އޭސީސީ

ހިޔާނާތް ބަލަން އޭސީސީގެ ޓީމެއް ދުވާފަރަށް

Sep 6, 2022
1

ރ. ދުވާފަރުގެ ބައެއް ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުން ގުޅިގެން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ދުވާފަރަށް ހިނގައްޖެ އެވެ.

ދުވާފަރު ކައުންސިލާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުކުރުމަށް މިދިޔަ މަހުގެ އަށްވަނަ ދުވަހު އޭސީސީން ނިންމީ އެ މައްސަލަ ބަލައިދިނުމަށް މިދިޔަ ޖުލައި 21 ވަނަ ދުވަހު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހެޅުމާ ގުޅިގެންނެވެ.

އޭސީސީން މިއަދު ބުނީ ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރުމަށްފަހު މައްސަލަ ތަހުގީގުކުރުން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މިވަގުތުވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ދުވާފަރުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

"އޮގަސްޓް 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ދަނީ ސުވާލުކުރަމުން. އަދި ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައިވާ ގޮތްވެސް އޭސީސީން ބަލާނެކަމުގައި ދަންނަވަން." އޭސީސީން ބުނެފައިވެ އެވެ.

ދުވާރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދުކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓެއްގަ އެވެ.

މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ ލިބެންޖެހޭ ދުވާފަރުގެ ރައްޔިތުންނަށް އެ ފައިސާ ބަރާބަރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހިިޔާނާތުގެ މައްސަލަ ފެންމަތިވުމުން ދުވާފަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ރިޕޯޓް ނެރުނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފައި ވަނިކޮށް ޖަވާބުދާރީ ވުމަށް އެ ފުރުސަތު ނުދީ ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ރިޕޯޓަކީ ހަގީގަތް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.