ބަރުލަމާނީ ނިޒާމް

ނަޝީދު އިސްވެ ބަރުލަމާނީ ގެންނަން މަޝްވަރާތަކެއް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް އެ ނިޒާމު ގެންނަން އެމްޑީޕީ ހަރުގޭގައި ހާއްސަ މަޝްވަރާތަކެއް ފަށައިފި އެވެ.

އެ ގޮތުން ރޭ ވަނީ ފުރަތަމަ މަޝްވަރާ ބައްދަލްވުން ބާއްވަވާފައެވެ. އެ ބައްދަލްވުމުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދަައްކަވާފައެވެ. ނަޝީދު މިއަދު ވިދާޅުވީ ބަރުލަނީ މަޝްވަރާ މިރޭވެސް ހަރުގޭގައި އޮންނާނެ ކަމަށާ އެ މަޝްވަރާއަށް އެމަނިކުފާނު ހަރުގޭގައި ހުންނަވާނެ ކަމަށެވެ. އަދި އާންމު މެންބަރުންނަށް އެ މަޝްވަރާތަަކަށް ދައުވަތު ދެއްވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ. އެ އުންމީދުތަކުގެ ތަފްސީލު ދެއްވުމަށް މިއަދު ވަނީ ހާއްސަ ނިއުސްކޮންފަރެންސްއެއްވެސް ބާއްވަވާފައެވެ.

ކޮންގްރެސްއަށް ނަޝީދު ހުށައަޅުއްވާ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.