ރަޝިއާގެ އެކަކަށް ވެސް ޔޫރަޕަށް އެރިގެން ނުވާނެ ކަމަށް ގޮވާލާފައި ވަނިކޮށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯޒް އެކަމާ ދެކޮޅު ހައްދަވައިފި އެވެ.
ޗާންސެލަރު ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައަށް ރަޝިއާ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ތާއީދެއް ނުކުރެ އެވެ.
"އެއީ ޕޫޓިން ކުރައްވާ ހަނގުރާމައެއް،" އޯލަފް ޝޯޒް ވިދާޅުވި އެވެ. "އެހެންކަމުން ދަތިކުރުންތައް އަމާޒުވާން ޖެހޭނީ ޕޫޓިންއަށް -- އާންމުންނަކަށް ނޫން"
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކަށް އަދަބު ދިނުމަށް ދެން އިތުރަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅެއް ހުޅަނގަކަށް ނެތެވެ.
ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން މިހާރު ވިސްނުން ގެންގުޅެނީ އާންމުނަށް ދަތިކޮށް ޔޫރަޕަށް އެރުން މަނާކުރުމުގެ ވިސްނުމެވެ.
ފިންލޭޑާއި އެސްޓޯނިއާ އިން ވަނީ ޔޫރަޕް ގައުމުތައް ހޭވެރިވުމަށް ގޮވާލާފަ އެވެ. އަދި ޔުކްރޭނާ އެކުގައި ތިބިކަން ދެއްކުމަށް ރަޝިއާގެ އާންމުންނަށް ޓޫރިސްޓް ވިސާ ދޫކުރުން ހުއްޓާލުމަށްވެސް އެ ދެ ގައުމުން އޮތީ ގޮވާލާފަ އެވެ.
"ޔޫރަޕަށް އެރުމަކީ، ޒިޔާރަތްކުރުމަކީ ޝަރަފެެއް -- އެއީ އިންސާނީ ހައްގެއް ނޫން" އެސްޓޯނިއާގެ ބޮޑުވަޒީރު ކާޖަ ކާލާސް ވިދާޅުވެ ޓްވީޓް ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ ޓޫރިސްޓުން ޔޫރަޕަށް ނޭރިއަސް ހެޔޮ ކަމަށެވެ.
ފިންލޭންޑްގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްޓޯ ވެސް ވަނީ މި މޭރުމުން ގޮވާލައި ރަޝިއާއަށް އަދަބުދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ އާންމުންނަށް ވިސާ އެހާ ފަސޭހަވެގެން ނުވާނެ އެވެ. އަދި އެކަމާ ވިސްނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފިންލޭންޑާއި އެސްޓޯނިއާ ބުނާ ގޮތުން މިމަހު ފަހުކޮޅު އޮންނަ ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރަޝިއާ ޓޫރިސްޓުންނަށް ގަވާއިދު ހަރުކަށި ކުރުމާ ބޭހޭ ގޮތުން މަޝްވަރާކުރާނެ އެވެ.