ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އދ. މާމިގިލީ ދާއިރާ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ފ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ -- ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވާ އެރަށުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނިންމަވައިފި އެވެ.
ނިލަންދޫ ޑަބްލިއުޑީސީގެ މެންބަރުންނާއި އިއްޔެ މާމިގިލީގައި ބައްދަލުކުރައްވާ ގާސިމް ވަނީ ނިލަންދޫގެ އަންހެނުން ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި އެ ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްގީގެ މަސައްކަތްތައް އޮޅުންފިލުއްވާފަ އެވެ.
މިބައްދަލުވުމުގައި ގާސިމް ވަނީ ނިލަންދޫގެ ތަރައްގީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. އެގޮތުން ނިލަންދޫގައި މޫދަށް އެރޭ ސަރަހައްދެއް ހަދައިދިނުމުގައި އެހީތެރިވުމަށާއި ވޮލީ ކޯޓެއް ތަރައްގީ ކޮށްދިނުމާއި އަދިވެސް ބައެއް އިތުރު ކަންކަން ކޮށްދިނުމަށް ގާސިމް އެއްބަސްވެވަޑައިގެންނެވި ކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެ އެވެ.
ގާސިމް އަކީ ނިލަންދޫގެ ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި މީގެކުރިންވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކަން ފާހަގަކުރައްވާ ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ޑަބްލިއުޑީސީގެ ރައީސް ވަނީ ގާސިމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ގާސިމްގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވެސް ދީފައިވެ އެވެ.
ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ މިދިޔަ އަހަރު ފަހުކޮޅު ވަނީ ޖޭޕީގެ ދަތުރެއްގައި ނިލަންދޫ އަށް ވަޑައިގެން ޖޭޕީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް އެރަށުގައި ކުރިއަށް ގެންދަވާފަ އެވެ. މިދަތުރުގައި ނަހުލާ އާއި ޖޭޕީގެ ޓީމުން ނިލަންދޫ ކައުންސިލް، ޑަބްލިއުޑީސީ އަދި ރަށުގެ ބައެއް އިސްފަރާތްތަކާ ބައްދަލުވެސް ކުރައްވާފައިވެ އެވެ.