( 9 އޯގަސްޓް 2022 އާ ގުޅޭ )
މާޔަލް ކޮޓަރިއަށް ގޮސްފައި އެނބުރި އައެވެ. އަދި އަތުގައި އޮތް ކަރުދާން އިވާންއާ ދިމާއަށް ހޫރާލިއެވެ. އެވަގުތު ސިޓިންރޫމު ސޯފާގައި އިވާންއާއެކު މަލަކް ވެސް އިނެވެ. މާޔަލްގެ މި ޢަމަލުން މަލަކް ވެސް ހައިރާންވެ ބަލަން އިނީއެވެ. މާޔަލް މަޑެއް ނުކުރިއެވެ. އޭނާ އެނބުރި ގޮސް އަނެއްކާ ވެސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ.
އެނދުގައި އިށީނދެލައިގެން މާޔަލް އިނެވެ. ނުތަނަވަސްކަމަށްވުރެ ބޮޑަށް އޭނާ އެ އިނީ ހާސްވެފައެވެ. އޭނާ މަސައްކަތް ކުރާ ކުންފުނީގެ އޮފީހަށް އިވާން ގުޅާފާނެއޭ މާޔަލް ހިތަށް ވެސް ނާރައެވެ. އިވާން ސުވާލުކުރުމުން މާޔަލްއަށް ދޭނޭ ޖަވާބެއް ކުއްލިއަކަށް ނޭނގުނީއެވެ. ހަޤީޤަތް ހާމަކުރެވޭކަށްނެތެވެ. އިވާން ޤަބޫލެއް ނުވާނެކަން މާކުރީން ވެސް މާޔަލްއަށް އެނގެނީއެވެ. އެހެންވިޔަސް އައިތަން އޭނާއަށް ކުންފުނީގެ ނަމުގައި ތައްޔާރުކޮށްފައި އޮތް ރަސްމީ ލިޔުމެއް ދިނީ މިފަދަ ހާލަތެއް މެދުވެރިވެދާނޭ ކަމަށް ވިސްނާފައިކަން ޔަގީނެވެ. އައިތަންގެ އިތުރުން ކުންފުނީގެ އެންމެ އިސް ވެރިޔާ، އިސާކު ވެސް އޮތީ އެ ލިޔުމުގައި ސޮއި ކޮށްފައެވެ. މާޔަލް އޮޅުވާނުލާކަން އެ ލިޔުން ސާބިތުކޮށްދެއެވެ. ވީއިރު އިވާނަށް އޮޅުންފިލުވާދޭށޭ ކިޔާ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތްކަމަށް މާޔަލް ނުދެކެއެވެ. ކޮންމެ ގޮތެއް ވިޔަސް އިވާންގެ އެ ޢަމަލަކީ މާޔަލްއަށް އިތުބާރުނުކުރާ ކަމުގެ ރަމްޒެކެވެ. އެހެންނޫނީ އޮފީހަށް މާޔަލް ހޯދަން ގުޅުމެއް ބޭނުމެއްނެތެވެ. ފާރަލަނީތޯ ސުވާލު ކުރުމުން އިވާނަށް ވެސް ޖަވާބެއް ނުދެވުނީ އެހެންވެގެންކަން މާޔަލް ޤަބޫލުކުރިއެވެ.
ދޮރުގައި އިވާން ޓަކި ޖެހިއެވެ. މާޔަލްގެ ނަމުން ގޮވާލީ ކޮޓަރި ތެރެއިން ޚަބަރެއް ނުވީމައެވެ. ސޯފާގައި މަލަކް އިންއިރު އޭނާގެ ކުރިމަތީ މާޔަލް ކަންތައް އެ ކުރިގޮތާމެދު ހިތްހަމަނުޖެހުނެވެ. އަނެއްކޮޅުން އެއީ މާޔަލްގެ ކިބައިން ކުރީން ނުފެންނަ ސިފައެކެވެ. އެ ދެމެދުގައި މައްސަލަ ޖެހުނަސް އެހެން މީހުންގެ ކުރިމަތީ މާޔަލް އެ ނުރުހުން ފާޅެއް ނުކުރާނެއެވެ. އިވާންއަށް އަބަދުވެސް އޭނާ ޤަދަރުކުރެއެވެ.
އާމާލްއާއެކު މައިރާ އައިސް ގެއަށް ވަނެވެ. މަލަކް އަތުގެ އިޝާރާތުން މަންމައާއި ދޮންތިއަށް އިވާން ދައްކައިފިއެވެ. އޭނާގެ ހަރަކާތްތަކުން މާޔަލްއާއި އިވާންއާ ދެމެދު ކަމެއް ހިނގައިފިކަން ބުނެދޭން މަސައްކަތް ކުރިއެވެ. މަންމައަށްވުރެ ހަލުވިކޮށް މައިރާ އަވަސްވެލީ މާޔަލްގެ ކޮޓަރި ކައިރިއަށް އައުމަށެވެ.
"މާއްކޮ..." ދޮރުމަތީ ހުރި އިވާނަށް ބަލާލަމުން މައިރާ އައިސް ދޮރުގައި ޓަކިދީފިއެވެ. ދޮރުގެ ތަޅުގައި އޭނާ ހިފާލިއެވެ. ދޮރު ހުރީ ހުޅުވާފައެވެ. އެހެންވެ ކޮޓަރި ތެރެއަށް މައިރާ ބޯދިއްކޮށްލިއެވެ. މާޔަލް ފެންނާކަށް ނެތެވެ.
"ފާޚާނައިގަ." އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އިވާނަށް ބަލާލަމުން މައިރާ ބުނެލީ ހިނިތުންވުމަކާއެކުއެވެ. އަދި އިވާންގެ އަތުގައި އޮތް ލިޔުމަށް މައިރާ އިޝާރާތްކޮށް އެއީ ކޯއްޗެއްތޯ ސުވާލު ކުރިއެވެ.
"މައްޔު ޖޮބް ހަމަޖެހުނުކަމުގެ ލެޓާ." އިވާން މިހެން ބުނިއިރު އޭނާ ވެސް ހަމަޖެހިފައި ހުރި ކަހަލައެވެ.
މާޔަލް ފާޚާނާއިން ނުކުތްއިރު ކޮޓަރީގައި މައިރާ އިނެވެ. ކޮއްކޮ ފެންނައިރަށް އިވާން ބޭރުގައި ހުރިކަން މައިރާ ބުންޏެވެ. ފުރަން އުޅޭކަން އިވާންއަށް އެނގޭތޯ މައިރާ ސުވާލުކޮށްލިއެވެ. އެއާއެކު މާޔަލް ބޯޖަހާލީއެވެ. މައިރާ ކައިރީ ނުބުނީމަ އެކަމުގެ ޝަކުވާ އޭނާ ކުރިއެވެ. އަދި އޭނާ އައިސް އެ އިނީ މަންމަގެ ފަރާތުން އެ ޚަބަރު ލިބިގެންކަން ބުންޏެވެ. ދަތުރަށް ތައްޔާރުވުމުގައި މާޔަލްއަށް އެހީވާނެކަން މައިރާ ބުންޏެވެ.
"އިވާންދެކެ ކަމަކާ ހިތްހަމަނުޖެހިފަތަ؟." މައިރާ އަހާލިއެވެ. މާޔަލް އިރުކޮޅަކު ހުރެފައި ދެފަރާތަށް ބޯހޫރާލިއެވެ.
"މާއްކޮ ފުރާތީ ދޯ އެއައީ." މައިރާ ލަފާކޮށްލިއެވެ. އެއާއެކު މާޔަލް ވެސް ހޫން ލައްވާލިއެވެ. ސުވާލު ގިނަވެދާނެތީއެވެ.
"އިވާން ގޮވައިގެން ސައިބޯން އަންނަންވީނު. ދޮންތި ހަވީރު އަންނަމުން ހެދިކާ ހިފައިގެން އައީ. މާއްކޮއަށް މީރު ހަވާދުލީބިސް ހުންނާނެ." މާޔަލްގެ އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ދޮރުކައިރީ މަޑުކޮށްލައިގެން ހުރެ މައިރާ ބުންޏެވެ.
ޢާއިލާގެ ކުރިމަތީ އިވާންއާއި މާޔަލް މާގިނަ ވާހަކައެއް ނުދައްކައެވެ. ދެ މީހުން ކާމޭޒުދޮށުގައި ތިބެ ސައިބުޔެވެ. ސިއްރުން ކަހަލަ ގޮތަކަށް އިވާން ސޮރީއޭ ބުނެލިއެވެ. އެހެންވިޔަސް އިވާން ބޭނުންވާ ޔަގީންކަމެއް އަމިއްލަ ނަފްސަކަށް ނުލިބެއެވެ. މާޔަލް ދިން ލިޔުމުން އޭނާ ޔަގީނުން ވެސް އޮފީހުގައި މަސައްކަތްކުރާކަން އެނގެން އެބައޮތެވެ. އެކަމަކު އިވާންއަށް ޤަބޫލުކުރާން ދަތިވަނިވަނީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެވެސް ކަހަލަ އޮޅުމެއް އެ ކަމުގައި އުޅެޔޭ އޭނާގެ ހަވަނަ ހިއްސު ބުނާންވީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު މަގަކީ މިވަގުތަށް އެ ސުވާލުތައް ދުލާ ހަމައަށް ނުގެނެސް ހިފެހެއްޓުންކަން އިވާނަށް ވިސްނެއެވެ.
"ކޮންއިރަކު އަންނާނީ." ފެންތަށިން ކޯވަރެއް ބޯލައި ތަށި ބަހައްޓާލަމުން އަހާލިއެވެ. އަދި އޭނާގެ ނަޒަރު މާޔަލްއަށް އަމާޒުކޮށްލިއެވެ.
"ސަޓަރޑޭ މެންދުރު." މާޔަލް ބުންޏެވެ.
"އަހަރެން ގުޅިޔަސް އެންމެ ރަނގަޅުތަ؟." އިވާން އަހާލިއެވެ.
"ކަމެއްގަ ބިޒީނޫނިއްޔާ މިހާރު ވެސް ގުޅާއިރަށް އާންސާ ކުރަން." މާޔަލްގެ ޖަވާބު އައީ ރުންކުރުކޮށެވެ. އިވާން އިން ގޮނޑިން ތެދުވެ މާޔަލްއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އަދި މޭޒުމަތީ ބާއްވާލައިފަ އޮތް މާޔަލްގެ ވައަތުގައި އިވާން ހިފާލިއެވެ.
"އައި ނޯ. ސޮރީ ފޯ ބީން އަ ޖާކް. އައި އޭމް ޖަސްޓް ވޮރީޑް... މައްޔު ކުއްލިއަކަށް އޮފީހަކަށް ވަނީމަ. ދުވަހަކުވެސް ކުރާން ބޭނުންނުވި ކަމެއް ކުއްލިއަކަށް ކުރީމަ. އަހަންނަށް ނުވިސްނިގެން މިއުޅެނީ މައްޔުގެ ޚިޔާލު ބަދަލުވާން ޖެހުނު ސަބަބެއް." އިވާން ވާހަކަދެއްކީ ވީހާ ވެސް މަޑުންނެވެ. އެ ދެމެދުގައި ދެކެވޭ ވާހަކައެއް އިތުރު މީހަކަށް އިވިދާނެތީއެވެ.
"ޚިޔާލަކީ ބަދަލުވާ އެއްޗެއް. އިވާން ދެން ގެއަށްދޭ. އަހަރެން ކުރަން ބައިވަރު ކަންކަން އެބަހުރި." އަތް ދުރަށް ޖަހައްސާލަމުން މާޔަލް ބުންޏެވެ.
"މައްޔު ފުރަން..." އިވާންގެ ވާހަކަ ހުއްޓާލީ މާޔަލް ބަލާލި ގޮތުންނެވެ.
"ދަނީ ކޮންތާކަށްކަން ބުނެފިން. ޑޭޑް ދާނެ އަހަރެން ފުރުވަން. އިވާން މިގޭގަ މަޑުކުރުމުގެ ބޭނުމެއްނެތް. ޖަސްޓް ލީވް. ޕްލީޒް." މާޔަލް ދަތްކުނޑިވިކާލައިގެން އިވާންއަށް ބަލަން އިނެވެ. އިވާން ގަޔާނުވިކަން އޭނާގެ ދެބުމަ ކައިރިވެލައި އެ މޫނަށް ވެރިވި ކުލަވަރުން ދޭހަވެއެވެ. ނަމަވެސް މާޔަލް އަޅައެއް ނުލިއެވެ. ކުއްލިއަކަށް އިވާން ކާމޭޒުދޮށުން ތެދުވީއެވެ. އޭނާ މަޑުކުރުމެއްނެތި އެގެއިން ނުކުމެގެން ދިޔައީއެވެ. އެތަން ފެނި މައިރާ ކާމޭޒުދޮށަށް އައެވެ.
"އިވާން ހާދަ އަވަސްއަރުވާލާފަ އެ ދިޔައީ." މައިރާ ވާހަކަދެއްކިއިރު އެ މޫނުން ހައިރާންކަން ފާޅުވެއެވެ. މާޔަލްއާއި އިވާންގެ ފަރާތުން އޭނާއަށް މިފެންނަނީ އެހެންޏާ ނުފެންނަ މަންޒަރެކެވެ.
"ހޫމް... ކޮބާ މަލްކޮ. ބޭގް ގެނެސްދޭނަމޭ ބުނި." މާޔަލް ގަސްދުގައި އިވާންގެ ވާހަކަ އޮއްބާލިއެވެ. އަދި ކާމޭޒުމަތީ އޭނާއާއި އިވާން ސައިބޯން އެތުރި ތަށިތައް ނަގާފައި ކޮޓަރިއަށް އައެވެ.
* * * * *
ލާންޗު ފެރީގައި މުވައްޒަފުން ފުރާން ހަމަޖެހިފައި އޮތްއިރު ތަނުގެ ވެރީން ފުރަން އޮތީ ވަކި ލާންޗެއް ހަމަޖައްސާފައެވެ. ރޭގަނޑުގެ ވަގުތެއް ކަމަކު އައިރިކްގެ ލޯ ވަނީ ކަޅު އަވިއައިނަކުން ފޮރުވާލެވިފައެވެ. އޭނާ ލާންޗަށް އެރީ އައިތަންއާއި ބައްޕަގެ އެހީތެރިކަމާއެކުއެވެ. ޖެހިލުންވީލެއް ބޮޑުކަމުން އަވަސްވީ ހިތް އަދިވެސް ހަމައަކަށް ނޭޅެއެވެ. އެހެންވިޔަސް އޭނާގެ މޫނުން އެފަދަ އަސަރެއް ފާޅެއް ނުވެއެވެ.
"ކޮބާ އައިތަން؟." ކައިރީގަ ހުރި ބައްޕައާ އައިރިކް ސުވާލު ކުރިއެވެ.
"މާޔާ އަންނަންދެން އެ މަޑުކުރަނީ." އިސާކު ބުންޏެވެ. އޭނާއަށް އައިރިކްގެ ނިންމުންތައް އައިތަން އޮތީ ކިޔާދީފައެވެ. މާޔާ ހުންނާނީ އައިރިކްގެ ކައިރީގަކަމެވެ. އެހެން މީހަކަށް ދަރިފުޅު އިތުބާރު ނުކުރާނޭކަން ވިސްނޭތީ އިސާކު އެ ނިންމުންތަކާ ދެކޮޅެއް ނުހެދިއެވެ. އެއަށްވުރެ ބޮޑު އުފާވެރިކަމެއް އޭނާއަށް ލިބިފައިވަނީ މާޔާގެ ސަބަބުން ވިޔަސް އައިރިކް އެ ޙަފުލާގައި ބައިވެރިވާން އެއްބަސްވީމައެވެ.
"ބައްޕަ މަޑުކުރަންވީތަ؟." އިސާކު އަހާލިއެވެ.
"ބޭބެ ދުރުވޭ. އަޅުގަނޑު ރިކް ކައިރީ އިންނާނަން." އެ ދެބަފައިން ކައިރީ މަޑުކޮށްލި ޝަހާ ބުންޏެވެ.
"ތެންކިޔު ޑިއަރ." އިސާކު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާ އެނބުރިލީ އެމީހުންނާއެކު ބައިވެރިވި އޮފީހުގެ ހަތަރު ވެރީންގެ ކައިރިއަށް ދިއުމަށެވެ.
"އޮފީހުގެ ކަމެއްގަ ޝަހާ ކީއްކުރަން ތިއައީ؟." ބައްޕަ ދުރަށް ހިނގައްޖެކަން ޔަގީންވުމުން އައިރިކް ވާހަކަދެއްކިއެވެ.
"ބައްޕަގެ ރިސޯޓަށްދާތީ. އެހެންނޫނަސް ވީ އާ ޕާޓްނާސް. ނޫންތަ." ޝަހާ ބުންޏެވެ.
އައިރިކް އިން ގޮނޑީގައި ޝަހާ އިށީނުމުން އޭނާ އިނީ އުނދަގޫވެފައެވެ. އައިރިކް ގަސްދުކޮށްގެން އިނީ ގާތުގައި މާޔާ ބޭންދުމަށެވެ. އޭނާއަށް ހަމަޖެހިލައިގެން އިނދެވޭނީ ވެސް އޭރުންނެވެ. ދަތުރުގައި އައިރިކް ބައިވެރިވި އެންމެ ބޮޑު މަޤްޞަދަކީ މާޔާއާއެކު ތަންކޮޅެއް ގިނަ ވަގުތު ހޭދަކޮށްލާނޭ ފުރުޞަތު ހޯދުމެވެ. ނަމަވެސް ދަތަރު ނުފެށިގެން އުޅެނިކޮށް އައިރިކްގެ ޠަބީޢަތް ހަރާބުވާގޮތް ވެއްޖެއެވެ.
"މައްޔު. ދަރިފުޅު ބަލައިގެން އުޅެއްޗޭ. ކޮންމެވެސް އިރަކުން ވަގުތެއް ހޯދައިގެން މަންމައަށް ގުޅާލައްޗޭ. ބޮލަށް ތަދުވާނަމަ މީހަކު ކައިރީ އަވަހަށް ބުނާތި އިނގޭ. ބޭސް ހިފައިންތަ ތިއައީ." ކާރު ކައިރީ މާޔަލްއާއެކު މަޑުކޮށްގެން ހުރި މަޒްހަރު ވާހަކަދެއްކިއެވެ. އޭނާ ދަރިފުޅަށް ވަދާއު ކިޔަމުން ބޮލުގައި ފިރުމާލިއެވެ. ތަނަށް އެއްވެފައި ތިބި ގިނަބަޔަކު އެތަނުގައި އޮތް ލާންޗު ފެރީއަށް އަރާތަން މަޒްހަރަށް ފެނެއެވެ.
"ޑޯންޓް ވޮރީ ޑޭޑް." މާޔަލް ހިނިތުންވުމެއް ބައްޕައާ ބަދަލުކޮށްލިއެވެ.
"އިންޖޯއި." މަޒްހަރު ވެސް ފަހުބަހަކަށް ބުނެލިއެވެ.
މާޔަލް ތޮށިގަނޑުމަތީ ތިބި މީހުންނަށް ބަލަން ފެށިއެވެ. އެވަގުތު މީހަކު އަތްހޫރާލި ތަން ފެނުނެވެ. އެއީ އައިތަންއެވެ. ބައްޕަގެ ގާތުގައި ދަނީއޭ ބުނެ މާޔަލް އައީ އައިތަން ހުރި ދިމާއަށެވެ.
"މި ލޯންޗުގަ އަހަރެމެން ދާނީ. މާޔާ އެކަނި ނެތީ." އައިތަން ބުންޏެވެ. އަދި އޭނާ މާޔަލްގެ ދަބަހުގައި ހިފިއެވެ. ލާންޗަށް ފައިބާފަ މާޔަލްއަށް އަތްދިއްކޮށްލިއެވެ. ދިޔަވަރުގެ ގޮތުން ތޮށިގަނޑަށްވުރެ ލާންޗު ތިރިވީމަ ސިޑިއަށް ބަހައްޓާފައި ހުއްޓެވެ. އައިތަންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މާޔަލް ލާންޗަށް ފޭބިއެވެ. އެތެރެއަށް ވަންނަމުން ކައްޕި ކައިރީ މީހުން ހަމަވީކަން އައިތަން ބުނެލިއެވެ.
އިށީންނަން އައި މާޔަލް ހުއްޓުނީ އައިރިކްއާއެކު ޝަހާ އިންތަން ފެނިފައެވެ. އައިތަން ނިތްއަރުވާލީ ވީގޮތެއް އަހާލާފަދައިންނެވެ. އެއާއެކު މާޔަލް އެނބުރިލީ އެމީހުންނާ ދުރުގައި ހުރި ގޮނޑިއެއްގައި އިށީނުމަށެވެ. މާޔަލްގެ އެ ނިންމުމާމެދު އައިތަން ސުވާލު އުފެދުނެވެ. އޭނާ މާޔަލް އިށީން ގޮނޑިމަތީ ދަބަސް ބަހައްޓާލަދިފައި ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.
"ރިކް ކައިރިޔަށް ކީއްވެ ނުދިޔައީ." އައިތަން ސުވާލުކުރިއެވެ.
"މިވަގުތު އަހަރެންގެ ބޭނުމެއްނެތީމަ." މާޔަލް ބުންޏެވެ.
"ޝަހާ އިނީމަތަ؟." އައިތަން އަހާލިއެވެ.
"އައިތަންގެ ވައިފް ކޮބާ؟. ކީއްވެ ގޮވައިގެން ނައީ؟." މާޔަލް ވާހަކަ ބަދަލުކޮށްލިއެވެ. މާޔަލްއަށް ޖަވާބެއް ނުދިންއިރު އައިތަން އިނީ ޒާތެއްގެ ހިންޏެއް އައިސްފައެވެ. މާޔަލް އެކުރީ ކީއްކަން އޭނާއަށް އެނގޭ ކަހަލައެވެ. އަވަސްއަވަހަށް ލާންޗުން ބޭރަށް މާޔަލް ނަޒަރު އަނބުރާލިއެވެ.
"އެންމެން ހަމަވީތަ؟. މާޔާ އެރީތަ؟." ލާންޗު ނައްޓާލަނީކަން އެނގުމުން އައިރިކް އަހާލިއެވެ.
"އެމީހުން އަނެއްފަރާތުގައި ތިބީ." ޝަހާ ބުންޏެވެ.
ގޮވާބަލަ." އައިރިކް ބުނެލިއެވެ.
"އެ ދެމީހުން ވަރަށް ބޮޑު ވާހަކައެއްގަ އެތިބީ. ވެދާނެ ދެމީހުން އެކަނި ވާހަކަދައްކާލަން ބޭނުންވީކަމަށް. އެހެންވެ އަހަރެމެންނާ ދުރުގަ އިށީނީ. ކީއްކުރަން ގޮވާ ގެންނަނީ. ރިކް ކައިރީ އަހަރެން މަޑުކުރާނަމޭ." ޝަހާ ބުންޏެވެ.
ޝަހާގެ ވާހަކަތަކުން އައިރިކްއަށް ދަތްކުނޑިވިކާލެވުނެވެ. އައިތަންދެކެ ހިތްހަމަނުޖެހުނެވެ. އޭނާގެ ކައިރިޔަށް މާޔާ ނުގެނެސް ވަކިން މާޔާ ގޮވައިގެން އައިތަން އިށީންކަން އެނގުމާއެކު ހިތަށް އުނދަގޫވީއެވެ. އެ ދެމީހުން ވަކިން ތިބެ ދައްކަން އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ. އައިރިކްއަށް ނޭނގުނީ އޭނާގެ ލޮލަށް ނުފެންނާތީ އެކަމުން ޝަހާ ފައިދާ ނެގިކަމެވެ. އޭނާގެ ކައިރީ ޝަހާ ދޮގު ހެދީއެވެ. އައިތަން އިނީ އޭނާގެ ފޯނު ނަގައިގެން އެއަށް ގެއްލިފައެވެ. މާޔަލް އިނީ ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލި ގޮތަށެވެ. ކޮންމެވެސް ޚިޔާލެއްގައި ކަހަލައެވެ. އެކަމަކު އެއިން މަންޒަރެއް އައިރިކްއަށް ފެންނާނީ ކިހިނެއް ހެއްޔެވެ.
ތުންފަތުގެ އެއްކޮޅުގައި މާޔަލްއަށް ދަތްއަޅާލެވުނެވެ. ކުރިމަތީ އައިތަން އިންއިރު މާޔަލްގެ ސިއްރު ނަޒަރުތައް ހުއްޓެމުންދިޔައީ އައިރިކްއާއި ޝަހާއަށެވެ. އެ ދެމީހުން އެކުގައި ތިބިތަން ފެނުމުން މާޔަލްގެ ހިތް ނުތަވަސްވާގޮތް ވަނީއެވެ. ހަނދާންވަނީ ފެނުނު ހުވަފެނެވެ. ފޯނުންވިޔަސް އައިރިކްއާ ވާހަކަދައްކަމުން ދިޔައިރު ދެމެދުގައި ހުރި ގާތްކަމެވެ. އިޙްސާސް ކުރެވުނު އުފާވެރިކަމެވެ. އެ ހަނދާންތަކުން ވަކިން މާޔަލްގެ ހިތުގައި ރިއްސާލައިފިއެވެ. އުނގުމަތީ ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ ވަކިކޮށްލައި ދެއަތް އުރާލައިފިއެވެ.
"އެއީ ރިކް މެރީ ކުރަން އުޅޭ ކުއްޖާ." ހިތައި ނަފްސަށް ވިސްނައިދޭން އުޅޭ ފަދައިން އޭނާގެ ޟަމީރު ބުނަމުންދިޔައެވެ.
"ފިނިވަނީތަ؟." މާޔަލްގެ ހަރަކާތް ފާހަގަވުމާއެކު އައިތަން ނިކަން އަވަހަށް އަހާލިއެވެ. މާޔަލް ނޫނެކޭ ބުނުމުގެ ބަދަލުގައި ބޯހޫރުވާލީއެވެ.
"ޕާމަނަންޓްލީ މާޔަލްއާއެކީ ވޯކްކުރަން ދޮންބެ ބޭނުންވާހެން ހީވޭ. މާޔަލްގެ ވިސްނުން ހުރީ ކިހިނެއް؟. މާޔަލްއަށް ވަރަށް ޓްރަސްޓް ކުރޭ. ހިޔެއްނުކުރަން މިހާ ބޮޑު ޗޭންޖެއް ދޮންބެއަށް އަތުވެދާނެކަމަކަށް." އައިތަން އަހާލިއެވެ.
"އަހަރެންގެ އަމިއްލަ ދިރިއުޅުން... ވަގުތު ޖެހުނީމަ އެ ދިރުއުޅުމަށް އެނބުރި ދާންޖެހޭނެ. އެޔެއްނު އަހަރެން އެއްބަސްވީ ގޮތަކީ." މާޔަލް ބުންޏެވެ. މިފަހަރު އޭނާ ދެއްކި ވާހަކައިގަ މައްޗަށް އަމިއްލަ ނަފްސަށް ޔަގީންކަމެއްނެތެވެ. މިހާރުގެ ހާލަތު ދޫކޮށްލައިފަ އޭނާ މަޑުޖައްސާލާފައިވާ ދިރިއުޅުމަށް އަނބުރާ ދާން ބޭނުންކަމެއް މާޔަލްއަށް ޔަގީނެއްނޫނެވެ. އަންނަމުންދާ ބަދަލުތައްދެކެ ޚުދު އޭނާ ބިރުގަނެއެވެ. މިވަނީ ކިހިނެއްކަމެއް އޭނާއަށް ނުވިސްނޭތީއެވެ. ޔަގީންނުވާ ކަންކަމަށް ބަރޯސާވާނީ ކިހިނެއް ހެއްޔެވެ. އައިރިކްއެކޭ އެއްގޮތަށް އޭނާގެ ދިރިއުޅުން ވެސް ވަނީ ރޭވި ނިމިފައެވެ. އެކްސިޑެންޓް ނުވިނަމަ އެ ދެމީހުން ބައްދަލެއްނުވީހޭ އަމިއްލަ ހިތަށް މާޔަލް ވިސްނައިދޭން ބޭނުންވިއެވެ.
"ހޭއި!... ރޮނީތަ؟." އައިތަން ކުއްލިއަކަށް އިންތަނުން ތެދުވެ މާޔަލްގެ ގާތުގައި އިށީނެވެ.
ދެ ލޯ ކަރުނުން ފުރެންވީ ކީއްވެކަމެއް ބުނާކަށް މާޔަލްއަކަށް ނޭނގުނެވެ. އައިތަން ކަންބޮޑުވިއެވެ. މާޔަލްއަށް ވީގޮތެއް އޮޅުންފިލުވަން އޭނާ އަވަސްވިއެވެ. މާޔަލްގެ ކޮނޑުމަތިން އަތްއަޅުވާލައި އައިތަންއާ ގާތްކޮށްލިއެވެ. ސިއްރުން އޭނާ ވާހަކަދެއްކިއެވެ. މާޔަލްގެ ބޮލުގައި ރިއްސަނީތޯ ސުވާލުކުރިއެވެ. އޭނާއަށް މާޔަލްގެ ހާލު އެނގޭތީއެވެ. ދެ ލޯ ފުހެމުން މޫނު ފޮރުވަމުން މާޔަލް ބޯހޫރާލިއެވެ. އުނދަގޫވެ ރިހެނީ އޭނާގެ ހިތުގައެވެ. ދެ ލޯ ކަރުނުން ފުރޭންވީ ސަބަބެއް ވެސް އޭނާއަކަށް ނޭނގެއެވެ.
"ކިހިނެއްވީ؟." އައިތަންއާއި މާޔަލް ތިބިގޮތް ފެނި އިސާކު ތެދުވެގެން އެކުދީންގެ ގާތަށް އައެވެ.
"މާޔަލ.... މާޔާ ލޮލަށް އެއްޗެއް ވެއްޓުނީ." އައިތަންއަށް މާޔަލްއޭ ބުނެވެން އުޅެފައި އޭނާ އަވަހަށް ރަނގަޅުކޮށްލިއެވެ. އަދި މާޔަލް ރޮނީކަން ބުނެފިނަމަ އެންމެން ހާސްވާނެކަން އެނގޭތީ އެކަން ވެސް އޭނާ ސިއްރުކުރިއެވެ.
"ފެންފޮދެއް ގެންނަންތަ؟. ލޯ ދޮވެލަން." އިސާކު ބުންޏެވެ.
"ނައު އޯކޭ. ދޯ." އައިތަން ދޯ ދިނުމާއެކު މާޔަލް އަވަސްއަވަހަށް ބޯޖަހާލިއެވެ. އެހިނދު އިސާކު އިޝާރާތުން އައިތަންއަށް އަންގާލީ ދެމެދުގައި ދުރުމިން ބެހެއްޓުމަށެވެ. ހަގު ފިރިހެން ދަރިފުޅުގެ ގޮތް އިސާކަށް ވެސް އެނގެއެވެ. ބައްޕަގެ އިޝާރާތުން މޮޔައެއްހެން އައިތަން ހީނލިއެވެ. ދެން ހުސްޖާގަ އޮންނަ ވަރަށް މާޔަލްއާ ދުރަށް އޭނާ ޖެހިލައިފިއެވެ.
އެންމެން ހިނގައިގަންނަން އުޅުމުން ވެސް އައިރިކް ހުރީއެވެ. އޭނާގެ ކަނާއަތުގައި ހިފާލައިގެން ހުރެ އެ އަތަށް ޝަހާ ދަމާލިއެވެ. ހިނގައިގަންނަން އޭނާ ބުންޏެވެ.
"މާޔާ." ތަންކޮޅެއް ބާރަށް އައިރިކް ގޮވާލިއެވެ. އަދި އޭނާގެ ވައަތް ކުރިޔަށް ދަމާލިއެވެ. މާޔާ ހުރީ ކޮންދިމާއެއްގައިކަން ބުނާން މިފަހަރު އައިރިކްއަށް ނޭނގުނީއެވެ. ޝަހާއާ އަތް ވަކިކޮށްލަން އުޅުމުން ވެސް އޭނާ އައިރިކްގެ އަތުން ދުލެއް ނުކުރިއެވެ. އޮފީހުގެ އިސް ވެރީންނާއި ބައްޕަގެ ނަޒަރު ވެސް އޭނާއަށް ހުއްޓިފައި ހުންނާނެތީ ގަދަކަމުން ޝަހާ ދުރުކޮށްލާން އައިރިކް ބޭނުންނުވީއެވެ.
"ގޯ!... ދޮންބެ މޫޑު ގޯސްވެދާނެ." މާޔަލް ކޮނޑުގައި ޖަހާލާފައި އައިތަން ބުންޏެވެ.
އައިރިކްގެ އަތްތިލައިގެ ތެރެއަށް ހެޔޮވަރުކޮށްލި އަތްތިލައިގެން އިޙްސާސް ކުރެވުމާއެކު އެ އަތުގައި ހިފާލީ ނުހަނު ބާރަށެވެ. ގަޔާ ކައިރިކޮށްލުމާއެކު މާޔަލްއާ ދިމާއަށް އައިރިކް ގުދުވެލިއެވެ. ޝަހާއަށް އައިރިކްގެ ނަމުން ގޮވާލެވުނެވެ. އޭނާއަށް ހީވީ މާޔަލްގެ މޫނުގައި ބޮސްދޭން އައިރިކް އުޅުނީ ހެންނެވެ. ނަމަވެސް ހަމަ އެހިނދު އައިރިކް މަގު ކިޔައިދޭން މާޔަލްގެ ކައިރީ އެދުނު އަޑު އިވިއްޖެއެވެ. މާޔަލްގެ އަތުގައި އެހާ ގާތްކޮށް އައިރިކް ހިފަހައްޓައިގެން ހުންނާތީ އެކަން ވެސް ޝަހާއަށް ބޮޑުކަމަކަށް ވިއެވެ.
"ރިކް... އަހަރެން މިހުރީ އަތުގަ ހިފައިގެންނު. އޭނާގެ އަތުގައި ނުހިފިޔަސް އޭނާ ކިޔައިދޭ ގޮތައް އަހަރެންނާއެކީ ނުދެވޭނެތަ؟. އޮފީސް ތެރޭ ރިކްއޭ ކިޔައިގެން އަޑެއް ފެތުރިދާނެ." ޝަހާ ބުނީ މާޔަލްއަށް އަޑުއިވޭ ވަރަށެވެ. (ނުނިމޭ)