ރައީސް މުހައްމަދު ނަޝީދު

ފައްޔާޒުއާ ދެކޮޅުވުމަކީ ހެދުނު ގޯހެއް: ނަޝީދު

Aug 12, 2022
1

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިދިކޮޅަށް މަސައްކަތް ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފި އެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ވަކިކުރުމަށް މަސައްކަތް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައިވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ފައްޔާޒުއާ ދެކޮޅަށެވެ. އަދި ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާ ފައްޔާޒު އުޅުއްވަނީ އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފައްޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށާއި ދެން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި މިހާރު ބޭނުންފުޅުވަނީ ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އެއް ފަހަރު ހުސައިން [ހެންވޭރު މަޖިލިސް މެމްބަރު ހުސައިން ޝަހީމް] އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް," ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު، ފައްޔާޒުއާ ގުޅޭގޮތުން ވާހަކަދެއްކެވީ ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރާ އެކު އެކަމުގައި ކެމްޕޭން މެނޭޖަރަަކަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބްގެ މަގާމަށް ހޮވިފައިވާ އިބްރާހީމް ވަހީދު (އިބްރޭ) ހަމަޖެއްސެވުމާ ގުޅިގެންނާއި ކޮންގްރެސްގެ ކަންކަމުގައި އިބްރޭ އިސްކޮށް އުޅުއްވާތީ އެކަމުގައި ހިތްހަމަޖެހިވަޑައިނުގެން މެންބަރު ހުސައިން ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ.

ހުސައިންގެ ޝަކުވާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ އިބްރޭ ކޮންގްރެސްގެ އިންތިޒާމުތަކުގައި އުޅުއްވުމަކީ މައްސަލައެއް ނޫން ކަމަށާއި ކޮންގްރެސްގެ މަސައްކަތްތައް ކުރިއަށްދަނީ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ގައުމީ މަޖިލީހުގެ މެންބަރުންނަށް ވެސް އިބްރޭ ކޮންގްރެސްގައި ކަންކަމުގައި އުޅުއްވުން މައްސަލައަކަށް ނުވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 19، 20 އަދި 21 ވަނަ ދުވަހު މާލޭގެ ޒުވާނުންގެ މަރުކަޒުގަ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މީގެކުރިން ވިދާޅުވީ އެއީ ރައްޔިތުންގެ އާންމު ވޯޓަކުން ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.