ބޭރު ކުޅިވަރު

ޒިދާންގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ފަނޑުވެ، ބޭލް ވިދާލައިފި

ރެއާލް މެޑްރިޑުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަނޑުވެ، ގެރެތް ބޭލް ވިދާލައިފި އެވެ.

ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން ރެއާލް 5-0އިން މޮޅުވި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހު ދެ އަހަރު ހޯދި ރޮނާލްޑޯ ގޯލެއް ނުޖަހަ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގްރެތް ބޭލް ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އެވެ. މި ދެ ގޯލާއެކު ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 100 އަށް އަރައިފަ އެވެ.

ޖުމުލަ 70000 މީހުން ކުޅިބަލަން ދަނޑަށްވަން މި މެޗުގައި ޒިދާން ވަނީ ކުރީގެ ކޯޗު ރަފާ ބެނީޓޭޒްގެ ސިސްޓަމަށް ބަދަލުތަކެއް ގެނެސް ކުރިއަށްވުރެ ބޮޑަށް ޓީމު ލައްވައި އެޓޭކިން ގޭމެއް ކުޅުވައިފަ އެވެ.

މެޗަށް ފަހު ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބުނީ ކޮންމެ ގޮތަކަށް ވެސް ޓީމު މޮޅުވުމަކީ ކޯޗު އުފާކުރާނެ ކަމެއް ކަމަށެވެ.

""ކޮންމެ ގޮތަކަށް ވެސް މޮޅުވެއްޖިއްޔާ ކޯޗު އުފާކުރާނެ. އަހަރެން މި ހުރީ އުފާވެފައި. އެންމެ ބޮޑަށް އަހަރެން އުފާކުރަނީ މެޗުގައި ކުޅުނު ކުޅުންތެރިންނާއި ނުކުޅޭ ކުޅުންތެރިން ވެސް ޕޮޒިޓިވް ވިސްނާތީވެ. ޑިޕޯޓިވޯ ކަހަލަ ޓީމެއްގެ އަތުން 5-0އިން މޮޅުވުމަކީ އުނދަގޫ ކަމެއް. އަހަރެން އުފާކުރަން އަހަރުމެންގެ ފުރަތަމަ މެޗުން މިހާތަފާތު ބޮޑުކޮށް މޮޅުވެ، އަހަރުމެންގެ ފުރަތަމަ ޓްރޭނިންތައް ވެސް ރަނގަޅަށް ދިޔައިމަ،" ޒިދާން ބުންޏެވެ.

މި މޮޅާއެކު ރެއާލް އޮތީ 40 ޕޮއިންޓާއެކު ޓޭބަލުގެ ތިން ވަނާގަ އެވެ.