ދުނިޔެ

ޗައިނާގެ އަސްކަރީ ފަރިތަކުރުންތަކާ މެދު ކަންބޮޑެއް ނުވޭ: ބައިޑަން

ޗައިނާގެ އަސްކަރީ ފަރިތަކުންތަކަކީ އެމެރިކާއާށް އާވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޓައިވާން ވަށާޅައި ޗައިނާއިން އެކުރާ އެއްވެސް ކަމަކާ ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޗައިނާއަށް މާ ބޮޑުވަރު ކުރާކަށް ނުކެރޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާއަށް ދެއްކޭނީ ހުރި ފެންވަރެއް ކަމަށެވެ.

އެމެރިކާ ހާސްވާ ވަރު ކުރެވޭނީ ވަރަށް ބޮޑުވަރު ކޮށްގެން ކަމަށް ދޭހަވާ ގޮތަށް ބައިޑަން ވިދާޅުވީ ޓައިވާނާ މާ ބޮޑަށް ގާންވާން ހަދައިފި ނަމަ އެމެރިކާ އެތަނަށް ވަންނާނެ ކަމަށެވެ.

ޓައިވާންގެ ދިފާއުގައި އެމެރިކާ އޮންނާނެ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް އެއީ ސިފައިން ފޮނުވައިގެން ކަމެއް ނުވަތަ އަސްކަރީ އެހީ ދީގެން ކަމެއް ވިދާޅެއް ނުވެ އެވެ.

އެމެރިކާގެ ކެންޓަކިގައި ފެންބޮޑުވެ އާންމުންނަށާއި ތަކެއްޗަށް ލިބިފައި ހުރި ގެއްލުންތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި މަގުމަތީގައި ބައިޑަން ޑެލަވެއާގައި މަޑުކޮށްލެއްވި އެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާ ހަރަކާތްތެރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، ޓައިވާނަށް އަރައިގަންނަ ހިސާބަށް ދިއުން މައްސަލައަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. ޗައިނާގެ ފަރިތަކުރުންތަކުގެ ވައްޓަފާޅި ހުރީ ނުރައްކަލަކަށް ވާގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޓައިވާން ވަށާލައި ކުރަމުން ގެންދާ އަސްކަރީ ފަރިތަކުރުންތައް ފުޅާކުރާނެ ކަމަށް ޗައިނާ އޮތި ބުނެފަ އެވެ. އެ ފުޅާކުރުމަކީ ކޮބައިކަން ހާމަނުކުރި ނަމަވެސް، ޓައިވާނާ އެހާ ގާތުގައި ޗައިނާގެ އަސްކަރިއްޔާ ހަރަކާތްތެރިވުމަކީ ނުތަނަވަސްކަން ބޮޑު ކަމެކެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ގޮތުގައި އަސްކަރީ ފަރިތަކުރުންތައް ގެންދަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި ޓައިވާންގައި ލޭއޮހޮރުވުމަކި ޗައިނާ އެދޭ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި ޓައިވާނަކީ އެއްވެސް ގޮތަކުން އެމެރިކާއާ ގުޅުން އޮތް ތަނެއް ނޫނެވެ. އެއީ ޗައިނާއާ ގުޅުން އޮތް އަދި ޗައިނާގެ ލޭ ކަމަށް އެމެރިކާ ގަބޫލުކޮށް އެއްބަސްވުމަށް ފަހު އެނޫން ގޮތަކަށް އެނބުރި ގަތުމުން ބޮޑެތި މައްސަލަތައް ބިންފަޅާ އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.