ރައީސް އޮފީސް

8000 އެނދު ތަރައްގީކުރާނީ ސަރުކާރުން ނޫން: މިއުވާން

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސަރުކާރުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ހއ. އުތީމު އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި އެނދުތައް ގާއިމުކުރާނީ ސީދާ ސަރުކާރަކުންނެއް ނޫން. އިންވެސްޓަރުން މީގެ ތެރެއަށް އަންނަނީ. އެކަމަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މައި އެއާޕޯޓުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެކަނި އޮތުން ކަމަށެވެ. ދިގު ދަތުރެއް ކޮށްފައި އަންނަ ފަތުރުވެރިން ވީއައިއޭ އަށް ފޭބުމަށްފަހު އަނެއްކާވެސް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭތީ އުތުރާއި ދެކުނަށް ފަތުރުވެރިން ގެންދިއުމަށް މިވަގުތަށް ދަތިތަކެއް ހުރިކަންވެސް ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީވުމުން އިންވެސްޓަރުން އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.

"ހަމައެކަނި ރިސޯޓްތަކެއް ނޫން. ގެސްޓްހައުސް ވިޔަފާރިވެސް މީގެ ތެރޭގައި އެބަ އާދޭ. ރިސޯޓްތަކުގެ އެކަނި 8000 އެނދުގެ ވާހަކައެއް ނޫން އަޅުގަނޑުމެން މިދައްކަނީ" މިއުވާން ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރީތި ގޮނޑުދޮށްތައް ހުރި ރަށްރަށް ހުރިކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ދާނެ ކަމަށެެވެ. އެހެންކަމުން ރިސޯޓް އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 8000 އެނދުގެ އަމާޒަށް ވާސިލްވުމަކީ ސަރުކާރުގެ އުންމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.