބިރު ދެއްކުމާއި ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގައި އެފަދަ މުއްދަތެއް ދީފައެއް ނުވެ އެވެ. ނަމަވެސް ތޫނު ހަތިޔާރު މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަން ޕީޖީއަށް ލިބޭ މައްސަލަތައް 15 ދުވަހުގެ ތެރޭގައި ދައުވާކުރަންޖެހެ އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ތަހުގީގުކުރާ މައްސަލަތަކުގައި ތަހުގީގުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ ފުލުހުން ޖެހޭނީ ޕްރޮސެކިއުޓާ ޖެނަރަލް އަރިހުގައި އެކަމަށް އެދޭށެވެ. ފުލުހުން އެގޮތަށް އެދިފައިވާތީ ބައެއް މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ދީނީ ދެ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އާއި ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް މި ތިން ބޭފުޅުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔައިރު އެތަނުގައި ބޭރުގެ ބައެއް ގައުމުތަކުގެ ސަފީރުންނާއި، އދ.ގެ އިސް ބޭފުޅުންނާއި، ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ.

ފުލުހުންގެ ބެރިކޭޑް ފޫއަޅުވާލުމަށްފަހު ގަލޮޅު ދަނޑަށް ގަދަކަމުން ވަދެގެން ބައެއް މީހުން ވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ބައެއް މީހުންނަށް އިންޒާރުދިނުމުގެ އިތުރުން ހަމަލާވެސް ދީފަ އެވެ.