އަސްކަރީ ފަރިތަކުރުން ތަކުން ނެރެން އުންމީދުކުރި ނަތީޖާ ހާސިލް ކުރެވިއްޖެ ކަމަށް ޗައިނާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޓައިވާން ވަށާލައި އަސްކަރީ ފަރިތަކުން ތަކެއް ބޭއްވުމުގެ ބޭނުމެއް ކަމަށް ޗައިނާ އިން ބުނީ ގައުމު ދިފާއުކުރުމާއި މިނިވަންކަން ފުރޮޅާލަން ފުރުސަތު ނުދިނުން ކަމަށެވެ.
ޓައިވާނާ ވަރަށް ގާތުގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ހިންގި މިސައިލް ފަރިތަކުރުން ތަކަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ބަދަލުހިފުމުގެ ގޮތުން ހިންގި ހަރަކާތް ތަކެކެވެ. އަދި އެއީ ޓައިވާނަށް އަރައި ހިފަން ޖެހިދާނެ ކަމަށް ދިން އަމަލީ އިންޒާރެކެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަން އިއުލާންކުރި ދުވަހުވެސް އެ ދަތުރު ކެންސަލް ކުރުމަށް އެދި ޗައިނާ ވަނީ އާދޭހާ އެކު އެމެރިކާގެ ކިބައިން އެދިފަ އެވެ.
އެހެން ނަމަވެސް، ޗައިނާގެ އިހްސާސަށް އިހުތިރާމް ކުރުމެއް ނެތި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައި ހުރި އުސޫލުތަކާ ވެސް ހިލާފަށް ޕެލޯސީ ވަނީ ޓައިވާނަށް ވަޑައިގެން ޗައިނާ އަށް ގޮންޖައްސަވައި ބަސް ވިދާޅުވެފަ އެވެ.
ޕެލޯސީ ވިދާޅުވި ގޮތުން ބާރުގަދަ ގައުމުތަކުގެ ވެރިން ޓައިވާނަށް ވަޑައިގަނެވެން ޖެހޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ ސަބަބުން ޓައިވާނަށް ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ. ދުނިޔޭގައި ހަރަކާތްތެރިވުމުގެ އިހްތިޔާރު ޓައިވާނަށް ލިބިފައި ނެތީ ވެސް ޗައިނާގެ ނުފޫޒާ ހެދި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ ގަބޫލުކުރާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކަށް ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާއި އެމްބެސެޑަރުން ކަނޑައެޅުމެއް ނޯންނާނެ އެވެ.
ވަކި ވެރިކަމަކުން ޓައިވާން ހިންގި ނަމަވެސް އޮންނަން ވާނީ ޗައިނާ މައި ސަރުކާރުން ބާރު ހިންގޭ ހިސާބުގައި ކަމަށް ޗައިނާ ބުނެ އެވެ.
ޗައިނާއިން ކުރިން ބުނި ގޮތުގައި ދުރު ނޫން މުސްތަގުބަލެއްގައި ޓައިވާން ހިފާނެ އެވެ. އަދި ޗައިނާއާ ގުޅާލާނެ އެވެ. އެކަމަކު ބާރުގެ ބޭނުންކޮށްގެން ޓައިވާނަށް އެރުމެއް ނޯންނާނެ އެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން މެނުވީ ހަތިޔާރު އުފުލާ ހިސާބަށް ނުދާނެ ކަމަށެވެ.
ޓައިވާނަށް ވެސް ޓައިވާންގެ ހައިސިއްޔަތު އެނގެން ޖެހޭނެ ކަމަށް ޗައިނާ ބުނެ އެވެ. އަދި "ވަން ޗައިނާ" ޕޮލިސީން ބޭރުވެގެން ނުވާނެ ކަމަށެވެ.