ރައީސް މުހައްމަދު ނަޝީދު

ނަޝީދު މަސައްކަތް ކުރެއްވީ ހަތަރުގަނޑު ފޮޓޯގެ ވާހަކަ އޮއްބާލަން

Aug 15, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހްގެ އިސްތަށިފުޅުގައި އެޅުއްވި ބޮޑު ތުހުމަތާ ގުޅޭގޮތުން ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަކަށް ނަޝީީދު ޖަވާބެއް ނުދެއްވި އެވެ.

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް ނަޝީދު އެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ. ރައީސް ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ފުރަތަމަ ނަޝީދު ވިދާޅުވި އެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެފަހުގައި އެއްސެވީ ރައީސް ސޯލިހް ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށާއި އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ބޮޑުތުހުމަތަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން މިއަދު އެމަނިކުފާނާ ސުވާާލުކުރުމުން ނަޝީދު ވަނީ އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅު ހައްދަވާ، މުޅިން އެހެން ވާހަަކަތަކެއް ދައްކަވާފަ އެވެ. އަދި ރައީސް ސޯލިހަށް ކުރެއްވި ތުހުމަތުން ރެކިވަޑައިގަތުމަށް މަސައްކަތް ކުރެއްވި އެވެ. ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންވާ ވާހަކަ ދައްކަވަން ކަމަށާއި ހަތަރު ފޮޓޯއާއި ވެރިކަމުގެ ނިޒާމާ ގުޅުމެއް ނެތް ކަމަށެވެ.

"އެހެންވެ އެ ސުވާލު ދޫކޮށްލައްވާ،" ނަޝީދު ނޫސްވެރިންނަށް ދެންނެވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާ ގުޅޭ ފޮޓޯތަކުގެ ވާހަކަ އެމަނިކުފާނު ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްްގައި ކަމަށެވެ. އެ ދުވަހު އެ ވާހަކަ ދެއްކެވީ ބަޔަކު ރާވައިގެން ބަރަހަނާ ފޮޓޯތަކެއް ހަދައި އެ ފޮޓޯތައް ބޭނުންކޮށްގެން ބައެއް މީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމަށް އެ ދުވަހު އެ ގުރޫޕްގައި ވާހަކަދައްކަން ފެށުމުން ކަމަށެވެ. އެގޮތަށް އެ ވާހަކަ ދެއްކެވީ އެބާވަތުގެ މައްސަލަތަކުގައި ވަކި މީހަކު ތަފާތު ނުކޮށް ގާނޫނުގައިިި ބަޔާންކުރާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ދެންނެވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފޮޓޯއާއި ހެއްކަކީ ކޮބައިކަން ގާނޫނުން އެނގޭނެ ކަމަށެވެ.

"މިމައުލޫގައި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ދައްކާނެ އިތުރު ވާހަކައެއް ދެން ނެތް،" ނަޝީދު ވިދާޅުވި އެވެ.

ހަތަރުގަނޑު ފޮޓޯގެ ވާހަކަ މުޅިން ބަދަލުކޮށްލުމުގެ ގޮތުން ނަޝީދު ދެން ވިދާޅުވީ ރައީސް ސޯލިހްގެ އަތްޕުޅުގައި އެމަނިކުފާނުގެ ފޮޓޯ އަދި އެމަނިކުފާނުގެ އަތްޕުޅުގައި ރައީސް ސޯލިހްގެ އެތައް ފޮޓޯއެއް ހުންނާނެ ކަމަށެވެ. އަދި އޭގެ ގިނަ ފޮޓޯ ހުރީ ޕްރިންޓްކޮށް އަލްބަމްގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ބަރަހަނާ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ރައީސް ނަޝީދު ބޮޑު ތުހުމަތެއް އެޅުވީ އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނާޒިމް ހައްޔަރުކުރުމުންނެވެ. ރައީސް ނަޝީދު ކުރެއްވި ބޮޑު ތުހުމަތު ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.