( 11 އޯގަސްޓް 2022 އާ ގުޅޭ )
"ރިކް... އަހަރެން މިހުރީ އަތުގަ ހިފައިގެންނު. އޭނާގެ އަތުގައި ނުހިފިޔަސް އޭނާ ކިޔައިދޭ ގޮތައް އަހަރެންނާއެކީ ނުދެވޭނެތަ؟. އޮފީސް ތެރޭ ރިކްއޭ ކިޔައިގެން އަޑެއް ފެތުރިދާނެ." ޝަހާ ބުނީ މާޔަލްއަށް އަޑުއިވޭ ވަރަށެވެ.
"މާޔާ އެ ހުރީ އޭނާ ހުންނަންޖެހޭ މަޤާމުގަ. އަހަރެންގެ އެންމެ ކައިރީ. އަހަރެން އެދެފިކަމެއް ކޮށްދޭން. އެކަމަކު މި ދަތުރުގައި ޝަހާ ބައިވެރިވާންޖެހުނީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނޭ. މީ ޢާއިލީ ދަތުރެއްނޫން. އޮފީހުގެ މުވައްޒަފުންނަށް ރޭވުނު ޙަފުލާއެއް." މާޔާލްގެ އަތުގައި ހިފައިގެން ހުރެ މަޑުމަޑުން ހިނގަމުން އައި އައިރިކް ވާހަކަދެއްކިއެވެ. އޭރު ވެސް ޝަހާ ހުރީ އައިރިކްގެ އަތުން ދޫނުކުރާށެވެ.
"އަހަރެމެން ކައިވެނި ކުރާކަންނު މިއުޅެނީ. ރިކްގެ ބައްޕައާ އަހަރެންގެ ބައްޕަ ވާހަކަދެއްކި. މިދަތުރުގައި އަހަރެން ބައިވެރިވީ ރިކްއާއެކު ވަގުތު ހޭދަކޮށްލަން. ދެމީހުން ދިމާވަނީ އެހާ މަދުން. އަހަރެން މާލެ އައިފަހުން ކިހާ ދުވަހެއް މިވަނީ. ރިކްއަށް ވަގުތު ދެވޭކަމަކަށް ނުވޭ..." ޝަހާ ޝަކުވާކުރަމުން ދިޔައެވެ.
މާޔަލްއަށް ޝަހާގެ ޝަކުވާތައް އިވެމުންދިޔައިރު ހީވީ އިވާންގެ އަޑު ކަންފަތުގައި ޖެހުނު ހެންނެވެ. އިވާން ވެސް އޭނާއާ ކުރަނީ އެފަދަ ޝަކުވާ ތަކެވެ. އެކުގައި ގިނައިން ބޭރަށް ނުދާތީއެވެ. އިވާން އެދޭ ވަރަށް ވަގުތު މާޔަލް ނުދޭކަމުގެ ޝަކުވާއެވެ. އޭނާގެ އެކުވެރީންނާއެކު ރާވާ ކަންކަމުގައި މާޔަލް ބައިވެރިނުވާކަމެވެ. އޮފީހުގެ ޙަފުލާތަކަށް އޭނާއާއެކު މާޔަލް ނުދާ ވާހަކައެވެ. އިވާން އެދޭފަދަ ގާތްކަމެއް ދެމެދުގައި މާޔަލް ނުބާއްވާ މައްސަލައެވެ. ފިނި ނޭވާއެއް މާޔަލްއަށް ދޫކޮށްލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ތިމާދެކެ ލޯބިވާ މީހުންގެ ލޯބި ބަލައިގަންނަން އެހާ އުނދަގުލީ ކީއްވެބާއޭ މާޔަލްއަށް ވިސްނާލެވުނެވެ. ހަމައެއާއެކު ހިތަކީ އޭގެ އަމިއްލަ އުސޫލުތަކަކާއި އިޚްތިޔާރެއް ގެންގުޅޭ އެއްޗެއްކަން މާޔަލްއަށް ސިކުނޑި ބުނެދިނެވެ. ހިތް އަމިއްލަ އެދުން ބޮޑޭ ބުނެވެނީ އެހެންވެއެވެ. އެ ހިތް ބޭނުންވާ ގޮތައް އެކަމެއް ނުވާހާ ހިނދަކު ނަފްސަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތް އެދޭހޭހާ ގޮތަކަށް ކަންތައް ކުރާން ދޫކޮށްލައިފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ. އެވަރުގެ މިނިވަންކަމެއް ދިނުން ރަނގަޅު ނިންމުމަކަށް ވެދާނޭ ހެއްޔެވެ.
"ހިތަށް ވިސްނައިދޭން އެހާ އުނދަގުލީ ކީއްވެތަ؟." އަމިއްލަ ޟަމީރާ މާޔަލްއަށް ސުވާލުކޮށްލެވުނެވެ.
"އަހަރެން މި ދަތުރުގައި ބައިވެރިވީ ޝަހާއާއެކު ވަގުތު ހޭދަކުރާކަށްނޫން." އައިރިކް ބުންޏެވެ.
"މާޔާގެ ކުރިމަތީ ފައިޓްކުރާކަށް ބޭނުމެއްނޫން." ޝަހާ މިހެންބުނީ މާޔާއަށް ބަލާލާފައެވެ. އޭނާގެ އިޙްސާސްތަކަށް އައިރިކް ގަދަރެއް ނުކުރުމުން ދެރަވިއެވެ. މާޔާ ހުއްޓާ އެފަދަ މޭރުމަކުން އޭނާއާ އައިރިކް މުޚާތިބުކުރާނޭ ޝަހާ ހިޔެއްނުކުރެއެވެ. އޭނާއަށް މާޔާ ކަމުނުދަނީ އައިރިކް އެ އަންހެންކުއްޖާއަށް ޚާއްޞަކަމެއް ދޭހެން ހީވާތީއެވެ.
"އަހަރެން އެމީހަކު ގާތްކޮށްފިނަމަ އެއީ އަހަންނަށް އެމީހެއްގެ މައްޗަށް އިތުބާރު ކުރެވޭތީ. ބޭކާރު ވާހަކަ ދެއްކުމަކީ މާޔާގެ ގޮތެއްނޫން. އޭނާއަށް ސިއްރު ހިފަހައްޓަން އެނގޭނެ. އައި ޓްރަސްޓް ހާ." އައިރިކް ބުންޏެވެ. ހަމައެއާއެކު މާޔަލްގެ އަތަށް މަޑުމަޑުން ބާރުކޮށްލިއެވެ. އޭނާ ދެއްކި ވާހަކައަށް ކޮށްލި އިޝާރާތެއް ފަދައެވެ. މާޔަލްއަށް އައިރިކްގެ މޫނަށް ބަލާލެވުނެވެ. އެވަގުތު ޝަހާ އޭނާއަށް ބަލަން ހުރި ގޮތް ފާހަގަވިއެވެ. އެ ބެލުމުގައި ވަނީ ފޫހިކަމެވެ. މާޔަލްއާ މެދު އޭނާ ގަޔާނުވާކަން ހާމަކުރާން ލަފުޒުތަކަކަށް ބޭނުމެއް ނުވެއެވެ. އެންމެހާ އަސަރުތައް ޝަހާގެ މޫނުން އެ ހުރީ ފެންނާށެވެ.
ކޮޓަރިތަކާއި ހަމައަށް ދިއުމަށް ވެހިކަލްއަށް އައިރިކް އެރީ ވެސް މާޔަލްގެ އަތުގައި ހިފައިގެންނެވެ. ދެ މީހުންގެ ޖާގައިގެ ސީޓުގައި އައިރިކްގެ ގާތުގައި އިނީ މާޔަލްއެވެ. އަތާ އަތް ވަކިކޮށްލަން މާޔަލް މަސައްކަތް ކުރުމުން ވެސް އައިރިކް ދޫކޮށްނުލީއެވެ. ޝަހާއަށް ފުރުޞަތު ދޭން އޭނާ މަސައްކަތް ވެސް ކުރިއެވެ. ނަމަވެސް އައިރިކްގެ އަމުރަށް ކިޔަމަންވާން މަޖުބޫރުވަނީއެވެ. ހުރިހާ ކޯޅުމެއް ބަލަން އައިތަން ހުރީ އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެންނެވެ. މާޔަލް ބަލައިލައިފިނަމަ އޭނާ ހިނިތުންވުމެއް ބަދަލުކޮށްލައެވެ.
އައިރިކްއާއި އައިތަން ހުންނަން ހަމަޖައްސާފައި ހުރީ އޮފީހުގެ މުވައްޒަފުން ތިބުމަށް ހަމަޖެހުނު ކޮޓަރިތަކާ ދުރުންނެވެ. އައިތަންއާއި އައިރިކްގެ ކޮޓަރިއާ ޖެހިގެން ހުރީ މާޔާ ހުންނަން ހަމަޖެއްސި ކޮޓަރިއެވެ. ޝަހާއަށް އެކަން އެނގުނީ ކޮޓަރިތަކާ ހަމައަށް އައި ފަހުންނެވެ. އިތުރު ހިތް ނުތަނަވަސްކަމެއް އޭނާއަށް ލިބިގެން ހިނގައްޖެއެވެ. އައިރިކްގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮތީ ކިހިނެއްތޯ ކުރީބައިގަ ބައްޕައަށް ގުޅައިގެން އޮޅުން ފިލުވުނުނަމައޭ ޝަހާގެ ހިތަށް އެރިއެވެ. އެ ޚިޔާލު އޭނާއަށް އައި ނަމަވެސް އެފަދައިން ޢަމަލު ނުކުރީ އޮފީހުގެ އެތައް މުވައްޒަފުންތަކަކާއެކު އަންނައިރު އައިރިކް ވެސް ހުންނާނީ އެމީހުންނާއެކީގައޭ ހީވެފައި އޮތީމައެވެ.
"މާޔާ... އަހަންނާ ރޫމް ޝެއާ ކުރަންވީނު." ފުރުޞަތު ނަގާނުލާން ޝަހާ ބުންޏެވެ.
"ޝަހާ." އައިތަން ގޮވާލިއެވެ.
މާޔަލްގެ އެއްވެސް ކަމަކާ ޝަހާ ޝައްކު އުފެދޭކަށް އައިތަން ނޭދެއެވެ. ހަމައެއާއެކު ޝަހާ އެގޮތުގައި ހިފަހައްޓާނަމަ އައިރިކްގެ ރުޅި ހަމައިންނައްޓަފާނޭކަމުގެ ކަންބޮޑުވުން އައިތަންގެ ހިތުގައި އޮތެވެ. ޝަހާ ގޮވައިގެން އައިތަން ހިނގައިގަތީ އެމީހުން ފޭބި ވެހިކަލްއަށް އަރާށެވެ. އައިރިކް ހިތްހަމަނުޖެހޭ ކަމެއް ނުކުރާން ޝަހާއަށް އައިތަން ވިސްނާދިނެވެ. ޝަހާ ބާރުއަޅާނަމަ އައިރިކް ޙަފުލާގައި ބައިވެރިނުވެ އެނބުރި ހިނގައިދާނެކަން ވެސް އައިތަން ބުންޏެވެ. އެހެން ކަންތައްވެއްޖެނަމަ އިސާކު އެކަމާ ހިތްހަމައެއް ނުޖެހޭނެކަން އައިތަން ހާމަކުރިއެވެ. އައިތަން ހާމަނުކުރި ނަމަވެސް އޭނާއަށް އަބަދުވެސް ޔަގީންވާ ކަމަކީ ޝަހާދެކެ އައިރިކް ލޯބިނުވާ ކަމެވެ. އެ ދެމެދުގައި ހަޤީޤީ ގުޅުމެއް ވެސް ނެތްކަމެވެ. ޢާއިލާގެ މެދުގައި ކައިވެނި ހަމަޖެހުނުއިރު ޝަހާއާ އައިރިކް ބައްދަލެއް ވެސް ނުވެއެވެ. އެންމެ ކުޑަމިނުން ދެ މީހުންގެ މެދުގައި ރަޙުމަތްތެރިކަމެއް ވެސް ނެތްކަން އައިތަންއަށް އެނގެއެވެ. އޭނާގެ ބޭބެ އެފަދަ ގޮތަކަށް ދިރިއުޅުމެއް ފެށުމަކީ އައިތަން ރުހޭ ގޮތެއް ނޫނެވެ. މިހާރު އަދިވަކިން ބޮޑަށް އައިތަން އެދެނީ އޭނާގެ ބޭބެގެ ހާލަތު ބަލައިގަނެ އެ ބޭބެދެކެ އިންތިހާއަށް ލޯބިވާނޭ ބައިވެރިޔެއް އައުމެވެ. އެފަދަ ބައިވެރިއެއްގެ ގޮތެއް ޝަހާގެ ފުށުން އައިތަންއަށް ފާހަގަ ނުވަނީއެވެ. ޝަހާއަށް އެއްބާރުލުން ދޭން އޭނާ މަސައްކަތެއް ނުކުރަނީ ވެސް އެހެންވެއެވެ.
"ޑޫ ޔޫ ނީޑް އެނީތިންގް." މާޔަލް އަހާލިއެވެ.
އައިތަން ދަމުން ދިޔައީ ކޮޓަރީގެ ތަޅުދަނޑު މާޔަލްއަށް ދީފައެވެ. އޭނާ ފުރަތަމަ ކަމަކަށް އައިރިކް ކޮޓަރިއަށް ވެއްދީއެވެ. ޝަހާ ދިޔަފަހުން އައިރިކް އެއްވެސް ވާހަކައެއް ނުދައްކައެވެ. މާޔަލްއާއެކީ ކޮޓަރިއަށް ވަދެ އެ ކޮޓަރީގައި ހުރި އެނދުގައި އައިރިކް އިށީނެވެ.
"އައި ނީޑް ޔޫ." އައިރިކް ބުންޏެވެ. މާޔަލްއަށް ދެ ލޯ ބޮޑުކޮށްލެވުނީއެވެ. އައިރިކް ސަމާސާ ކުރަނީ ހެއްޔެވެ. އޭނާ ހުރީ ޝަހާއާ ހެދި ރުޅިގަދަވެފައޭ ހީވުން އެއީ މާޔަލްއަށް ކުރެވުނު ކުށްހީއަކީ ހެއްޔެވެ.
"ބޮސް..." ރާގުލައި ދަމާލަމުން މާޔަލް ކިޔާލިއެވެ.
"ރިކް. ކޯލް މީ ރިކް. މާލެ ދެވެންދެން އެ ނޫން ނަމަކުން އަހަންނަށް ގޮވައިފިނަމަ އަދަބުދޭނަން." މާޔަލް ހުރި ދިމާއަށް އައިރިކް މޫނު އަނބުރާލިއެވެ. ސަމާސާގެ އަސަރު އޭނާގެ ދެމިލައިފަވާ ތުންފަތުން ފާޅުވެއެވެ.
"ދަނީ." މާޔަލް ބުންޏެވެ.
"ދާކަށް ނުބުނަމެންނު. މާޔާ... ކަމް ހިއާ. މިތާ އިށީނދެބާ." އައިރިކް މިހެންބުނެ ވައަތުން އެނދުގައި އަތްހާކާލިއެވެ.
"ރަނގަޅުގޮތެއްނޫން. ކޮޓަރީގަ ދެމީހުން އެކަނި." މާޔަލް ޖެހިލުންވިއެވެ. އެހިނދު އައިރިކް ހީނލީއެވެ.
"ކޮޓަރިއެއްގެ ތެރޭ ނުތިއްބަސް އަހަރެން ކަމެއްކުރާން ބޭނުންނަމަ ކުރާނަން. މާޔާ ހަނދާންނެތުނީތަ... މީ އަހަންނާއެކު ކޮޓަރިއެއްގައި އެކަނިވާ ފުރަތަމަ ފަހަރެއްނޫން." އައިރިކް ބުންޏެވެ. މާޔަލް ބަސްހުއްޓޭ ގޮތްވީއެވެ. އައިރިކްގެ އެފަދަ ވާހަކަތަކަށް ރައްދުދޭހާ އޭނާގެ ދޫ ކުޅަދާނައެއް ނޫނެވެ.
"މާޔާ..." މާޔަލްގެ ފަރާތުން އަޑެއް ނީވުމުން އައިރިކް ގޮވާލިއެވެ. އަދި އެނދުން ތެދުވިއެވެ.
"ރިކް ތިހެން ވާހަކަދައްކަންޏާ އަހަރެން ނުދައްކާނަން ވާހަކައެއް." މާޔަލް ބުންޏެވެ. އައިރިކްގެ ފުޅާވެލި ހިނިތުންވުމާއެކު އޭނާ ކަނާއަތް ދަމާލިއެވެ. އެ އަތުގައި މާޔަލް ހިފިއެވެ. އެއާއެކު އައިރިކް ބުނީ އައިތަން އަންނަންދެން ބޭރުގައި އޭނާއާއެކު މާޔަލް މަޑުކޮށްލަ ދިނުމަށެވެ.
ކޮޓަރިތައް ކުރިމަތީ ކަހަލަ ގޮތަކަށް ތިރިކޮށް ހުރި ވަށް މޭޒަކާއި އޭގެ ވަށައިގެން ބަހައްޓާފައި ހުރި ހަތަރު ގޮނޑި ހުއްޓެވެ. އައިރިކް ގޮވައިގެން މާޔަލް އައިސް އިށީނީ އެތަނުގައެވެ. ތިރިކޮށް ހައްދާފައި ހުރި ގަސްތަކުގެ ތެރެއިން އަތިރި މައްޗަށް ފައިބަން މަގު ހަދާފައި ވެއެވެ. މޫދުން އަރައިގެން އަންނަ ރޯޅީގައި ލޮނުކަމާ އެކީ ހީކަރުވާ ފަދަ ފިނިކަމެއް ވެއެވެ. ވާރޭ އަންނަން އުޅޭކަމުގެ އިޝާރާތްތައް ކުރާ ފަދައެވެ. ވަށައިގެންވީ ފެހިކަމާއި ފިނި ވައިރޯޅިތަކުން ސިކުނޑި ތާޒާ ކުރުވާފަދަ ހިތްގައިމުކަމެއް އެ މާޙައުލުގައި ވެއެވެ. ކޮޓަރިތަކުގެ ބޭރުގައި ދިއްލާފައި ހުރި ބޮކިތަކުގެ ރިވެލި ފަށުގައި ތިބެވުނީތީ މާޔަލްމެން ތިބި ހިސާބު ފެންނަނީ އަނދިރިކޮށެވެ. އެ އަނދިރިކަމުގައި ފޮރުވިފައިވީ އައިރިކްއާއި މާޔަލްގެ ގުޅިފައިވި އަތްތިލަ މީހަކަށް ފެންނާނީ އެ ދެމީހުންގެ ނުހަނު ގާތުގައި ހުއްޓިއްޖެނަމައެވެ. ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން އެކަކުއަނެކަކަށް ކަމުދާ ކަހަލައެވެ. ދޭތެރެއަކުން މާޔަލްގެ އިނގިލިތަކާއި އައިރިކްގެ އިނގިލިތައް މަހާލައި ގުޅުވާލައެވެ. ނޫނީ އަތުގައި ފިރުމާލައެވެ. ކޮންމެ އިނގިއްޔެއްގައި ވަކިވަކިން ހިފާލައެވެ. ދެއަތުގެ މުށުގެ ތެރޭ މާޔަލްގެ އަތްފޮރުވާލައި ބާރުކޮށްލައެވެ. އެ އަތުން އައިރިކް ދޫކޮށްލަން ބޭނުންނުވާ ފަދައެވެ. އެ ކުދި ހަރަކާތްތަކުން މާޔަލްގެ ހިތް އަވަސްވެފައިވާ ވަރު އައިރިކްއަށް އެނގޭނެނަމައެވެ. އެގޮތުގައި ދެމީހުން ތިއްބާ އެ ދިމާއަށް މީހަކު ހިނގާފަ އަންނަ އަޑު އިވުނެވެ.
"ދޮންބެ..." ބޭރުގައި ހުރި ގޮނޑިތަކުގައި ދެ މީހަކު ތިބިކަން އެނގި އައިތަން ގޮވާލިއެވެ. އެހިނދު އައިރިކްގެ އަތުގެ ތެރެއިން މާޔަލް އަތް ދަމައިގެންފިއެވެ.
"އަހަރެން ރޫމަށް ދިޔަސް އޯކޭތަ؟." އައިތަން އައިސް ހުއްޓިލިއިރު ކޮޅަށް ތެދުވެ ހުރި މާޔަލް އަހާލިއެވެ.
"އޯކޭ. މޯނިންގް ސެވެންތާޓީގަ އެންމެން އެއްކޮށް ބްރެކްފަސްޓް އޮތީ. ބީޗުގަ." އައިތަން ހަނދާންކޮށްލަ ދިނެވެ.
"އޯކޭ... ގުޑްނައިޓް." މާޔަލް ވަކިވުމުގެ ސަލާމްކޮށްލާފައި އޭނާގެ ކޮޓަރިއަށް ގޮސް ވަނީއެވެ.
"ކޮބާ ޝަހާ." އައިތަންއާއެކު އެކަނިވުމުން އައިރިކް އަހާލިއެވެ.
"އޭނާގެ ރޫމްގަ. ކީއްވެ އެހާ ރޫޑްކޮށް ވާހަކަދެއްކީ އޭނައާ. ދޮންބެ މެރީކުރަން އުޅޭ ކުއްޖާއެއްނު އެއީ." ހަޤީޤަތް އެނގި ހުރެ އައިތަން ވާހަކަދެއްކީ ދިމާ އިދިކޮޅަށެވެ.
"އެއީ ވާނޭ ކަމެއްނޫން. އަހަރެން މެރީއެއް ނުކުރާނަން." އައިރިކް ބުންޏެވެ.
"ރިއަލީ. އެކަމަކު ކީއްވެ؟." އައިތަން ހައިރާންވީ ކަމަށް ހެދުނެވެ. އޭނާގެ އަޑުގައި ވެސް ހުރީ އެފަދަ އަސަރެކެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފާޅުވަނީ ހިނިތުންވުމެކެވެ. ބޭބެ އެ ބުނި އެއްޗަކުން އޭނާއަށް އުފާވެރިކަން ލިބިފައިވާކަން ޔަގީނެވެ.
"އެއީ އައިތަން ބަލަން ޖެހޭ ކަމެއްނޫން. ހިނގާ އެތެރެއަށް." އައިރިކް ތެދުވިއެވެ. އައިތަން ބޭބެގެ އަތުގައި ހިފައި ހިއްލާލުމާއެކު އޭނާގެ ކޮނޑުމަތީ އެ އަތް ބާއްވާލިއެވެ.
ނިދިފައި އޮތް މާޔަލްއަށް ހޭލެވުނެވެ. މާޙައުލު ތަފާތުވީމާ ކަންނޭނގެއެވެ. އޭނާގެ ނިދި މިރޭ އުޅެނީ ވަރަށް މަޑުކޮށެވެ. ދޭތެރެއަކުން ނިދިފައި ހޭލެވެނީއެވެ. މާޔަލް އެނދުން ތެދުވިއެވެ. އޭނާގެ ކަންފަތުގައި ޖެހުނީ ވާރޭ ވެހޭ އަޑެވެ.
"މިހާ ވިއްސާރައިރު ބީޗްގަ ބްރެކްފަސްޓް ބޭއްވޭތަ." މާޔަލްގެ ހިތަށް އެރިއެވެ. އޭނާ ފޯނު ބަލާލިއެވެ. ފަތިހު ހަތަރެއް ޖެހީއެވެ. އެނދުން ފައިބައިގެން ގޮސް މާޔަލް ވަނީ ފާޚާނާއަށެވެ.
ކުޑަދޮރުގެ ފަރުދާ ހިއްލާލައި މާޔަލް ބޭރު ބަލާލިއެވެ. ދުރުދުރަށް އަނދިރިކަން ރަސްކަން ކުރަމުން ދިޔައިރު އަސްކަނިން ފެންފައިބާތަން ފެނެއެވެ. ކޮޓަރީގައި ކޮފީ ބޮވެން ހުރުމުން މާޔަލް ކޮފީ ތަށްޓެއް ހެދިއެވެ. ކޮފީތަށި ހިފައިގެން އޭނާ ކޮޓަރިން ނުކުތެވެ. ކޮޓަރިތައް ޖެހިޖެހިގެން ހުއްޓެއްކަމަކު އެއްބަޔަކު އަނެއްބަޔަކަށް ނުފެންނާނޭހެން ފާރެއް ދެ ކޮޓަރި އިންވާ ހިސާބުގައި ވިއެވެ. މާޔަލް އައިސް ފާރުގައި ލެނގިލުމާއެކު އަސްކަނިން ސައިލެއްހެން ފައިބަމުން ދިޔަ ފެނުގެ ތެރެއަށް އަތްދިއްކޮށްލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ފާރުގެ އަނެއްފަރާތުން ދިއްވެފައި ހުރި އަތް ފެނިފައެވެ. ބޯއަރިކޮށް ފާރުގެ އަނެއްފަރާތުގައި ހުރީ ކާކުތޯ މާޔަލް ބަލާލިއެވެ.
"ރިކް... ނުނިދަންތަ؟" މާޔަލްއަށް ސިހިފައި އަހާލެވުނެވެ. އެހިނދު އައިރިކް ވެސް މާޔާއޭ ގޮވާލި ގޮތުން އޭނާ ވެސް އެ ހުރީ އެވަގުތު މާޔަލްއާ ބައްދަލުވެދާނޭ ކަމަށް އުންމީދުކޮށްގެން ނޫންކަން ދޭހަވެއެވެ. އެހެންވިޔަސް ނިކަން އަވަހަށް އައިރިކްގެ ތުންފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ. އޭނާ ފާރުގައި އަތްކާތަމުން މާޔަލް ހުރި ބަޔަށް އައެވެ. އައިރިކް ހުރި ގޮތް ފެނުމުން މާޔަލް ހިތް އަވަސްވީ ތިޔަހެންނެއް ނޫނެވެ. މޫނު އަނބުރާލެވެން އުޅުނެވެ. އައިރިކްގެ ހުދު ގަމީހުގެ ތެރެއިން އޭނާގެ މެއިން ފެށިގެން ފޫޅާ ހަމައަށް އެއްވެސް ހުރަހެއް ނެތި އެހެރީ ފެންނާށެވެ. ގަމީހުގެ އެންމެ ގޮށެއް ވެސް ނާޅުވާ ހުރީމައެވެ. އަތްކުރި އެއްވެސް ތަރުތީބެއް ނެތް ފަދައިން މައްޗަށް ޖައްސާލާފައި ހުރިއިރު ދެއަތުގެ މުލައްދަނޑި އޮތީ ހާމައަށެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާ ގޮތުން އޭނާ އެނދުގައި އޮވެފައިކަން ތެދުވެ އެ އުޅެނީ ދޭހަވެއެވެ.
"ވާރެޔާ ތެމޭ ހިތެއް ނުވޭތަ؟." އައިރިކް އަހާލިއެވެ.
"މިގަޑީގަ... ފިނިވެގެން ބަލިވެދާނެ." މާޔަލް ބުންޏެވެ.
"ބަޓް ޔޫ ޕްރޮމިސްޑް." މާޔަލްއާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އައިރިކް ބުންޏެވެ.
"ކޮންއިރަކު؟." މާޔަލް ހައިރާންކަމާއެކު އަހާލިއެވެ. އައިރިކް ކޮންމެވެސް ވާހަކައެއް ހަދާލިއްޔޭ މާޔަލްއަށް ހީވިއެވެ.
"ޑޯންޓް ޔޫ ލަވް ރެއިން." އައިރިކް ބުންޏެވެ. އޭނާ ދަމާލި އަތުން މާޔަލް ހޯދިއެވެ. އައިރިކްގެ ގާތަށް ދަމާލިއެވެ. އަތުގައި ހުރި ހޫނު ކޮފީތަށި މާޔަލް ދުރުކޮށްލީ ނިކަން އަވަހަށެވެ. އެހެނޫންނަމަ އެ ބަންޑުންވީހީ އައިރިކްގެ ގަޔަށެވެ.
"އިތުރަށް އިންތިޒާރު ކުރުވަނީތަ؟. އެހާ ކެތްތެރިކަމެއް އަހަރެންގެ ނެތް." އައިރިކް ބުންޏެވެ. މާޔަލްއަށް އެއްގޮތަކަށް ވެސް އައިރިކް ދައްކާ ވާހަކައެއް ދޭހައެއް ނުވެއެވެ.
"ރިކް. ޕްލީޒް... ލޮލުގަ ބޭސް އަޅާފައި ހުއްޓާ ތެމޭކަށް ނުވާނެ." އެވަގުތު ވާރޭއާ ތެމުން އެއީ މޮޔަ ޚިޔާލެއްކަމުގައި މާޔަލް ދުށްޓެވެ. އެހެންވިޔަސް އައިރިކް ދުލެއް ނުކުރިއެވެ.
"އުރާލަފާނަން." މާޔަލްގެ އުނަގަނޑުގައި ދެއަތް ވަށާލަމުން އައިރިކް ބުންޏެވެ.
"ވެއިޓް... މި ކޮފީތަށި ބަހައްޓަން." މާޔަލް ނިކަން އަވަހަށް ބުނެލިއެވެ.
މާޔަލްގެ އަތަށް ދަމަމުން ވާރޭގެ ތެރެއަށް އައިރިކް ނުކުތެވެ. ހަށިގަނޑުގައި ވާރޭގެ ތިކިތައް ޖެހުމާއެކު މާޔަލްއަށް ބާޔާންކުރާން ދަތި އިޙްސާސެއް ހިތަށް ވެރިވެގެން ހިނގައްޖެއެވެ. ލުއި ހިނިތުންވުމަކުން ތުންފަތް ދެމިލިއިރު އެ ހިނިތުންވުން ހުނުމަކަށް ބަދަލުވެއްޖެއެވެ. މާޔަލްގެ އަތުގައި ހިފައި އަނބުރާލުމާއެކު އައިރިކްގެ ދެއަތުގެ ތެރެއަށް އޭނާ ގެނައެވެ. މޭގައި ޖައްސާބާރުކޮށްލުމާއެކު އައިރިކްގެ ދެއަތް މާޔަލްވަށާލީ އެ ދެއަތުގެ ތެރެއިން މާޔަލްއަށް ސަލާމަތްވެގެން ނުދެވޭނެހެންނެވެ.
"ރިކް މޮޔަވީތަ؟" މާޔަލްއަށް ބުނެވުނެވެ. އައިރިކް ޖަހާލީ ހިނިގަނޑެކެވެ.
"މޮޔަކޮށްފަ މޮޔަވީތޯ ނާހާ. ދުރުގައި ވަރަށް ދުވަހު ހުރެފިން. އިންތިޒާރުކޮށްކޮށް ހުއްޓާ އަމިއްލަ އައިސް މިއަތުގެ ތެރެއަށް ވަނީމަ ދެން ދުލެއް ނުކުރާނަން. އެއްވެސް ޝަރުތެއް ވެސް ޤަބޫލެއްނުކުރާނަން." އައިރިކް ބުންޏެވެ. އޭނާ މާޔަލްގެ ކޯތާފަތުގައި ބޮސްދިނެވެ.
"ރިކް ސްޓޮޕް." އައިރިކް ދުރަށްލާން މާޔަލް އުޅުނެވެ.
"އައި ކާންޓް ވެއިޓް އެނީމޯ. ޔޫ އާ ހިއާ، އައ އޭމް ހިއާ... ވީ އާ ފައިނަލީ ޓުގެދާ." މާޔަލްގެ ކަރުދޮށުގައި މޫނުފޮރުވައިގެން ހުރެ އައިރިކް ބުންޏެވެ. އެ އަޑުގައިވަނީ ކޮންފަދަ ރިހުމެއްކަމެއް ކަމެއް މާޔަލްއަކަށް ނޭނގެއެވެ.
"ރިކް... ޝަހާ... އަހަރެން ވެސް... ބުނީމެންނު." ހިތުގެ ޖަޒުބާތުތަކުގައި ހިލަހިލަ ޖަހަމުން މާޔަލް ބުއްދި އިސްކުރަމުންދިޔައީ ޟަމީރަށް ޓަކައެވެ.
އައިރިކް އެއްވެސް އެއްޗެއް ނުބުނެ ހިމޭންވީއެވެ. ދެ މީހުން ތެމި ފޯވިތާ ކިތަންމެ އިރެކެވެ. މާޔަލް ދުރުކޮށްލުމެއްނެތި އައިރިކް ހުރި ގޮތަށް ހުރީއެވެ. އިރުކޮޅެއް ފަހުން އައިރިކް ދުރުވެލިއެވެ. ދަތްކުނޑިވިކާލިތަން މާޔަލް ދުށްޓެވެ. ނަމަވެސް އޭނާ ދެން ކުރީ މާޔަލް އުންމީދުނުކޮށް ހުރި ކަމެކެވެ. ނޭވާކޮޅަށްދަންދެން މާޔަލްގެ މޫނުގައި ހިފަހައްޓާލުމަށްފަހު އައިރިކް ދޫކޮށްލިއެވެ. އެއާއެކު އައިރިކްގެ ކޯތާފަތަށް މާޔަލްގެ އަތްތިލައިގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔައެވެ. (ނުނިމޭ)