ހަބަރު

ޑިސެބިލިޓީ ކައުންސިލަށް ފާތުން އިންތިހާބު ކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގު ހިމާޔަތްކުރާ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަމްސީލު ކުރާ ގޮނޑިއަށް ޅ. ހިންނަވަރު، ކާނިމާގެ ފާތިމަތު އިބްރާހިމް (ފާތުން) އިންތިހާބުކޮށްފި އެވެ.

އިއްޔެ އޮތް އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ ފާތުންގެ އިތުރުން ށ. މަރޮށި، ޗަމަން އިރުޝާދު ގާސިމް އާއި ގއ. ވިލިނގިލި ފީރޯޒުގެ އަހުމަދު ނަޖީބު އެވެ. ފާތުން އިންތިހާބު ކާމިޔާބުކުރީ 306 ވޯޓުންނެވެ. ނަޖީބަށް 282 ވޯޓް އަދި އިރުޝާދު އަށް 242 ވޯޓް ލިބިފައިވެއެވެ.

މި އިންތިހާބުގައި 833 މީހަކު ވަނީ ވޯޓްލާފައެވެ. ދެ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ސައްހަ ވޯޓްގެ އަދަދަކީ 831 އެވެ.

އިންތިހާބުގައި 7034 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައި އޮތެވެ. މުޅި އިންތިހާބުގައި ވޯޓްލީ ހައްގު ލިބުނު މީހުންގެ 11.04 ޕަަސެންޓެވެ.

އިންތިހާބު ކާމިޔާބުކުރި ފާތުންއަކީ ވަރަށް ހިތްވަރު ގަދަ އަދި ހަރަކާތްތެރި ޒުވާނެކެވެ. މިހާރުވެސް ހަތް ޖަމިއްޔާއެއްގައި އޭނާ މަސައްކަތް ކުރެއެވެ. އެއީ ދިވެހި ރެޑްކްރެސެންޓްގެ ގަވަނިން ބޯޑްގެ ނޯތް ރީޖަން މެންބަރެވެ. އަދި ބްލައިންޑް އެސޯސިއޭޝަންގެ ބޯޑްގައިވެސް ފާތުން ވަނީ މަަސައްކަތް ކޮށްފައެވެ.

ފާތުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ އެވޯޑްތަކެއް ވަނީ ދީފައެވެ. އޭނާ ވަނީ ރެހެންދި އެވޯޑްވެސް ހާސިލުކޮށްފައެވެ. އަދި ރިވެލި އެވޯޑާއި ރިވެލި ތަރި އެވޯޑް ވަނީ ހޯދާފައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޅ. ބުރާންޗުގެ ބެސްޓް ވޮލަންޓިއާ އެވޯޑްވެސް ލިބިފައިވަނީ ފާތުންއަށެވެ.

އޭނާއަކީ ބްލައިންޑް އޯޕަން ވޯޓާ ޑައިވަރެކެވެ. އަދި ބްލައިންޑް ރަނާ 10 ކިލޯމީޓަރާއި ހާފްމެރަތަން އަދި ދިގު ދުވުމުގެ ރެކޯޑްވެސް އޮތީ ފާތުންގެ އަތުގައެވެ. އޭނާއަކީ ޕެރައޮލިންޕިއަންއެކެވެ. އަދި ފަސްޓެއިޑާއެއްގެ އިތުރުން ފެސިލިޓޭޓަރެކެވެ.