ރައީސް މުހައްމަދު ނަޝީދު

ނިޒާމީ ވޯޓަށް ދާން އެކަކަށްވެސް އިންކާރެއް ނުކުރެވޭނެ: ނަޝީދު

Aug 18, 2022
1

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވާފައި ވަނިކޮށެވެ. އަދި އެމްޑީޕީއާއި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން އެދޭ އެނގޭނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މިފަދަ ވޯޓެއް ނެގުމަށް. ރައްޔިތުން ގާތުގައި އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްނުވާނެ ކަމުގެ ޔަގީންކަމެއްވެސް ދެއްވެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މިވަގުތު ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުން މާމުހިއްމު ކަމަށެވެ. ރައީސް ނަޝީދު ބަރުލަމާނީ ގަރާރު ހުށަހެޅުއްވީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް ކަމަށް ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ ގަރާރު އޮތީ "ޅަފަތުގައި" ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ބޭފުޅުން އެކަމުގައި ރައްޔިތުންގެ ގާތަށް ގޮސް ނިޒާމާ ގުޅޭ މައުލޫމާތުދީ ކަންކަން އޮޅުންފިލުވައިދިނުމަށްފަހު އެމަސައްކަތް ފަހުން ކުރެވިދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވެރިކަމުގެ ނިޒާމުގެ މައުލޫމާތުދޭ އިރު ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ހުރި ފައިދާ އާއި ގެއްލުންވެސް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ރައީސް ނަޝީދުގެ ގަރާރުގައިވާ ގޮތުން ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށްވެސް ގަރާރުގައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.

ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބާރު ލިބިވަޑައިގެންނެވި ނަމަވެސް ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާ ބޮޑުވަޒީރު ހޯއްދަވާ ޖެހިވަޑައިގަންނަވަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގަރާރުގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި ޖުޑިޝަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަންވެސް ހުށަހަޅުއްވާފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ހިމެނުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާން ނަޝީދު ބާރު އަޅުއްވާއިރު އެ މަސައްކަތް 2007 ވަނަ އަހަރު ވަނީ ކޮށްފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ރައްޔިތުންގެ ނިންމީ ރިޔާސީ ނިޒާމަށް ގައުމު ހިންގުމަށެވެ.