މާލޭ ސިޓީ

ބޮޑެތި މަގުތަކުގައި ޕާކް ކުރުން މަނާކުރަނީ

Aug 14, 2022

މާލޭގެ ބޮޑެތި މަގުތަކުގައި ޕާކުކުރުން މަނާ ކުރަން ފަށައިފި އެވެ.

ޕާކުކުރުން މަނާކުރަމުން އަންނަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުންނެވެ. އެގޮތުން އެންމެ ޓްރެފިކް ބޮޑު މަގު -- މަޖީދީ މަގުގައި މިހާރު ވެސް ވަނީ ޕާކުކުރުން މަނާކޮށްފަ އެވެ. ޕާކު ކުރުން މަނާކަން އަންގައިދޭ ނިޝާނެއްގެ ގޮތުން ރީނދޫ ރޮނގު ދަމައި، "ނޯ ޕާކިން" ކޯނު ވެސް ފުލުހުން ވަނީ ބަހައްޓާފަ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން ދެން ޕާކު ކުރުން މަނާކުރަން ހަމަޖެހިފައިވަނީ އޯކިޑް މަގާއި ފަރީދީ މަގުގެ އިތުރުން އަމީނީ މަގެވެ. މި ތިން މަގަކީ ވެސް ވަރަށް ޓްރެފިކް ބޮޑު ތިން މަގެވެ.

މިހުރިހާ މަގެއްގައި ވެސް ވަރަށް ގިނައިން ސައިލަކު ޕާކުކޮށްފައި ހުރެ އެވެ. އެކަމަކު މާލެ ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުވެނި ޓްރެކް ކައިރިންނާއި، ދަރުބާރުގެ ކައިރިންނާއި އަދި ރަސްފަންނު ކައިރީގައި ޕާކިން ޒޯން ހެދުމަށް ހަމަޖެހިފައިވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިނީ ބަހުގެ ފްލީޓަށް ބޭނުންވާ އިތުރު ފަސް މިނީ ބަސް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.