އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުކުރުމުގެ ސަބަބުން މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ފޯރާތީ އެ އެއްޗެހި އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބަދުއަހުލާގީ އަމަލުތައް ދައްކާ ވީޑިއޯތައް އާންމުކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްބުނެ އެކީ މީހުންގެ ވަނަވަރު ހާމަވެ، ބައެއްގެ އަބުރަށް އަރައިގަތުމުގެ އަމަލަކަށްވާތީ އެކަން ކުށްވެރިކުރާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި ބުނީ ވީޑިއޯތައް އާންމުކުރުމުގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްތައް ވެސް ކުރިމަތިވާނެ ކަމަށެވެ. މިފަދަ އަމަލުތަކަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި އަދި އާއިލާތައް ވެސް ރުޅިގެންދާފަދަ އަމަލުތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ވީހިނދު، މިފަދަ ވީޑިއޯތައް އާންމުކުރާ މީސްމީޑިއާގެ ޕްލެޓްފޯމްތަކަކީ ކުޑަކުދިންވެސް ބޭނުންކުރާ ޑިޖިޓަލް ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށްވުމުން، އުމުރު އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި، ނާޒުކު ހާލަތްތަކަށް ދަނީ ހުށަހެޅެމުން. އެހެންކަމުން މިއީ ރައްކާތެރިކަމާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަމެއް ކަމުގައި ދެކެން،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އެޗްއާރްސީއެމް= ވަނީ މިފަދަ މައްސަލަތަކާއި އަދި އެހެނިހެން މައްސަލައަކާއި ގުޅިގެން ވެސް ވީޑިއޯއެއް ނުވަތަ އެހެން މައުލޫމާތެއް ލިބިފައިވާނަމަ، އެތަކެތި ތަހުގީގީ އިދާރަތަކަށް ހުށަހެޅުމަށް އިސްތިމާސްކޮށްފަ އެވެ.