ރ. ދުވާފަރުގެ ބައެއް ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުން ގުޅިގެން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން ނިންމައިފި އެވެ.
ދުވާފަރުގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރީ މިދިޔަ ޖުލައި 24 ވަނަ ދުވަހު އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު އަވަސްއަށް ވިދާޅުވީ ދުވާފަރު ކައުންސިލާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފެށުމަށް ކޮމިޝަނުން ނިންމީ މިއަދު ކަމަށެވެ.
ދުވާރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދު ކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓެއްގަ އެވެ.
މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ ލިބެންޖެހޭ ދުވާފަރުގެ ރައްޔިތުންނަށް އެ ފައިސާ ބަރާބަރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އެލްޖީއޭގެ ފަރާތުންނެވެ.
ހިިޔާނާތުގެ މައްސަލަ ފެންމަތިވުމުން ދުވާފަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ރިޕޯޓް ނެރުނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފައި ވަނިކޮށް ޖަވާބުދާރީ ވުމަށް އެ ފުރުސަތު ނުދީ ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ރިޕޯޓަކީ ހަގީގަތް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.