ޕްރޮފެސަރު ހަސަން އުގައިލް

އުގައިލްގެ "ސިއްހީ ހަދިޔާ" ނެރެ ހިލޭ ބަހަން ފަށައިފި

ދިވެހިންނަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލަތަކާއި އޭގެ ފަރުވާއާ ގުޅޭ ގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ލިއުއްވި ފޮތް، "ސިއްހީ ހަދިޔާ" އާންމުކޮށް ފޮތް ހިލޭ ބަހަން ފަށައިފި އެވެ.

"ސިއްހީ ހަދިޔާ" ނެރެފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޕްރޮފެސަރު އުގެއިލް ލިޔުއްވި މި ފޮތުގައި 333 ސަފުހާ އެކުލެވެއެވެ. ފޮތުގައި ދިވެހިންނަށް ދިމާވާ ގިނަ ސިއްހީ މައްސަލަތަކުގެ ފަރުވާ ބަޔާންކޮށްދީފައިވެއެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށް އިންސާނެއްގެ ދިރިއުޅުން ބައްޓަންކުރަން ޖެހޭ ގޮތްތައް ވެސް ފޮތުގައިވެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި "ސިއްހީ ހަދިޔާ" ނެރެދެއްވީ ސިއްހީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކޮށްފައިވާ ޅ. ނައިފަރު މުހައްމަދު ޒަކަރިއްޔާއެވެ. ފޮތް ނެރެދެއްވުމަށް މުހައްމަދު ޒަކަރިއްޔާ ވިދާޅުވީ، "ސިއްހީ ހަދިޔާ"އަކީ ދިވެހިންނަށް ބޭނުންތެރި ފޮތަކަށް ވެގެންދާނެ ކަމަށެވެ.

މި ހަފުލާގައި އުގެއިލް ވިދާޅުވީ، "ސިއްހީ ހަދިޔާ" އަކީ ދިވެހިންނަށް އޭނާ ދޭ ހަދިޔާއެއް ކަމަށާއި ފޮތަކީ ހަމައެކަނި ސިއްހަތަށް މުހިންމު ފޮތެއް ނޫން ކަމަށެވެ. މި ފޮތުން މުޅި ދިރިއުޅުމަށް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ އަކީ މެޑިކަލް ޑޮކްޓަރަކަށް ނުވި ނަމަވެސް "ސިއްހީ ހަދިޔާ" ލިޔުއްވާފައިވަނީ ގިނަ ދިރާސާތަކެއް ކުރެއްވުމަށްފަހު ކަމަށެވެ.

"ހަކުރު ބައްޔާއި ކިޑްނީ މައްސަލަތަކާއި ކެންސަރާއި ދިވެހިން ފަލަވުމާއި އެ ނޫން ވެސް ބަލިތަކުގެ ތަފާތު މައުލޫމާތު ފޮތުގައި ހުންނާނެ،" އުގައިލް ވިދާޅުވި އެވެ. "ދިވެހިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ މައުލޫމާތު ސައިންސްވެރިންގެ ފަހުގެ ދިރާސާތަކާ އެކު ފޮތުގައި ހިމަނާފައިވާނެ،"

"ސިއްހީ ހަދިޔާ"އަކީ ވިއްކާ ފޮތެއް ނޫނެވެ. "ސޮނީ ހާޑްވެއާ" ގެ އެހީތެރިކަމާއެކު ފޮތް ހިލޭ ދަނީ ހިލޭ ބަހަމުންނެވެ. މިރޭ ވެސް ފޮތް ހޯދުމަށް ދިގު ކިއުއެއް ވަނީ ހަދާފައެވެ. "ސިއްހީ ހަދިޔާ" ބޭނުންވާ ފަރާތްތަކުން ފޭސްބުކް މެދުވެރިކޮށް ފޮތަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަތޮޅުތަކަށް ވެސް ފޮތް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ސިއްހީ ހަދިޔާ" ބޭނުންވާ ފަރާތްތަކުން ފޭސްބުކްގައި އެ ފޮތަށް ހާއްސަ ޕޭޖުގައި ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީ ވުމުގައި ނަމާއި އައިޑީ ކާޑު އަދި ފޯނު ނަމްބަރު ފަދަ މައުލޫމާތު ހިމަނަން ޖެހެ އެވެ.