ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ފޯރުކޮށްދީފައި ނުވަނީސް އިތުރަށް ދޫކުރި 517،915 ރުފިޔާ އަނބުރާ ހޯދަން އަންގައިފި އެވެ.
މިފައިސާ ހޯދަން ހެލްތު މިނިސްޓްރީއަށް އަންގާފައިވަނީ 2020 ވަނަ އަހަރުގެ ކޮވިޑް 19އާ ގުޅިގެން އޮޑިޓް އޮފީހުން ހަދާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގަ އެވެ.
އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ ޕީޕީއީ ގަނެ ސަޕްލައިކުރަން މާޗް 9، 2020 ގައި އަމިއްލަ ފަރާތަކާ އެކު ސޮއިކުރީ ހަފުތާއެއްގެ ތެރޭގައި އެތަކެތި ފޯރުކޮށްދޭންޖެހޭ ގޮތަށެވެ. އެތަކެތީގެ ޖުމްލަ އަގަކީ 8.9 މިލިއަން ރުފިޔާ އެވެ. ސަޕްލައިކުރަން ހަވާލުކުރި ތަކެތީގެ ތެރެއިން ބައެއް ތަކެތި ފޯރުކޮށްދީފައިވަނީ މަސް ދުވަސް ފަހުން އެޕްރީލް 9 ގައެވެ. މިތަކެތީގެ އަގުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ދައްކާފައިވަނީ ސެޕްޓެމްބަރު، 2020 ގައެވެ.
މުއްދަތުގެ ފަހުން ހަވާލުކުރި ތަކެތި
- 10،0450 ޝޫކަވާ
- 5،5800 ގައުންސް
- 10،0450 ހެޑްކަވާ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މުއްދަތުގެ ފަހުން ބައެއް ތަކެތި ހަވާލުކޮށްފައިވަތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ ފައިސާގެ ތެރެއިން ބައެއް ކަނޑަންޖެހޭނެ ކަމަށެވެ. އެގޮތަށް މިނިސްޓްރީން ފައިސާ ކަނޑާފައި ނުވާތީއަމަލުކޮށްފައި ނުވާތީ ތަކެތި ސަޕްލައި ކުރި ފަރާތަށް 517،915 ރުފިޔާ އިތުރަށް ލިބިފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން އެއްބަސްވުމުގައި ބުނެފައިވާ ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ 44،450 ގައުން މިނިސްޓްރީން ހަވާލުވެފައި ނެތް ކަމަށާއި ނަމަވެސް މަސައްކަތުގެ ޖުމްލަ އަގު ސަޕްލަޔަރަށް ދައްކާފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ އިތުރަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް އަންގާފަ އެވެ. އެ ފައިސާ ނުލިބިއްޖެނަމަ މިކަމުގައި އިހްމާލުވި މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށާއި އެ މުވައްޒަފުންގެ އަތުން ފައިސާ ހޯދައިގެންވެސް އިތުރަށް ދޫކުރި ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.