ސްރީލަންކާ

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ދިގުނުދަންމާނެ ކަމަށް ސަރުކާރުން ބުނެފި

ލަންކާ މިވަގުތު އޮތީ ކުއްލި ނުރައްކަލުގައި ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ. އެހެންކަމުން މިހާރު އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ރަނިލް ވިކްރަމަސިންހާގެ މީޑިއާ އޮފީހާ ހަވާލާދީ ރޮއިޓާސްއިން ބުނެފި އެވެ.

ލަންކާގައި މިދިއަ މަހު މެދެއްހާ ހިސާބުގައި ކުއްލި ނުރައްކާ އިއުލާންކުރީ ސަރުކާރު އިސްތިއުފާދޭން ގޮވާލާ މީހުން މަގުތަކަށާއި މައިދާންތަކަށް އެއްވެ ސަރުކާރުގެ އޮފިސްތަކަށާއި ރިޔާސީ ގަނޑުވަރަށް ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ހަމައިން ނައްޓައި ގައުމު ހިންގުން ސަރުކާރަށް ތަކުލީފަކަށް ވެފައި ވަނީކޮށް އާންމުން ކުރަން ފެށި އިހުތިޖާހުތައް ބޮއްސުންލައި އާންމުންގެ މުދަލަށާއި ފަރުދުންގެ ޖާނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ރައީސް ގޮޓާބޭ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮވާލައި ހާލަތު މަޖުބޫރު ކުރުމުގެ ސަބަބުން ރައީސާއި ބޮޑުވަޒީރު ވެސް ވަނި އިސްތިއުފާ ދެއްވާފަ އެވެ.

ލަންކާއަށް އާ ރައީސަކު ކަނޑައެޅުމަށް ގާނޫނުހަދާ މަޖިލީހުގައި ވޯޓުގައި ޖުލައި 20 ގައި ރަނިލް ވިކްރަމަސިންހަ ވަނީ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.

ގައުމު އެ ވަގުތު އޮތް ހާލަތުން މިންޖުކޮށް ސަރުކާރާއި ދައުލަތް ހިންގުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ބޮޑުވަޒީރުގެ މަގާމުގައި ރަނިލް ހުންނަވައި ޖުލައި 18 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި އެވެ.

ރައީސްގެ މީޑިއާ އޮފީހާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން މުޒާހަރާ ކުރާ މީހުން މަގުތަކުން ސާފުކޮށް ހަމަނުޖެހުން ހިންގާ މީހުން ހައްޔަރުކުރަން ސަރުކާރުން ނެރުނު އަމުރާއެކު މަގުތައް ސާފުވެ އާދައިގެ ހާލަތަށް އަންނަނީ އެޅެމުންނެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ބައިނަލްއަގްވާމީ މާލި އިދާރާތަކާއެކު ސަރުކާރުން ކުރަން ފަށާފައި އޮތް މަޝްވަރާތައް އަލުން ފަށަން ލަންކާ އޮތީ ތައްޔާރަށެވެ. އޮފިޝަލުން ބުނާ ގޮތުން ގައުމު ހަމައަކަށް އެޅެމުން އަންނަ މިވަގުތުގައި ބޭރު ގައުމުތަކާއެކު މަޝްވަރާތައް ފަށާނެ އެވެ.