އިންޑިއާ

މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފި

Aug 14, 2022
1

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އޮފީސް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

އިންޑިއާގެ ހައި ކޮމިޝަންގެ އާ އޮފީސް މިއަދު ހުޅުމާލޭގައި ހުޅުވާފައިވަނީ ހިތިގަސް މަގު، ހަތަރު ނަންބަރު ގޯޅީގަ އެވެ. ލޮޓް ނަންބަރަކީ 11499 އެވެ.

ހައި ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ކުރިން ހިންގި ހައި ކޮމިޝަންގެ ހުރިހާ މަސައްކަތްތަކެއް މިއަދުން ފެށިގެން ދެން ކުރިއަށް ގެންދާނީ ހުޅުމާލޭގައި ކަމަށެވެ.

މާލޭގައި ހައި ކޮމިޝަން ހިންގަމުން ގެންދިޔައީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފައި މިވަނީ ގައުމުތަކުގެ އެމްބަސީތައް ގާއިމުކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހާއްސަކޮށްފައިވާ ސަރަހައްދުގައި އިންޑިއާ ހައި ކޮމިޝަންގެ އޮފީސް އެޅުމަށް ސަރުކާރުން ބިން ހަމަޖައްސާފައި ވަނިކޮށެވެ. ނަމަވެސް އެ ބިމުގައި އަދި އެއްވެސް އިމާރާތެއް އަޅާފައެއް ނުވެ އެވެ.

އިންޑިއާ ހައި ކޮމިޝަން މިދިޔަ ދޮޅު ދެ އަހަރެއްހާ ދުވަހު ހިންގަމުން ގެންދިޔައީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ އިމާރާތުގެ ބޭރުގައި 24 ގަޑިއިރު ފުލުހުންވެސް ފޯރިމަރަ އެވެ.

މާލޭގައި ހިންގަމުން ދިޔަ އިންޑިއާ ހައި ކޮމިޝަންގެ އޮފީސް ހުޅުމާލެއަށް ބަދަލުކޮށްފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ ހަރަކާތް މިވަގުތަށް ވަނީ މަޑުޖެހިފަ އެވެ.