ރަޝިޔާ

ސެޕްޓެމްބަރުގައި އޮންނަ އދ. ގެ އާންމު މަޖިލީހަށް ޕޫޓިން ވަޑައިނުގަންނަވާނެ

މި އަހަރު ސެޕްޓެމްބަރުގައި އެމެރިކާގެ ނިއުޔޯކުގައި އޮންނަ އދ. ގެ އާންމު މަޖިލީހުގައި ޕޫޓިން ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ރަޝީއާގެ ރިއާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ޓާސް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕެސްކޯފް ވިދާޅުވީ ރަޝިއާގެ ރައީސްގެ ހައިސިއްޔަތުން އދ. ގެ އާންމު މަޖިލީހުގެ 77 ވަނަ ސެޝަންގައި މެމްބަރުންނާ މުޚާތަބުކޮށް އިއްވާނެ ތަގުރީރެއް ޕޫޓިން ތައްޔާރު ނުކުރައްވާ ކަމަށެވެ.

ދަތުރަށް ތައްޔާރު ކުރުމަށް އަންގަވާފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ވީޑިއޯ މެދުވެރިކޮށް ވެސް ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ "ހައި ލެވެލް މީޓިން" އޮންނާނީ ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއާޓަރުގައި، ސެޕްޓެމްބަރު 20-26 އަށެވެ.

ހައި ލެވެލް މީޓިންގެ އާންމު އުސޫލަކީ ގައުމެއްގެ އިސް ވެރިޔަކު -- ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުން ފެންވަރުގެ ބޭފުޅަކު ވަޑައިގެން ސެޝަނަށް ތަގުރީރު ކުރެއްވުމެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮގުގައި ރަޝިއާގެ ވަފުދާ އެކު އިސް ވެރިއެއް ގޮތުގައި އާންމު މަޖީލީހުގައި ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާގެ ވަފުދުގައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނާނެ އެވެ. ޕޫޓިން ވަޑައި ނުގަތުމަކުން އދ ގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.