ރައީސް އޮފީސް

ޓޫރިޒަމް ދާއިރާއަށްވެސް މަތީ ދަރަޖައިގެ އިނާމު ދެނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ފަތުރުކަމުގެ ދާއިރާގައި އާދަޔާ ހިލާފު ކުރިއެރުންތައް ހޯދާފައިވާ މީހުންނަށް ދޭން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ހަތަރު ގިންތީގެ ބަދަލުގައި ފަސް ގިންތި އަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާހިލާފު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް މިއަހަރު އިތުރު ކުރި ގިންތީގެ ދަށުން ރައީސްގެ ހާއްސަ އިނާމު ލިބޭނެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ގައުމުގެ ތަރައްގީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ގައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ދެން ހުރި ގިންތިތަކުގެ ތެރެއިން ފުރަތަމަ ގިންތި އަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މީގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

ދެވަނަ ގިންތި އަކީ ބައިނަލްއަގުވާމީ މައުރަޒަކުން ނޫނީ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި އެވެ. އަދި ތިންވަނަ ގިންތި އަކީ ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އާ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ހަތަރުވަނަ ގިންތީގެ ގޮތުގައި ވަނީ ހުނަރުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތި އެވެ. މި އިނާމު ދެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.