ފައިސަލް ނަސީމް

މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ފައިސަލް

އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ އިމާދުއްދީން ސްކޫލުގައި ގާއިމުކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނާއިބު ރައީސް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމް ކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭން ފެށިފައިވާ ކަމަށާއި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހދ ކުޅުދުއްފުށީގައި ވަރަށް އަވަހަށް މިފަދަ ހިދުމަތްތައް ފެށުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ކައްކާވަތި" އާއި ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ނަލަވަތި" އަދި ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ޓެކްވަތި" އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ފަހާވަތި" ޕްރޮގްރާމެވެ. ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް ތިނެއް ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެއެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.