ޓޫރިސްޓް އެރައިވަލް

އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

Aug 12, 2022

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ.

މި ޝަރަފް ލިބުނީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. މިއީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި ތިންވަނަ އަހަރެވެ.

ޑެނިއަލާ ރާއްޖެ އައި ފުރަތަމަ ފަހަރު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރިއިރު ދެވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ. މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން ޑެނިއަލް ރާއްޖެ އައިސް ތިންވަނަ ފަހަރަށް ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ ރޮބިންސަން ކްލަބް ނޫނުގަ އެވެ.

މީގެ 10 އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާއްޖެ އައި ޑެނިއަލްއަށް މިފަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފް ލިބުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އޭނާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއ އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނެވެ.

ޑެނިއަލް މިއަދު ބުނީ އޭނާ ރާއްޖެ އައި ތިންވަނަ ފަހަރު ލިބުނު ޝަރަފަކީ ވަރަށް ފަހުރުވެރިވާ އަދި އަބަދުވެސް ހުންނާނެ ޝަރަފެއް ކަމަށެވެ. އަދި ރާއްޖެ އަކީ އެފަދަ ދެވަނައެއް ނެތް ފަދަ މަންޒިލެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިއަމާޒަށް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ވާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އަހަރުގެ މިހާ ހިސާބުން އެއް މިލއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އަމާޒަށް ވާސިލްވުމަށްޓަކައި އެމްއެމްޕީއާރްސީން ގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އަދި މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ވަރުގަދަ ކެމްޕޭންތައް ވެސް ހިންގަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ 31ގެ ނިޔަލަށް އެމަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް 136،828 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން އައިސްފައިވާއިރު ތިންވަނަ ހިއްސާކުރަނި ރަޝިއާ އެވެ.