ބޭންކް އޮފް މޯލްޑިވްސް

ކޯޑު ހޯދައިގެން ފައިސާ ހޯދަނީ، ކޯޑު ހިއްސާ ނުކުރޭ

Aug 17, 2022

އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ މިފަދަ ފަރާތްތަކާމެދު އިތުރަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ.

" ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުން ގުޅައިގެންނާއީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އާއި ޕާސްވޯޑް އަދި އީމެއިލް އައިޑީވެސް އެބަ ހޯދާ. އަދި ފޯނަށް އަންނަ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑާއި އޯޓީޕީ ވެސް ހޯދާ. އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އީމެއިލް ބޭނުންކުރެވޭ،" ސައީދު ވިދާޅުވި އެވެ.

"މި މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދޭ. އެހެންކަމުން މިފަދަ އެއްވެސް ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން."

އޭނާ ވިދާޅުވީ މިހާރަކަށް އައިސް ފްލެޓް ނުވަތަ ރޯހައުސް އެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލަތައް ހުށަހަޅާ ކަމަށެވެ.

" މިފަދަ މައްސަލަތަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ފާހަނގަކުރެވެނީ އީމެއިލްއަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި ހުންނަކަން. އަދި ބައެއް ފަހަރު އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތްވެސް ކޮށްފައި ހުންނަކަން ފާހަގަކުރެވޭ.
އަޅުގަނޑުމެން އެދެނީ މިފަދަ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ އެއްވެސް މުއާމަލާތްނުކުރުން. އަދި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުން،" ސައީދު ވިދާޅުވި އެވެ.

ސަމާލުކަންދޭންވީ އެއްވެސް މައުލޫމާތެއް ނުދިނުމަށް

އޭނާ ވިދާޅުވީ އެކި ނަން ނަމުގައި ގުޅައިގެން ކަސްޓަމަރުގެ ޒާތީ މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކުން އެދޭ އެއްވެސް މައުލޫމާތެއް ނުދިނުމަކީ ކަސްޓަމަރުންނަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

" މިފަދަ ފަރާތްތަކުން ވާހަކަދައްކަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވީނަމަވެސް އިންޓަރނެޓް ބޭންކިން އަށް ވަނުމަށް ބޭނުންކުރާ މައުލުމާތުތަކާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލްގެ އިތުރުންއެއްވެސް ކޯޑެއް ހޯދުމަށް އިދާރާއަކުން ނުގުޅާނެކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމު. ކަސްޓަމަރުގެ އީމެއިލް އަކީ އިންޓަރނެޓް ބޭންކިންގ އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އެއްވެސް ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަކީވެސް ރައްކާތެރިކަން ހޯދޭނެ ގޮތްތަކެއް،" ސައީދު ވިދާޅުވި އެވެ،

މީގެ އިތުރުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ، ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.