ރައީސް އަބްދުﷲ ޔާމީން

"ނަޝީދާއެކު އެއްބަސްވެވޭ ހަމައެކަނި ކަމަކީ ބަރުލަމާނީ ނިޒާމް"

އެންމެ ރަގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްބަސްވެވޭ ހަމައެކަނި އިސްލާހަކީ އެ ނިޒާމު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް ނަޝީދު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަމަކު ނަޝީދު ގެންގުޅުއްވާ ސިޔާސަތުތަކަކީ ރަގަޅު ސިޔާސަތުތަކެއް ނޫން ކަމަށް ޔާމީން މިރޭވެސް ވިދާޅުވި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަމުގެ ނިޒާމަކަށް އެންމެ ރަގަޅީ ބަރުލަމާނީ ނިޒާމުކަމުގައި ވިޔަސް ރާއްޖެފަދަ ކުޑަ ގައުމަކަށް އެ ނިޒާމު ނުފެތޭ ކަމަށެވެ. އެ ނިޒާމުގައި ގިނަ މައްސަތަކެއް ހުރި ކަމަށާއި ސަރުކާރުގެ ސްޓްރެޓެޖީތައް މިފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު ގެންގުޅުއްވަނީ އިސްލާމީ ވެއްޓަށް ފެތޭ ޑިމޮކްރެސީ އެއްނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ޑިމޮކްރަސީއަކަށްވާއިރު، އެމަނިކުފާނުގެ ފިކުރާއި ނަޝީދުގެ ފިކުރާއި ތަފާތު ކަމަށެވެ.

"...އެބަހުރި ފަންޑަމެންޓަލް ބޮޑެތި އިޝޫސްތައް ރައީސް ނަޝީދުގެ ފިކުރާ އަޅުގަނޑުމެންގެ ފިކުރާ ވަރަށް ތަފާތު. އެހެންވީމަ ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންގެ ފިކުރާ އެއްގަލަށް އަރާފާނެ ކަމަކަށް. އެހެންވީމާ އެފިކުރުތައް އެއްގަލަށް ނާރާ ކަމަށްވަންޏާ އަޅުގަނޑުމެން ދެބައި މީހުން އެކުގަ މަސައްކަތްކުރާ ތަނެއް ފެންނާނެ ކަމަކަށް އަޅުގަނޑަށް ނުވެއް ވިސްނޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުންނަން ޖެހޭ އަހުލާގީ މިންގަނޑުތަކާއި މުޖުތަމައުތެރޭ ހިފަހައްޓަން ޖެހޭ ހަމަތަކެއް ހުންނަން ޖެހޭ ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި އިސްލާމީ ގައުމުތަކަށް ހުއްދަ ނޫން ކަންކަން އެކުލެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެކަމަކު ޑިމޮކްރަސީގައި ހުންނަން ޖެހޭ އާންމު ކަންކަން ކަމުގައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އާންމު މަސްލަހަތާއި، ނޫސްވެރިންގެ މިނިވަންކަން ފަދަ ކަންކަން ފަދަ ކަންކަމާ ނަޝީދުގެ ފިކުރުގެ ތެރެއިން ހިޔާލުތަފާތުވުމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީނާއި ނަޝީދު އެކީ މަސައްކަތް ކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ޔާމީން އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިން ނަޝީދޭ ކިޔައިގެން ދައްކަވާފައިވާ ވާހަކައެއް ފާހަގަކުރެއްވި އެވެ.

"ރައީސް މައުމޫން ކީކޭތޯ ވިދާޅުވީ؟ ދުވަހަކުވެސް ތިމަންނަ ރައީސް ނަޘީދާ އެކީ މަސައްކަތްކުރާނެ ތަނެއް ނުފެންނާނެއޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިފަދަ ނިންމުންތަކަކީ އެމަނިކުފާނު އެކަނި ނިންމަވާ ކަންކަން ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ނަޝީދާއެކު ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެސް މަސައްކަތް ކުރައްވަން ފާސްކުރާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދިން އިންޓަވިއުއެއްގައި އެފަދައިން ވިދާޅުވި ނަމަވެސް މާބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.