އުރީދޫ

އުރީދޫ ބްރޭންޑްގެ ލޯގޯ އަދި ޓެގްލައިނަށް ބޮޑު ބަދަލެއް

Aug 11, 2022

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި ކަމަށްވާ އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން -- "އަޕްގްރޭޑް ޔޯ ވޯލްޑް" ރާއްޖެއަށް އިފްތިތާހުކޮށްފި އެވެ.

އުރީދޫ އިން ބުނީ އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމައަށް ތަމްސީލްކޮށްދިނުމަށް ކުންފުނީގެ ބްރޭންޑަށް ގެނައި ބަދަލު އެންމެ ފުރަތަމަ އިފްތިތާހުކުރީ ރާއްޖޭގައި ކަމަށެވެ.

އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ތައާރަފް ކުރާ އާ އީޖާދުތަކުގެ އިތުރުން، ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގުސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ އާ އައިޑެންޓިޓީ އަކީ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުން އަންނަ ކުރިއެރުމާއި އެއްގޮތްވާ ގޮތުގެ މަތިން ގެނެވުނު ބަދަލެއް ކަމަށްވެސް އުރީދޫ އިން ފާހަގަކޮށްފައިވެ އެވެ.

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަހްރޫ ވިދާޅުވި ގޮތުގައި މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އާ މަރުހަލާއެކެވެ. އެގޮތުން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ހިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

'"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާ ގޮތަށް ހިދުމަތްތަކާއި ޕެކޭޖްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށްވެސް އުރީދޫ އިން ބުނެ އެވެ.