މާލޭ ސިޓީ ކައުންސިލް

ޕެލެޓް ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރަން ފަށަނީ

Aug 14, 2022

މާލޭގައި ޕާކް ކުރަން ދަތިވާ ގޮތަށް މަގުތަކުގައި ޕެލެޓް ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޖޫރިމަނާކުރަން ފަށާނީ ޕެލެޓްތައް ނެގުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ކުރިއަށް އޮތް ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މާލޭގެ މަގުތަކުގައި ހަދާފައިވާ ޕާކިން ޒޯންތަކުގެ ޖާގަ ގެއްލޭ ގޮތަށް ފިހާރަތަކާއި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ ކުރިމަތީގައި ޕެލެޓް ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އެކަން ކުރަނީ ގިނަ ފަހަރު މުދާ އަރުވާ ބޭލުމަށާއި އެ ތަންތަނުން މުދާ ބޭރު ކުރުމަށް ބޭނުންވާ ވަގުތުތަކުގައި ވެހިކަލް ބާއްވައިގެން އެ މަސައްކަތް ކުރަން ފަސޭހަ އަކަށެވެ.

ޕެލެޓް ބެހެއްޓުމުން މަގުތަކުގައި ވެހިކަލް ޕާކް ކުރަން ދަތިވާތީ މާލެ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ޕެލެޓްތައް ނެގުމުގެ މަސައްކަތް އެކި ފަހަރު މަތިންކޮށްފަ އެވެ. އެގޮތުން މިއަހަރުގެ މާޗް މަހު އެކަނިވެސް މާލޭގެ މަގުތަކުން 1،300 އަށް ވުރެ ގިނަ ޕެލެޓް ނަގާފައިވެ އެވެ. ސިޓީ ކައުންސިލުން ޕެލެޓް ނަގާއިރަށް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެފަދަ ތަންތަނުގައި ޕެލެޓް ބަހައްޓަ އެވެ.

ޖޫރިމަނާ ކުރަން ފެށުމަށް ސިޓީ ކައުންސިލުން ނިންމީ ބައެއް ފަރާތްތަކުން އާންމުންނަށް ދަތިވާ ގޮތަށް ޕެލެޓް ބަހައްޓާތީ އެ މައްސަލައަށް ހައްލު ހޯދުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުގަ އެވެ.

ޕެލެޓްގެ ބަހައްޓައިގެން މަގުތައް ބްލޮކް ކޮށްލުމުގެ ބަދަލުގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ބާއްވައިގެން މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލުން އުސޫލެއްވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަން ހިންގާ ފަރާތްތަކުން ކައުންސިލުން ދޫކުރާ "ވަކިކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ހުށަހެޅުމުން އެތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ދެ ރޮނގު ދަމައިދިނުމަށް ނިންމާފައިވެ އެވެ.

މީގެއިތުރުން މުދާ އަރުވާ ބޭލުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކުގައި މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖެއްސުމަށް އެދި ކައުންސިލަށް ހުށަހެޅުމުން އެ ސަރަހައްދު ޗެކުކުރުމަށްފަހު، އެ ތަނަކީ ސްލޮޓު ހަމަޖައްސައިދެވޭ ކަހަލަ ތަނެއް ކަމުގައިވާނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ކައުންސިލުން ނިންމާފައިވެ އެވެ.