މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސަމްދޫހު މުހައްމަދާއި އަހުމަދު ނާޝިދު (ނާއްޓޭ) މި އަހަރު ވެސް މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގެ ދިވެހި ލީގު ޗެމްޕިއަން ޓީމުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) ވިދާޅުވީ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ދެ ކުޅުންތެރިން އަންނަ ސީޒަނުގައި ވެސް މާޒިޔާ އަށް ކުޅޭނެ ކަމަށެވެ.
ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާ އަށް މިދިޔަ އަހަރު ކުޅުނު މުހިންމު ގިނަ ކުޅުންތެރިން ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި މުހައްމަދު އުމޭރު އަދި އަމްދާން އަލީ އާއި މުހައްމަދު އިރުފާން އަދި އަހުމަދު އިމާޒް (އާއްކޮ) ކޮންޓްރެކްޓް އާކޮށްފައިވާއިވާއިރު މާޒިޔާއިން ވަނީ ޓީމު ވަރުގަދަވެސްކޮށްފަ އެވެ.
އެ ޓީމަށް ގެންގޮސްފައިވާ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އާއި އެ ޓީމުގެ ޔަސްފާދު ހަބީބާއި މާޒިޔާގެ ކުރީގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ހިމެނެ އެވެ.
ޓީމުގައި މިވަގުތު ކޮންޓްރެކްޓް އާނުކޮށްހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ގައުމީ ކީޕަރު އިމްރާން މުހައްމަދެވެ.