ގާސިމް އިބްރާހިމް

ރައްޔިތުންގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމުން: ގާސިމް

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ގާސިމްގެ ވިސްނުންފުޅު ހިއްސާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައީސް އާއި މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއް ކަމަށާ ނަމަވެސް ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ބޭފުޅެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެ ގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން،" ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ނަމަވެސް ރައީސް ސޯލިހް މިއަދު ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ.

ރައީސް ސޯލިހްްގެ ވިސްނުންފުޅު ހާމަކުރެއްވުމުގެ މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ގެންދަވަނީ އެ ބޭފުޅުންގެ ވިސްނުން ހާމަކުރައްވަމުންނެވެ.