މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި ގިނަ އަދަދެއްގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނީލަމަށް ލައިފި އެވެ.
އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބަހައްޓާފައިވާ، މުދާތައް ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ.
މި މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ. އަދި މުދާ ބަލަން ނަން ނޯޓް ކުރަން ދާއިރު، ފަސް ގަޑިއިރު ކުރިން ނީލަން މުދާ ބެލުމަށް އެދޭ ފޯމު ފުރިހަމަ ކުރަންވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މުދާ ބަލަން އާދެވޭނީ ޕޯޓުގެ ގަވާއިދާ އެއްގޮތަށް، ބޫޓު، ވެސްޓް އަދު ހެލްމެޓް އަޅައިގެންނެވެ.
އެމްޕީއެލް އިން ބުނީ ނީލަމުގައި ބައިވެރިވެވޭނީ މި މަހުގެ 29 ވަނަ ދުވަހުގެ 2:00 ކުރިން ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތް ތަކަށެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި ނީލަން ކިޔުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން އެ ކުންފުނީގެ ސާވިސް ބިލްޑިންގައި ކަމަށެވެ.
އެމްޕީއެލް އިން ވަނީ މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހަވާލުވާނެ ވަކި ފަރާތެއް ނެތް ގޭސްފުޅިތަކެއް ވެސް ނީލަމުގައި ވިއްކާލަން ނިންމާފަ އެވެ. ނީލަން ފެށޭ އަގަކީ ފުޅިއަކަށް 800 ރުފިޔާ އެވެ.
މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި މުދާތައް މީގެ ކުރިން ވެސް އެމްޕީއެލް އިން ވަނީ ނީލަން ކިޔާފަ އެވެ.