ވާހަކަ

އިޙްސާސްވޭ

( 15 އޯގަސްޓް 2022 އާ ގުޅޭ )

އައިރިކް އެއްވެސް އެއްޗެއް ނުބުނެ ހިމޭންވީއެވެ. ދެ މީހުން ތެމި ފޯވިތާ ކިތަންމެ އިރެކެވެ. މާޔަލް ދުރުކޮށްލުމެއްނެތި އައިރިކް ހުރި ގޮތަށް ހުރީއެވެ. އިރުކޮޅެއް ފަހުން އައިރިކް ދުރުވެލިއެވެ. ދަތްކުނޑިވިކާލިތަން މާޔަލް ދުށްޓެވެ. ނަމަވެސް އޭނާ ދެން ކުރީ މާޔަލް އުންމީދުނުކޮށް ހުރި ކަމެކެވެ. ނޭވާކޮޅަށްދަންދެން މާޔަލްގެ މޫނުގައި ހިފަހައްޓާލުމަށްފަހު އައިރިކް ދޫކޮށްލިއެވެ. އެއާއެކު އައިރިކްގެ ކޯތާފަތަށް މާޔަލްގެ އަތްތިލައިގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔައެވެ.

ދުވެފައި މާޔަލް އައިސް ކޮޓަރިގެ ދޮރުމަތިން ހިޔާކޮށްފައި ހުރި ބައިގަ މަޑުކޮށްލިއެވެ. ފުންނޭވާއެއްލުމާއެކު އޭނާ ދެއަތުން މޫނުގައި ފިރުމާލީ ލަސް ހަރަކާތަކުންނެވެ. މަޑުމަޑުން ތުންފަތުގައި އޭނާގެ ކަނާއަތުގެ އިނގިލިތަކުގެ ކޮޅު ޖައްސާލިއެވެ. އޭނާގެ ތުންފަތުގައި ވިންދު އަވަސްވެފައިވާކަން އިނގިލިތަކުގެ ކޮޅަށް ވެސް އިޙްސާސް ކުރެވުނެވެ. ހަމައެއާއެކީ އޭނާގެ ކޯތާފަތުން ފެށިގެން ކަންފަތާއި ހަމައަށް މަޑު ހޫނުކަމެއްގެ އިޙްސާސް އަދިވެސް ކުރެވޭ ކަހަލައެވެ. ވާރޭގެ ފިނިކަމުގެ ތެރެއިން އެފަދަ ހޫނުކަމެއްގެ އިޙްސާސް ކުރެވުމުން ހިތުގެ ހިނގުމަށް ވެސް ބަދަލު އަތުވެއްޖެއެވެ. މޭގައި ހިތް ނެގިނެގިފައި ޖެހެނީއެވެ. އެވަރަށް އެ ހިތް ތެޅެމުންދިޔައީ ބިރަކުންނޫނެވެ. މާޔަލް އެންމެ ހައިރާންވަނީ އެކަމާއެވެ. ތުންފަތާ ދުރުކޮށްލި ކަނާއަތްތިލައަށް މާޔަލްގެ ނަޒަރު ހުއްޓުނެވެ. ދެން އެ އަތްތިލަ މުއްކާލެވުމާއެކު އޭނާގެ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. އައިރިކްގެ މޫނުގައި އޭނާ ޖެހީ އެ އަތުންނެވެ. މަޑުމަޑުން އައިރިކްގެ ނަން އޭނާ ކިޔާލިއެވެ. އެހިނދު ކުއްލިއަކަށް މާޔަލް ފަސްއެނބުރި ބަލާލިއެވެ. އައިރިކް އަދިވެސް އެ ހުރީ ވާރޭގެ ތެރޭގައެވެ. ތުންފިއްތާލެވިފައި ވެސް މާޔަލް ދުއްވައިގަތެވެ. އޭނާ އައިސް އައިރިކްގެ އަތުގައި ހިފިއެވެ.

* * * * *

ކޮފީ ތަށި ހިފައިގެން ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު ކައިރީ އިވާން ހުއްޓެވެ. ވެހެމުންދިޔަ ވާރޭއަށް އޭނާ ގެއްލިފައި ހުއްޓެއްކަމަކު ޚިޔާލުތަކުގައިވަނީ މާޔަލްއެވެ. ރޭ އޭނާ މާޔަލް ފުރި ގަޑީ އެތަނަށް ގޮސް އިނެވެ. މަޒްހަރާއެކު ކާރުން މާޔަލް ފޭބިތަން އޭނާ ދުށްޓެވެ. އެހިސާބަށް އެއްވެފައި އޮތް މީހުން ވެސް އިވާންއަށް ފެނުނެވެ.

"މައްޔުގެ ހަނދާންތައް އެނބުރި އަންނަނީތަ؟. ނޯ ވޭ... އޭރުން ކިހިނެއްވާނީ." ތިރީތުންފަތުގައި ދަތްއަޅާލައިގެން އިވާންއަށް ހުރެވުނެވެ. ފިކުރުތަކުގެ ސަބަބުން ދެ ބުމަ ކައިރިކޮށްލެވިފައިވާއިރު އެ ރީތި މޫނުމަތިން ފެންނަނީ ހާސްކަމެވެ.

"ކީއްވެފަ ތިހުރީ." އިވާންގެ ފަހަތުން އައިސް ކައިރީގަ ހުއްޓިލީ އޭނާގެ ކޮއްކޮ އައިމީއެވެ.

"މަންމަ ގޮވީތަ؟." އައިމީ އައީ މަންމަ ފޮނުވައިގެންކަން އިވާނަށް ޔަގީނެވެ.

"މައްޔުއާ ދެމީހުން އޯކޭތަ؟." ބޭބެގެ ނުތަނަވަސްކަމާއި ހިމޭންކަން ފާހަގަވެ އައިމީ އަހާލިއެވެ.

"މައްޔު ޖޮބަކަށް ދާން ފެށިކަން އެނގޭތަ." ކޮއްކޮއާ ނަޒަރު ސީދާކޮށްލަމުން އިވާން އަހާލިއެވެ.

"ނޭނގެ. ކޮންއޮފީހަކަށް. ފްލާވާ ޝޮޕް ބަންދުކުރީތަ؟." އައިމީއަށް ވެސް ލިބުނީ ހައިރާންކަމެވެ. އޭނާއަކަށް ވެސް މާޔަލްގެ ދިރިއުޅުމުގައި ހިނގާ ކަންކަމެއް މިހާރު ނޭނގެއެވެ. އެހެންނޫނީ ކިރިޔާ ކަމެއްވާއިރަށް މާޔަލް ގުޅާނެއެވެ. އެ ދެމެދުގައި ވެސް މާޔަލް ނުދައްކާނެ ވާހަކައަކަށް އޮންނަނީ އިވާންއާއެކު އޮންނަ ގުޅުމެވެ.

"އެކަމާތަ މައްސަލަ ޖެހުނީ. އެކަމަކު އެއީ އެވަރުކަމެއްނޫން. ވޯކް ކުރަން ބޭނުންވަންޏާ އެ ރައިޓްސް މައްޔުއަށް އޮންނަންވާނެއެއްނު." އައިމީ ބުންޏެވެ.

"އެކްސިޑެންޓާ ގުޅިގެން މައްޔު އެއްވެސް ވާހަކައެއް ދެއްކިތަ؟." އިވާން އަނެއްކާ ވެސް ސުވާލެއް ކުރިއެވެ.

"ނުކުރޭ. އެ ވާހަކަ ދައްކަން މައްޔު ބޭނުންނުވާ ކަހަލަ. ދޮންބެ ކައިރީ ބުނިތަ އެއްވެސް އެއްޗެއް. ހިތަށް އަރާ އެއީ ހަމަ އިއްތިފާގެއްބާއޭ. މީހަކު މައްޔުއަށް ލަނޑެއް ދިނީ ނޫންބާއޭ." އައިމީއަށް ބުނެވުނެވެ.

"ދެން ހެޔޮ. ތިހެން ނުބުނާތި މައްޔު ކައިރީ. އޭނާ އެކްސިޑެންޓްގެ ވާހަކަ ދެއްކި ނަމަވެސް ފާޑުފާޑުގެ ޚިޔާލުތައް އޭނާގެ ބޮލަށް ވައްދަން ނޫޅޭތި. ޝީ ހޭސް ސަފާޑް އިނަފް." އިވާން ބުންޏެވެ. އަދި އޭނާ ކާކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

* * * * *

"ދަނީތަ؟." އެނދުން ފައިބަން އުޅުނު އަނބިމީހާގެ އަތުގައި ހިފައި ރަޒާގެ ގާތަށް ދަމާލައިފިއެވެ. އެއާއެކު މައިރާ އަނެއްކާ ވެސް އެނދުމައްޗަށް ވެއްޓުނީއެވެ.

"ދޮންބެދައްތަ އެކަނި ބަދިގޭގަ އުޅޭނީ. ހުކުރެއް ކަމަކު ސައިބޯން ޖެހޭނެއެއްނު." މައިރާ ބުންޏެވެ.

"އަދި ހިތެއް ނުފުރޭ." މައިރާގެ ގައިގާ ބައްދާލަމުން ރަޒާ ބުންޏެވެ.

"ދެން ރަޒާ." ފިރިމީހާގެ ސަމާސާގެ ބީހުންތަކުން މައިރާ ހޭންފެށިއެވެ.

"ލަވް ޔޫ.... މައި، ބޭބީއެއް ހޯދަން ހިނގާ." ކުއްލިއަކަށް ކުރުއަތް މައްޗަށް ތެދުވެލާ މައިރާގެ ކޯތާފަތުގައި ފިރުމަމުން ރަޒާ ޚިޔާލެއް ފާޅުކޮށްލިއެވެ.

"ވަޓް... ސީރިއަސް ވާހަކައެއްތަ. އެކަމަކު ކުރީން ބުނީމެންނު އިޔާއެއް ނުވަނީސް ކުއްޖެއް ހޯދާކަށް ބޭނުމެއްނޫނޭ." މައިރާ ހައިރާންވިއެވެ.

"އަވަހަށް ބޭބީއެއް ހޯދުމެއްނޫންތަ ރަނގަޅީ. މައި ބުނެބަލަ." ރަޒާ އަހާލިއެވެ.

"ބޭބީއެއް ބޭނުން... އެކަމަކު ހިތަށް އަރަނީ. ބޭބީ ލިބިގެން މިގޭގަ ހަމަޖެހިގެން އުޅެވިދާނެބާއޭ. ދޮންބެދައްތަ ދަރިއަކު ގޮވައިގެން މިގޭގަ އުޅޭ ގޮތް އެބަފެނޭ. އަހަރެންގެ ކަންފަތައް މިގޭގަ ކުރާ ޒުވާބުގެ އަޑު އަހަން ކެތްވިޔަސް، އެ އަޑުތައް އަހަރެމެންނަށް ލިބޭ ދަރިއަކަށް އަބަދު އިވޭކަށް ނޭދެން. ރަޒާއަށް ޓަކައި އަހަރެން ކޮންމެ ކަމަކަށް ވެސް ކެތްކޮށްފާނަން. އެކަމަކު ދަރިއަކު ލިބުމުން އަހަރެމެން ދެމީހުން ވެސް އިސްކުރަން ޖެހޭނީ ދަރިފުޅަށް ރަނގަޅު ގޮތް. ނޫންތަ." މައިރާ ބުންޏެވެ.

"ސޮރީ." ރަޒާ މަޑުމަޑުން ބުނެލިއެވެ. އަނބިމީހާ އެ ދެއްކީ ކަން އޮތް ގޮތުގެ ވާހަކައެވެ. ގޭތެރޭގެ މަސްލަހަތު ގެއްލެމުންދާއިރު އެކަމުގައި ޒިންމާވަނީ މަންމަކަން ވެސް ރަޒާއަށް ރަނގަޅަށް އެނގެއެވެ. ޚުދު އޭނާއަށް ވެސް އެ ގޭގެ މާޙައުލަކީ ކުޑަކުއްޖަކު ބޮޑުވާން ނަފްސާނީ ގޮތުން ދުޅަހެޔޮ މާޙައުލެއްކަމުގައި ޤަބޫލެއް ނުކުރެވެއެވެ. އޭނާގެ މޫނުން މާޔޫސްކަން ފާޅުވެލީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

"ހިނގާ ޓްރައިކުރާން. ޕްރެގްވީމަ ވިސްނާނީ ދެން ކަންތައް ކުރާނޭ ގޮތެއް." ފިރިމީހާގެ މޭގައި ފިރުމާލަމުން މައިރާ ނިކަން ފުޅާ ހިނިތުންވުމެއް ދިނެވެ. އެ ހިނިތުންވުން ރަޒާގެ ހިތް ފަތަހަކުރާން ސުކުންތެއް ވެސް ނުނެގިއެވެ.

ސުލްތާނާ ފުރައިގެން ދިއުމުން ލިޔުޝާ ހުރީ ކަންބޮޑުވެފައެވެ. ކޮއްކޮ އެނބުރި ރަށަށް ގޮސް އެ ގޭތެރޭގައި ކަންތައް ހުރި ގޮތުގެ ވާހަކަ ޢާއިލާގެ ކައިރީ ކިޔާފާނޭ ހީވެފައެވެ. މަންމަގެ ފޯނުކޯލު އައީމަ އޭނާ އިންތިހާއަށް ހާސްވީ އެހެންވެއެވެ. ފޯނުކޯލު ނުނަގާ އިރުކޮޅަކު މަޑުކޮށްލެވުނީ އެ ސަބަބާ ހުރެއެވެ. ނަސީބަކުން ލިޔުޝާ ފޯނުކޯލު ނެގުމުން އެފަދަ ވާހަކައެއް މަންމަ ނުދެއްކިއެވެ. ނަމަވެސް ލިޔުޝާގެ ގާތުން އެ މަންމަ އެދުނީ ދުވަސްކޮޅަކަށް ޢާއިލާގެ ގާތަށް ރަށަށް އައިސް ދިނުމަށެވެ. އަންހެން ދަރިފުޅާއި މާމަ ދަރިފުޅު މަތިން ހަނދާންވަނީ ކަމުގައި މަންމަ ބުންޏެވެ. ފޯނުން ވާހަކަދެއްކުމާއި ޢާއިލާގެ ކައިރިޔަށް ގޮސް އެމީހުންގެ ގާތުގައި އިންނައިރު އެ ކުރެވޭ އިޙްސާސް އަޅާވެސް ނުކިޔޭނެކަން ލިޔުޝާއަށް ވިސްނެއެވެ. އޭނާ ވެސް މަންމަމެންގެ މަތިން ހަނދާން ނުވަނީކީ ނޫނެވެ. ރަށުގައި މަންމަމެންނާއެކީ އުޅޭ ހިތް ނުވަނީކީ ނޫނެވެ. ކައިވެނި ކުރި ފަހުން ޢާއިލާގެ ކައިރިޔަށް ރަށަށް ލިޔުޝާއަށް ދެވުނީ އެންމެ ފަހަރަކުއެވެ. އޭނާއަށް މިހާރު ދެވޭނީ މަމްދޫހު ގެންދިޔައީ ވިއްޔާއެވެ. ލިޔުޝާ ބަދިގޭގައި އުޅެފައި އެނބުރި ކޮޓަރިއަށް އަންނަމުން ރަޒާއާއި މައިރާގެ ކޮޓަރިއަށް ބަލާލިއެވެ. އެހެންޏާ ހެނދުނު އޭނާއާއެކު މައިރާ އުޅޭނެއެވެ. މިއަދު މައިރާ ވެސް ކޮޓަރިން ނުނިކުމެވެ. ހެނދުނު ނުވައެއް ޖަހައި ދިޔައިރު ވެސް އެ ގޭ ތެރޭގައި ވަނީ ފަޅުކަމެވެ.

* * * * *

އިސާކުއާއި އޮފީހުގެ ޑިޕާޓްމެންޓްތަކުގެ ވެރީންނާއެކީ ރެސްޓޯރެންޓުގެ ކޮފީމޭޒު ދޮށުގައި އައިރިކް އިނެވެ. އެމީހުން ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެވެ. ވިއްސާރައެއް ކަމަކު މުވައްޒަފުންގެ މެދުގައި އޮތް ފޯރި ކުޑައެއް ނުވެއެވެ. ދުވަހަށް ރޭވިފައި ހުރި ކަންކަން ކުރިޔަށް ދިޔައިރު އެކަމުގައި އައިތަން އެމީހުންނާ ބައިވެރިވަމުން ދިޔައެވެ. ރެސްޓޯރެންޓުގެ ވަށައިގެން ޖަހާފައި ހުރި ފެންސުގައި ލެނގިލައިގެން މާޔަލް ހުއްޓެވެ. ދެއަތް އުރާލައިގެން އިސްޖެހިފައި އޭނާ ހުރިއިރު ވިސްނަމުން ދިޔައީ ފަތިހު އޭނާއާއި އައިރިކްއާ ދެމެދު ހިނގައިދިޔަ ކަންތައްތަކާމެދުއެވެ. އޭގެ ފަހުން އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެއްކެއެވެ. އައިރިކްއަށް އެހީވުމުގައި އޭނާގެ ގާތުގައި މާޔަލް އުޅޭއިރު އޭނާގެ އެހީތެރިކަން ބަލައިގަތުމުގައި ދެކޮޅެއް ނުހަދައެވެ. ކަމެއް ބޭނުންވެއްޖެނަމަ ޚުދު އައިރިކް އަމިއްލައަށް ވެސް އެކަމެއްގެ ވާހަކަ މާޔަލް ގާތު ބުނެއެވެ. ނަމަވެސް އައިރިކްގެ ފުށުން ފެންނަ އާދަޔާ ޚިލާފު ސީރިއަސްކަން މާޔަލްއަށް ފަހުމްވީ ރުޅީގެ ސިފައިގައެވެ.

"ކީއްވެފަ؟ ދޮންބެ ބުނީތަ މަޑުކުރަން." ދުވެފައި އަތިރިމަތިން އަރައިގެން އައި އައިތަންއަށް މާޔަލް ފެނި ކައިރިވެލިއެވެ.

"ދުރަށް ނުދައްޗޭ ބުނީ." މާޔަލް ބުންޏެވެ.

"ޖެޓްސްކީ ދުއްވާލަން ދާނަންތަ؟. އެބައުޅޭ ބަނާނާ ރައިޑަކަށް ދާން... ހިނގާ ބައިވެރިވެލަން. މަޖާވާނެ. އަހަރެން ދޮންބެ ކައިރީ ބުނަންތަ. މާޔަލް ފޫހިވެފައި ހުރިހެން ހީވަނީ." އައިތަން ވާހަކަދެއްކިއެވެ.

"ދާހިތެއްނެތް. އެކަމް ތޭންކްސް." މާޔަލް ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ޓެލް މީ ވަޓް ހެޕެން." މާޔަލްގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި އޭނާގެ ކައިރީ ރެސްޓޯރެންޓުގެ ފެންސުގައި އައިތަން ލެނގިލައިފިއެވެ. މާޔަލްއަށް ކަމެއްވެއްޖެއޭ އައިތަންއަށް ހީވަނީއެވެ. ބޭބެގެ ހާލާމެދު ކަންބޮޑުވެގެން ކުރި ތުހުމަތުތަކުގެ ސަބަބުން އޭނާ ހުށަހެޅި ހުށަހެޅުން މާޔަލް ޤަބޫލުކުރީ މަޖުބޫރީ ހާލަތެއްގައިކަން އައިތަންއަށް އެނގެއެވެ. ހަމައެއާއެކު މާޔަލްއާ މެދު ހަމްދަރުދީ ނުވާނަމޭ ހިތާ ހުއްޓަސް އައިތަންއަށް އެކަމެއް ވެސް ނުވެއެވެ. މާޔަލްގެ ސިއްޙަތާ މެދު އައިތަން ކަންބޮޑުވެއެވެ. މިފަހަކަށް އައިސް މާޔަލްގެ މޫނުމަތިން ކުރީން ފެންނަ ހިތްހަމަޖެހުމާއި ލުއި ހިނިތުންވުން ނުފެންނަކަން އައިތަންއަށް ފާހަގަވިއެވެ. އަބަދުވެސް ކޮންމެވެސް ވިސްނުމަކަށް ގެއްލިފައި މާޔަލް ހުންނަ ފަދައެވެ.

"ދޮންބެއާއެކު ވޯކްކުރަން ފަސޭހައެއްނޫން ދޯ. އެކަމަކު ދެން ނެތެއްނު އެހާ ދުވަހެއް." އައިތަން ބުންޏެވެ.

"އައިތަން..." މާޔަލް ގޮވާލިއެވެ. އެ އަޑުގައި ތަފާތު ބޭގަރާރުކަމެއް ވާކަން އައިތަންއަށް ވެސް ފާހަގަވިއެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާވެލި ހިނދު އެ އަސަރު މާޔަލްގެ ދެ ލޮލުން ވެސް އައިތަން ދުށްޓެވެ.

"ޔެސް... ޓެލް މީ." އައިތަން މިހެން ބުނެލީ ހަޤީޤަތުގައި ވެސް މާޔަލްއަށް އެހީވާން ބޭނުންވެގެންނެވެ. މާޔަލްއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަނބިމީހާގެ ކޮއްކޮއެވެ. މާޔަލްގެ ކިބައިން ނުބައި ބަދަލެއް ހިފުމަކީ އައިތަންގެ މަޤްޞަދެއް ނޫނެވެ.

"އައި ލޮސްޓް މައި މެމޮރީޒް... އެކަމަކު އެ ހަނދާންތައް އަހަރެން ބޭނުން. އެއީ އަހަރެންގެ ހަޔާތުން ވަރަށް މުހިންމު ބައެއް. އަހަރެން ހަނދާންނައްތައިލައިގެން ނުވާނެ ކަމެއް." މާޔަލްގެ އަޑުގައި ރިހުންވިއެވެ.

"އެކަމާ ތިހާ ބޮޑަށް ނުވިސްނާ. ރަޒާ އަހަންނަށް ކިޔާދިން އެ އެކްސިޑެންޓްގެ ސަބަބުން މާޔަލްއަށް ލިބުނު ގެއްލުން. ޒަޚަމްތައް ފުންވީ ވަރަކަށް ފަސޭހަވާން ވަގުތު ނަގާނެ. ވެދާނެ މާޔަލްއަށް ރަނގަޅަކަށް ކަމަށް އެ ހަނދާންތައް އިޔާދަނުވެގެން އުޅެނީ. ނުބައި ހުވަފެނެއްގެ ތެރޭ ހޭނުލެވި ތިމާ ހައްޔަރުވެފައި ހުންނާން އެކަކުވެސް ބޭނުމެއްނުވާނެ. މިވަގުތު މާޔަލްއަށް މުހިންމީ އަވަހަށް ރިކަވާވުން. ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި އެ ހަނދާންތައް ރައްކާކޮށްފައި ހުންނާނެ. ވަގުތުޖެހުމުން ގެއްލިފައިވާ ހުރިހާ ހަނދާންތަކެއް އިޔާދަ ވެސް ވާނެ. އެކަމަކު އެކަން ތަޙައްމުލް ކުރެވޭހާ ސްޓްރޯންގް މީހަކަށް މާޔަލް ވެއްޖެކަން އެ ސިކުނޑިއަށް ޤަބޫލުކުރެވޭ ދުވަހަކުން.... މީ އަހަރެންގެ ޚިޔާލު. ދޮންބެގެ ފަރާތުން ޕޮޒިޓިވް ޕްރޮގްރެސްއެއް ފެންނައިރު އަހަރެން އުންމީދުކުރަނީ މާޔަލްއަށް ވެސް މިވަގުތުތަކަކީ ފަރުވާއަކަށްވާން. އެ އެކްސިޑެންޓް ހިނގަން ޖެހުނީ ކީއްވެކަން އަހަންނަށް ނޭނގުނަސް ތި ދެމީހުން އެކަމުގައި ޝާމިލްވޭ... މޭބީ އިޓްސް ޖަސްޓް ބޭޑް ލަކް." އައިތަން ބުންޏެވެ.

"މޭބީ އައި އޭމް ނޮޓް ދެޓް ސްޓްރޯންގް." މާޔަލްއަށް ހިތާ ހިތުން ބުނެލެވުނެވެ. އޭނާ ހަނދާންވީ ލެއިންކަޅިވެފައިވާ އައިރިކް ހުވަފެނުން ފެނުނު ރެޔެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. އެ ހުވަފެނެއްގައި ހައްޔަރުވެފައި ހުންނަން މާޔަލް ނޭދޭނޭ ފަދަ ނުބައި ހުވަފެނެކެވެ. އެކަމަކު އެއީ އޭނާ ކުރިމަތިލާން ފަސްޖެހެމުން އަންނަ ހިތި ހަޤީޤަތް ނޫންބާއެވެ. އެހެންވިޔަސް ފެންނަ ހުވަފެނަކަށް ބަރޯސާވާނީ ކިހިނެއް ހެއްޔެވެ. އޭނާއަކީ ހުވަފެނުގައި ހަޤީޤަތެއްވާކަން ޤަބޫލުކުރާ މީހެއްނޫނެވެ. މާޔަލްއަށް ހުވަފެނަކީ އިންސާނާގެ ޖަޒުބާތުތަކާއި ގުޅިފައިވާ ހަޤީޤަތެއްނެތް ބިލާހެކެވެ.

ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގައި ހުރެ އޭނާ ތައްޔާރުވަމުން ދިޔައީ އެރޭ އޮތް ޙަފުލާއަށެވެ. ލޯގަނޑުން މާޔަލްގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ލާފައި ހުރި ހެނދުން މަތިން އުނަގަނޑާ ދިމާގައި ދެއަތް ހިންގާލިއެވެ.

"އޭރަށްވުރެ ވެސް ހިކުނީތަ؟." މާޔަލްއަށް ބުނެލެވުނެވެ. އޭނާ ލައިގެން ހުރި ރަތްކުލައިގެ ހެދުމަކީ ހަށިގަނޑުގެ ބައްޓަމަށް ފަހާފައި ހުރި ހެދުމެކެވެ. ރަތް ހެދުމެއްކަން ޙަފުލާއަށް ލާން ޖެހެނީ އެނގުނީއްސުރެ މާޔަލްގެ ސިކުނޑީގައިވީ އެންމެ ހެދުމެކެވެ. އެ ހެދުމެއްގައި އައިރިކްގެ ގާތުގައި ހުއްޓާ ހުވަފެނުން ފެނުނު ރަތް ހެދުމެވެ.

"އޯ ނޯ..." މަޑުމަޑުން މާޔަލް ބުނެލިއެވެ. އެ ތާށިވީ ހެދުމުގެ ޒިބެވެ. ހެދުން ހިފައިގެން އައިއިރު އެ ހެދުމުގެ ޒިބު ރަނގަޅުތޯ ބަލާލާކަށް އޭނާ ހަނދާނެއް ނެތެވެ. އަލުން ހެދުން ބާލަން މާޔަލް އުޅުނެވެ. އެކަމަކު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހީ އެވަގުތެވެ. އަވަސްކުރަންވެގެން މާޔަލް ތަންކޮޅެއް ބާރަށް ޒިބަށް ދަމާލިއެވެ. އެހިނދު ނަސީބަކުން ކުޑަތާއްޓެއްވެލިޔަސް ޒިބު އެޅުވިއްޖެއެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. އަދި ހަލުވި ފިޔަވަޅުގައި އައިސް ދޮރުހުޅުވާލިއެވެ.

"މި ނިމުނީ." ދޮރުމަތީ ހުރި އައިތަންއަށް މާޔަލް ބުންޏެވެ.

"ބައްޕައާއެކީ ދޮންބެ ގޮސްފި. ދޮރުމަތީ މިހުރީ. އާދޭ އިނގޭ." އައިތަން ބުންޏެވެ.

މާޔަލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޙަފުލާއަށް މާޔަލް ދާން ހަމަޖެހިފައި އޮތީ އައިރިކްއާއެކީގައެވެ. ވީއިރު ކުއްލިއަކަށް އައިރިކް އެކަނި އެ ދިޔައީ ކީއްވެބާއެވެ. މާޔަލް ދެކެ އޭނާ ހިތްހަމަނުޖެހިފައި ހުރިވަރުން ހެއްޔެވެ. ޙަފުލާއަށް ދިއުމާމެދު މާޔަލް ޚިޔާލު ބަދަލުވިއެވެ. ދޮރުމަތީ ފޯނަށް ގެއްލިފައި ހުރި އައިތަންއަށް މާޔަލް ގޮވާލިއެވެ.

"އައިތަން... އަހަރެން ދިއުން މުހިންމުތަ؟. ތިބުނީ ބައްޕައާއެކީ އައިރިކް ހިނގައްޖެޔޭ. ނިންމާފައި އައިތަންއާއެކީ މިކޮޅަށް އައިރިކް އަންނާނެއެއްނު... އެހެންނޫނަސް އަހަންނަކީ..."

"މާޔަލް. ގެޓް ރެޑީ... ލަސްވޭ އެބަ. ދޮންބެ ބައްޕައާއެކީ ދިޔައީ މާޔަލް ގޮވައިގެން އަންނާށޭ އަހަރެން ކައިރީ ބުނެފަ. ތީ އައިރިކްގެ މޮސްޓް ޓްރަސްޓެޑް ޕީއޭ. މިރޭ ދޮންބެ ވާހަކަ ދައްކާނެ. ހީ ވިލް ނީޑް ޔޯ ސަޕޯޓް." އައިތަން ބުންޏެވެ. އިތުރު ވާހަކައެއް ނުދައްކާ މާޔަލް ހަމައެކަނި ބޯޖަހާލީއެވެ.

އައިތަންއާއެކީ ކޮޓަރިތައް ސަރަޙައްދަށް އައި ވެހިކަލްގައި މާޔަލް ވެސް އިނެވެ. މާޔަލްގެ ރީތިކަމަށް އައިތަން ތަޢުރީފުކޮށްލިއެވެ. ޙަފުލާ ހަމަޖެހިފައި އޮތް ހޯލްގެ ތެރެއަށް މާޔަލް ވަނުމަށް ދޮރު ހުޅުވާލަ ދިނީ ވެސް އައިތަންއެވެ. ހޯލުތެރޭގައި މީހުންނާއިގެން ތޮށްޖެހިފައި އޮތް ކަހަލައެވެ. އެކުވެރީންނާއެކީ އެއް މޭޒެއްގެ ދޮށުގައި އިށީނުމަށް އިސްކަން ދެމުން ހުރިހާ މުވައްޒަފުން މޭޒުތައް ދޮށުގައި އިށީނދެ ހަމަޖެހެމުން ދިޔައެވެ.

"އަހަރެމެންނާއެކީ މާޔަލް އިންނާނީ." އައިތަން ބުންޏެވެ.

އިސްޓޭޖާ ކައިރީގަ ހުރި މޭޒުތަކުގައި ތިބީ ތަނުގެ އިސްވެރީންނެވެ. އިސާކުގެ ކައިރީ ޔޫނުސް އިނެވެ. އެ މޭޒުގެ ދޮށުގައި ޝަހާ ވެސް އިނެވެ. ލާފައި ހުރީ ދަނބުކުލައިގެ ލޭސްފޮތީގެ ކުރު ހަވީރީ ހެދުމެކެވެ. އެއީ ރީތި ސިފަތަކެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އެ މޭޒު ދޮށުގައި އައިރިކްއެއް ނެތެވެ. އޭނާ ކޮބާބާއެވެ. މާޔަލްގެ ލޯ ހޯދާލިއެވެ. ގޮނޑީގައި ހިފަހައްޓާލައިގެން ފުރަގަސް ދީގެން ހުރި އައިރިކް އެނބުރިލީ އެވަގުތެވެ. މާޔަލްގެ ފިޔަވަޅު ހުއްޓުނެވެ. ލިބުނު ސިހުން މޫނުމަތިން ނުފޮރުވުނެވެ. އޭނާއަށް ކުއްލިއަކަށް ކައިރީގަ ހުރި އައިތަންގެ އަތުގައި ހިފުނެވެ.

"މާޔަލް. އާ ޔޫ އޯކޭ." މާޔަލް މޫނުން ފެންނަން ހުރި ސިހުން އައިތަން ހާސްކުރުވިއެވެ.

"ޑިޖާވޫ... އެކަމަކު ކިހިނެއް؟... އައިތަން! ކަމެއްވުމުގެ ކުރީން އެކަން އެގޮތަށް ވަނިކޮށް ހުވަފެނުން ފެނިދާނެތަ؟. އިޒް އިޓް ޕޮޒިބަލް." މާޔަލްއަށް ވާހަކަދެއްކުނީ އަވަސްއަރުވާލައިފައެވެ. (ނުނިމޭ)