ކުރިއަށް އޮތް 10 އަހަރު ތެރޭގައި އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ގަދަ 10 ގައުމުގެ ތެރޭގައި އިންޑިޔާ ގުނާލެވޭނެ ކަމަށް އެ ގައުމުގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިޔާ ބުނެފި އެވެ.
އޭނާގެ ދުވަސްވަރު ސަރަހައްދުގެ އެންމެ މޮޅު ފޯވަޑުގެ ގޮތުގައި ހުރި ބުޓިޔާ މިހެން ބުނީ މިދިޔަ އާދިއްތަ ދުވަހު އިންޑިޔާއިން ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމާ ގުޅިގެން ވާހަކަ ދައްކަމުންނެވެ.
"15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޓީމަށް ބަލާއިރު އިންޑިޔާ އަންނަކީ ކުރިއެރުން ހޯދަމުން. އެހެންވީމް ކުރިއަށް އޮތް 10 ނުވަތަ 15 އަހަރު ތެރޭގައި އޭޝިޔާގެ ގަދަ 10 ގައުމުގެ ތެރޭގައި އިންޑިޔާ ހިމެނޭނެ. އިހަށް ވޯލްޑް ކަޕުގެ ވާހަކަ ބާއްވާ. ހަގީގަތަކަށް ހެދޭނެ ކަމެއްގެ ވާހަކަ މި ވަގުތު ދައްކާނީ،" ބުޓިޔާ ބުންޏެވެ.
އޭނާ ބުނީ ސާފް ސުޒުކީ ކަޕް އިންޑިޔާ ކާމިޔާބުކުރީ ވަރަށް ޒުވާން ޓީމަކާއެކުގައި ކަމަށާއި ކޯޗު ސްޓެފަން ކޮންސްޓަންޓިން އަށް ކްރެޑިޓް ހައްގު ކަމަށެވެ.
"ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު އޭނާ ހުރީ ވަރަށް ޕްރެޝަރުގައި. އެކަމަކު ވަރަށް ޒުވާން ކުޅުންތެރިންނާއެކު ސާފް ކަޕް މި ހޯދީ. ލަލިއާންޒުއާލާ ފަދަ އެތައް ހުނަރުވެރި ޒުވާން ކުޅުންތެރިން މި މުބާރާތުގައި ކޯޗު ވަނީ ނެރެދީފައި. އޭނަ އަށް އަހަރެން ތާއީދު ކުރަން. ވަގުތު ލިބިގެން ކޯޗު ނަތީޖާ ނެރޭނެކަން މިކަމުން އެނގެނީ،" އުމުރުން މިހާރު 39 އަހަރުގެ ބުޓިޔާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ބުޓިޔާ ބުނީ އިންޑިޔާގެ އައިލީގު ވެސް އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި ލގު އިތުރަށް ހަރުދަނާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިންޑިޔާ އަކީ ސާފް ސުޒުކީ ކަޕުގެ އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ތިން މުބާރާތް ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކާމިޔާބު ކުރީ އިންޑިޔާ އެވެ. މީގެ ތެރެއިން 2009 ވަނަ އަހަރު ތަށި ހޯދީ 23 އަހަރުން ދަށުގެ ޓީމު ބައިވެރިކޮށްގެންނެވެ. މިހެންވެ މި މުބާރާތުގައި ނުކުޅެން ވެސް އިންޑިޔާ ވަނީ ވިސްނަން ފަށާފަ އެވެ.