ދުނިޔެ

"ސްރީލަންކަން އެއާލައިން ޕްރައިވަޓައިޒް ކުރަންޖެހޭ"

ސްރީލަންކަން އެއާލައިން ގެއްލުމުގައި އޮޕަރޭޓްކުރުމަށް ވުރެ ޕްރައިވެޓައިޒް ކުރުން މާބޮޑަށްވެސް ރަނގަޅުވާނެ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑަޔާނާ ގަމަގެ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ސިޔާސަތުތަކަށް ބަހުސް ކުރުމަށް ބޭއްވި މަޖިލީސް ބައްދަލުވުމެއްގައި ޑަޔާނާ ވިދާޅުވި ގޮތުގައި އިގުތިސޯދީ ގޮތުން ލަންކާ އޮތް ހާލަތާ މެދު ކަންބޮޑުވާ ނަމަ ކޮންމެ މެމްބަރެއްގެ ވިސްނުމަށް ވާންވާނީ ނިކަމެތިކަމުން ގައުމު ސަލާމަތް ކުރުމެވެ.

ޑަޔާނާ ގަމަގެ ވިދާޅުވި ގޮތުގައި ސްރީލަންކަން އެއާލައިން ޕްރައިވަޓައިޒް ކުރުމަަށް ތާއީދުކުރައްވާ މެމްބަރުން ލަންކާ ޕާލަމެންޓްގައި ގިނަ އެވެ. އަދި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ވެސް އެގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ އެއާލައިން އަކީ ގައުމަށް ޝަރަފެއް ނަމަވެސް ލަންކާ މިވަގުތު އޮތީ ޝަރަފެއް ދެމެހެއްޓޭ ހާލަތުގައި ނޫން ކަމަށްވެސް ޑަޔާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންކާ އޮތީ ބަނގުރޫޓުވެފަ އެވެ.

ސަރުކާރުން އިތުރު ބުރައެއް އުފުލުމަށް ވުރެ ސްރީލަންކަން ޕްރައިވަޓައިޒް ކުރުމާ މެދު ވިސްނުން ބުއްދިވެރި ކަމަށް ޑަޔާނާ ވިދާޅުވި އެވެ. އަދި ގައުމު އޮތީ އެ ގޮތަށް ވިސްނަން މަޖުބޫރު ވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން ދަތި ހާލު ޖެހުނު ސަބަބާ ބެހޭ ގޮތުން ޑަޔާނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ގައުމަށް ދަތި ހާލު ޖެހުނު ސަބަބާ ބެހޭ ގޮތުން އޭނާ އެއްޗެއް ވިދާޅުނުވީ އެކަމުގައި ސަރުކާރުގެ އިހުމާލު އޮތުމުންނެވެ. ޑަޔާނާ އަކީ ކުރިން އިދިކޮޅު އެކަމަކު މިހާރު ސަރުކާރާ އެއްކޮޅު އެމްޕީއެކެވެ.

އިގުތިސޯދީ ގޮތުން ލަންކާ ފުންވަޅުގަނޑަކަށް ވެއްޓުނު ސަބަބުތަކުގެ ތެރޭގައި ފައިސާ ޗާޕްކުރުމާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދިން ލަފަޔަށް ނުބަލައި ޓެކްސް ކުޑަކުރުން ހިމެނެ އެވެ.

ސްރީލަންކަން އެއާލައިން ޕްރައިވަޓައިޒް ކުރުމާ ބެހޭ ގޮތުން ފައިނޭންސް މިނިސްޓްރީން އެކުލަވާލި ރިޕޯޓަކަށް ރަނިލް ވިކްރަމަ ސިންހަ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު ތާއީދު ކުރައްވައި ވަނީ ވާހަކަ ދައްކަވާފަ އެވެ.