އިނގިރޭސިވިލާތުގައި އެމަނިކުފާނުގެ ފޯން ފޭރިގެން މައްސަލަ އެ ގައުމުގެ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ފޯން ފޭރިގަތީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް މިމަހުގެ ތިންވަނަ ދުވަހު އެވެ. މާލޭގައި ތިއްބެވި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް މެސެޖަކުން އެ މައުލޫމާތު ހިއްސާކުރެއްވީ ވެސް ރައީސް ނަޝީދުގެ ދަރިކަނބަލުންނެވެ.
ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އެމަނިކުފާނުގެ ދަރިކަނބަލުންގެ މެސެޖު ހަމަ އެދުވަހު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރައްވާފަ އެވެ.
ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯން ފޭރުނު މައްސަލަ އިނގިރޭސި ފުލުހަށް ހުށަހެޅިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެ މައްސަލަ އަމިއްލަފުޅަށް ފުލުހަށް ހުށަހެޅި ކަމަކަށް ނަޝީދު ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހަޅާ ދިނުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފޯން ގެއްލުނު ނަމަވެސް މިއީ އައިފޯންގެ ޒަމާނަށްވާތީ ގެއްލުނު ފޯނުގައި ހުރި ހުރިހާ އެއްޗެއް އަލުން ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރު ވާހަކަދައްކަވަން އެމަނިކުފާނު ބޭނުންފުޅެއް ނުވި އެވެ.
"މިއީ އައިފޯން ޒަމާން. ދެން އެއީކީ އަސްލުގައި އެވަގުތު ދިމާވި އުނދަގުލެއް. އެކަމު އެނގިވަޑައިގަންނަވާނެ އައި ކްލައުޑުގަކަން ތަކެތި ހުންނަނީ،" އަތްޕުޅުގައި އޮތް އައިފޯން ދައްކާލައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. ނަޝީދު ވިދާޅުވި ފޮޓޯތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެ މައްސަލައިގައިވެސް ނަޝީދު މިއަދު ވަނީ ކުރިން ދެއްކެވި ވާހަކަތައް މުޅިން ބަދަލުކޮށްލާފަ އެވެ. އަދި އެކަމާ ގުޅޭ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދެއްވި އެވެ.