ތިލަމާލެ ބްރިޖް

ޕްލެޓްފޯމް ފަރަށް އަރާ ތިން މީހަކަށް އަނިޔާވެއްޖެ

Aug 16, 2022
1

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އަރާ ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަަތުން ދެންމެ ބުނީ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް އެއް ފަރަށް އަރާފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 2:25 ހާއިރު އެވެ.

އެ ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އެ މީހުންނަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ. އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ. އެފްކޮންސް އިން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެތެރޭގައި 164 އިންޖިނިއަރުން ހިމެނޭ ކަމަށް ބުނެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ސައިޓްތައްވެސް ގާއިމުކޮށްފައިވާއިރު ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އޮކްޓޫބަރަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.