އުރީދޫ

މޫލީ އަށް ތިން އަހަރު ފުރުން ފާހަގަކޮށްފި

Aug 8, 2022

އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދޭން ފެށިތާ ތިން އަހަރު ފުރުން ފާހަގަކޮށްފި އެވެ.

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުއެވެ.

ކަސްޓަމަރުންގެ ހިދުމަތުގައި މޫލީ ކާމިޔާބު ތިން އަހަރު ފާހަގުކުރުމުންދާއިރު މިދިޔަ މުއްދަތުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

މޫލީ މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50 އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވެ އެވެ. މީގެ ތެރެއިން އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިން ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެ އެވެ.

މޫލީ އަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިމަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

މޫލީގެ ތަސައްވުރާ އެއްގޮތަށް ކަސްޓަމަރުންނާއި އެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޮވިޑް-19ގެ ޕެންޑެމިކްގެ ދުވަސްވަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު އަދި ގޭގައި ތިބެގެން ގަތުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެގޮތުން ކޯނާ ޝޮޕްތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީ އިން ވަނީ ޕާޓްނާޝިޕް ހަދާފަ އެވެ.

މި އިސްނެގުމާއެކު ފުރުސަތުތައް ފަހިވެ ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަންޏެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދިނެވެ. މީގެ އިތުރުން މޫލީ އިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ހަމަ އެފަދައިން މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނަވެ، "ބެކް ޓު ސްކޫލް"ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ކްލެއިމްކޮށް މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށްދީފަ އެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީ އިން ފޯރުކޮށްދެ އެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް މޫލީގެ ޓީމުން ޔަގީންކޮށްދެ އެވެ.