( 16 އޯގަސްޓް 2022 އާ ގުޅޭ )
"ޑިޖާވޫ... އެކަމަކު ކިހިނެއް؟... އައިތަން! ކަމެއްވުމުގެ ކުރީން އެކަން އެގޮތަށް ވަނިކޮށް ހުވަފެނުން ފެނިދާނެތަ؟. އިޒް އިޓް ޕޮޒިބަލް." މާޔަލްއަށް ވާހަކަދެއްކުނީ އަވަސްއަރުވާލައިފައެވެ.
އައިތަންއާއި މާޔަލް އަތުވެއްޖެކަން އެނގުމުން މޭޒުދޮށުގައި އައިރިކް އިށީނެވެ. އެމީހުންގެ އިންތިޒާރުގައި އޭނާ ހުރި ކަހަލައެވެ. މާޔަލް އިށީންނަން ޖެހުނީ އައިރިކްގެ ވައަތް ފަރާތުން ޖެހިގެން ހުރި ގޮނޑީގައެވެ. އައިތަން އިށީނީ މާޔަލް ކައިރީގައެވެ. ޙަފުލާ ފެށިގެން ކުރިޔަށް ދިޔައިރު މާޔަލްއަށް ބެލެނީ އައިރިކްއަށެވެ. އެ ހުރިހާ އެންމެންގެ ތެރެއިން އޭނާއަށް ފެންނަނީ ހަމައެކަނި އައިރިކް ފަދައެވެ. ހުވަފެނެއްގައި ދުށް މަންޒަރުތައް ހަޤީޤަތަކަށްވެ މާޔަލްގެ ލޯ ކުރިމަތިން ފެނުނުމީ ފުރަތަމަ ފަހަރެވެ. އިއްތިފާގެކޭ އޭނާގެ ޟަމީރު ޤަބޫލެއްނުކުރެއެވެ. އޭނާއަށް ހުވަފެނުން ފެނުނު ގޮތާ ކުޑަ ވެސް ތަފާތެއް ނެތީއެވެ. ނޫކުލައިގެ ސޫޓުގައި ހުރީ ދިގާއި ހުރަހަށް ވާހެން ދަނބުކުލައިގެ ރޮނގެވެ. ކޯޓުގެ އެތެރެއިން ލާފަ ހުރީ ހުދު ގިރުވާނެއްލީ މަޑު ދަނބުކުލައިގެ ގަމީހެކެވެ. އަޅާފައި ހުރީ ގަދަ ދަނބު ކުލައިގެ ތިކިތަކެއް ޖަހާފައިވާ އަޅިކުލައިގެ ޓައީ އެކެވެ. ހަމައެއާއެކު ކޯޓުގެ ޖީބަށް އިނީ ގަމީހާ ގުޅޭ ގޮތަށް މަޑު ދަނބުކުލައިގެ ރުމާކޮޅު ކޮށްޕާލާފައެވެ. މާޔަލް ހީވީ އޭނާއަށް ހުވަފެނުން ހޭނެލެވި އިނދެވުނީ ހެންނެވެ. ހުވަފެނެއްކަމެއް ހަޤީޤަތެއްކަން ވަކިކުރާން ނޭނގިފައެވެ.
"އަހަންނަށް ފެނުނު ގޮތައް. ހަމަ އެ ސޫޓު... އެ ކުލަ... އެއްވެސް އެއްޗެއް ޗޭންޖުވެފަނެތް. އެކަމަކު... ކިހިނެއް؟. ހުވަފެން މިހާ ސީދާ ވެދާނެތަ؟." މާޔަލްގެ އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ.
"އާ ޔޫ އޯކޭ." މާޔަލްގެ އަތުގައި ކޮއްޓާލުމުން އޭނާ ބަލާލި ހިނދު ކަންފަތް ދޮށުގައި ސިއްރުން އައިތަން އަހާލައިފިއެވެ. އެއާއެކު މާޔަލް ބޯޖަހާލީއެވެ. އޭނާގެ ބުއްދިއަށް ވިސްނައިގަންނަން ނޭނގުނު ކަމެއް އެހެން މީހަކަށް ކިޔައިދީގެން އެނގިދާނެ ހެއްޔެވެ. އެއްވެސް މީހަކަށް އޭނާގެ ވާހަކަ ޤަބޫލެއް ނުކުރެވޭނެއެވެ. ހުވަފެނެއްގައި ފެނުނީއޭ ބުނެފިނަމަ އެ ވާނީ ހަމަނުޖެހޭ ހެއްވާ ކަމަކަށޭ މާޔަލްއަށް ގަބޫލުކުރެވެނީއެވެ.
ޙަފުލާ ކުރިޔަށް ދިޔައީ ކިހިނެއްތޯ މާޔަލް ނުބަލައެވެ. އެތަނުން ނުކުމެވޭނެ އިރަކަށް އޭނާ އިނީ ކެތްތެރިކަން ކުޑަވެފައެވެ. ފަހަރަކު އައިޓަމްއެއް ނިމި އެންމެންނަށް ޓަކައި ތައްޔާރުކޮށްފައި އޮތް ޖާފަތައް އިންސާފުކުރާންވީ ވަގުތު ޖެހުނެވެ. މޭޒުތަކުން މީހުންތައް ތެދުވެ ކާއެއްޗެހި އަތުރާފައިވާ މޭޒުތައް ދޮށުގައި ކިއު ހަދަންފެށިއެވެ. މާޔަލް ގޮވައިގެން އެ ތަނުން ކިއުއަކަށް އަރަންދާން އައިތަން ތެދުވިއެވެ. އެހިނދު ޝަހާ އިސްނެގީ އައިރިކްއަށް ތަށްޓެއް ހިފައިގެން އަންނާނީ އޭނާ ކަމެވެ. އައިރިކް ދެކޮޅު ހަދާނޭ މާޔަލް ހީކުރިއެވެ. ނަމަވެސް އޭނާ ބަހެއް ނުކިޔެވެ. އައިތަން ވެސް އަޅާނުލީ އެހެންވެކަން މާޔަލްއަށް އެނގެއެވެ. އައިރިކަށް ކަމުދާ ގޮތެއް އައިތަންއަށް ކަމުދާނެކަން އެނގެއެވެ. އައިތަންއާއެކު ތެދުވި ނަމަވެސް މާޔަލް ޚިޔާލު ބަދަލުވީ ފަދަ އިން އަލުން އިށީނދެއްޖެއެވެ.
"ކާހިތެއްނެތް. އައިތަން ގޮސްލާ." މާޔަލް ބުންޏެވެ.
"މިރޭ ދެން ނުކައި ހުންނަނީ. އަހަރެން ގެނެސްދެންތަ؟." އައިތަން ބުންޏެވެ. މާޔަލް ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.
"ކުރީން ތި ސޫޓް ބޭނުންކުރީންތަ؟. މިރޭގެ މި ޙަފުލާނޫން އެހެން ޙަފުލާއެއްގައި ލައިގެން ހުރީންތަ؟." އައިރިކްއާއެކު މޭޒުދޮށުގައި އެކަނިވީ ހިނދު މާޔަލް ވާހަކަދެއްކިއެވެ. އޭނާގެ ނަޒަރު ހުރީ އައިރިކްއަށް ހުއްޓިފައެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި އައިރިކް މޫނު އަނބުރާލީއެވެ. އަދިވެސް މާޔަލްދެކެ އޭނާ ހިތްހަމަނުޖެހިފައިވާ ކަހަލައެވެ. މޭޒުމަތީ އޮތް އައިރިކްގެ އަތުގައި ހިފާލެވެން މާޔަލްއަށް އުޅުނެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް ގެނައީ އިނދެވުނީ އެތައް ބައެއްގެ ތެރޭގައިކަން ވިސްނިގެންނެވެ. އޮފީހުގެ މުވައްޒަފުންނަށް އައިރިކް އެ ފެނުނީ މަސްތަކެއް ވަންދެން އޭނާ ނުފެނި ހުރެފައެވެ. ވީއިރު އެ ޙަފުލާގައި އެންމެންގެ ނަޒަރު އައިރިކްއަށް ހުއްޓިފައި ހުންނާނޭކަން މާޔަލްއަށް ޔަގީންވެއެވެ.
"ރިކް... ޓޯކް ޓު މީ." މާޔަލް މަޑުމަޑުން ބުނެލިއެވެ.
ދެން ވެސް އައިރިކް އިވޭ ކަމަކަށް ނުހެދިއެވެ. ދެމެދަށް ވެރިވި ހިމޭންކަން ދިގުލައިގެން ދިޔައެވެ. އައިރިކް ވާހަކަ ނުދައްކާނޭ ހީވާތީ މާޔަލް ވެސް އިތުރު ވާހަކައެއް ނުދެއްކީއެވެ. ޝަހާއާއި އައިތަން އައިސް މޭޒުގެ ދޮށުގައި އިށީނެވެ. މާޔަލް ނުކާނަމޭ ބުނުމުން ވެސް އޭނާއަށް ޖޫސްތަށްޓެއް އައިތަން ގެނެސްދިނެވެ. ޝަހާގެ އެހީތެރިކަން އައިރިކް ޤަބޫލުކުރާތީ އޭނާގެ ދެއްކުންތެރިކަން އިތުރުވިއެވެ. އައިރިކްގެ ހަޔާތުން ޙާއްޞަކަމެއް ދީފައިވާ ބައިވެރިޔާކަން މީހުންނަށް ދައްކަން ޝަހާ ބޭނުންވަނީކަން ޔަގީނެވެ. މާޔަލް ބަލާކަން އެނގޭތީ ވަކިން އޭނާގެ ގޮތްދެއްކުން ބޮޑެވެ. އައިރިކް އެންމެ ފަހަރަކުވެސް ޝަހާ ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެވެ. ޝަހާގެ އެއްވެސް ކަމެއް ބަލައިގަންނަން އުނދަގޫވެގެން އުޅުނު ގޮތް މާޔަލްއަށް ހުރީ ފެނިފައެވެ. އެއީ އޭނާ މާޔަލްއަށް ދެއްކުމަށް ޓަކައި ކުޅުނު ޑްރާމާއަކީ ހެއްޔެވެ. އެ ދެ މީހުންނަށް ބެލި ވަރަކަށް މާޔަލްއަށް ކުރީން ފާހަގަނުވާ ކަމެއް ފާހަގަވިއެވެ. އައިރިކް ލައިގެން ހުރި ސޫޓުގައި ދަނބުކުލަ ހުރިއިރު ޝަހާ ވެސް މިރޭ ބޭނުންކޮށްފައިވަނީ އެ ކުލައެވެ. އަރުތެރޭގައި ހިތިކަމެއް އުފެދުނު ފަދައަކުން މާޔަލްއަށް ހިންދިރުވާލެވުނެވެ. އައިރިކްއަށް ދެވިފައިވާ ސަމާލުކަމެއްގެ ސަބަބުން އޭނާއަށް ޝަހާ ފާހަގަ މިވީ މާފަހުންނެވެ. ޙަފުލާއަށް ހާޟީރުވީ އެންމެންނަށް ޝަހާއާއި އައިރިކް އެ ދެއްކީ ކޮން މަންޒަރެއްކަން މާޔަލްގެ ސިކުނޑިއަށް ވިސްނުނީ އަދިކިރިޔާއެވެ.
"އައި ޑޯންޓް ކެއާ... އައި... ޑޯންޓް ކެއާ..." ކުރެވޭންފެށި އުނދަގޫ އިޙްސާސްތަކުގެ މައްޗަށް ކުރި ހޯދުމަށް މާޔަލް އަމިއްލަ ހިތަށް ބުނަން ފެށިއެވެ.
ރޭގަނޑު އެގާރަ ޖަހަންވީއިރު ޙަފުލާ ނިމިއްޖެއެވެ. ވަކިވުމުގެ ކުރީން ބައެއް މުވައްޒަފުން އައިރިކްއާ ބައްދަލުކުރަން އައެވެ. ރޭގަނޑު ވަކިވުމުގެ ސަލާމް ކުރިއެވެ. އެ ހުރިހާއިރު ވެސް އައިރިކްގެ ގާތުގައި ޝަހާ ހުއްޓެވެ. މަޑުމަޑުން އެއްފަރާތްވީ މާޔަލްއެވެ. އައިރިކް އޭނާ ބާކީ ކޮށްލައިފިއޭ ހީވާވަރުންނެވެ. އެވަގުތު އައިރިކްގެ ގާތުން ޝަހާ އެދުނީ އަތިރިމަތީގައި އޭނާއާއެކު ހިނގާލަން ދިއުމަށެވެ. ހިނގައިގަތް މާޔަލްއަށް އެ އަޑު ސާފުކޮށް އިވުނެވެ. އެހެންނަމަވެސް ބަލައެއް ނުލިއެވެ. އައިރިކް ގޮވާލީ އައިތަންއަށެވެ.
"އަހަރެން ޝަހާއާއެކު މިދަނީ. މާޔާ ރޫމަށް ގެންދޭ." އައިރިކް މިހެން ބުނިއިރު އެ އަޑު އިވޭ ހިސާބުގައި މާޔަލް ހުއްޓެވެ. މާޔަލް އެނބުރި އައިރިކްއަށް ބަލާލިއެވެ. އައިރިކްއާ ދިމާއަށް އައިތަންއަށް ވެސް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޝަހާއާއެކީ އައިރިކް ދާތީއެވެ. އެހެންވިޔަސް ބޭބެއާ ސުވާލު ކުރާނީ ފަހުންނޭ އައިތަން ހިތަށް އެރިއެވެ.
"މާޔާ ރޫމަށް ދާންވީތަ؟." އައިތަން އަހާލިއެވެ. މާޔަލްގެ ޚިޔާލު ހޯދާ ފަދައަކުންނެވެ.
"އަހަރެން ބުނި އެއްޗެއް ސާފުނުވީތަ؟. މާޔާ ރޫމަށް ގެންދާށޭ... މިހާރު މިވަގުތު." އައިތަންއަށް ޖަވާބު އައީ އައިރިކްގެ ފަރާތުންނެވެ. އޭނާ އިއްވާލީ ހަރުކަށިކަން އެކުލެވިގެންވީ އަމުރެކެވެ.
"ލެޓްސް ގޯ." އައިތަން ބޮލުން އަންނާށޭ އިޝާރާތްކުރަމުން ހިނގައިގަތެވެ. މާޔަލް ހިނގައިގަތީ ދަތްކުނޑިވިކާލައިގެން ހުރެއެވެ. އައިރިކްއާ ދިމާއަށް ބަލާލަން ވެސް މިވަގުތު އޭނާ ބޭނުމެއްނުވިއެވެ. މި ހުރިހާއިރު އޭނާ ހުރިކަން ވެސް އައިރިކް ނުދަތެވެ. އެކަމަކު އަމުރު ކުރިއިރު ހީވަނީ މާޔަލްއަކީ އައިރިކްގެ މިލްކިއްޔާތަކީ ހެންނެވެ.
"ތި ދެމެދުގައި ކަމެއް ހިނގީތަ؟." މާޔަލް ގޮވައިގެން ހިނގައިގަންނަމުން އައިތަން އަހާލިއެވެ. މުޅި ދުވަސް ނިމުމަކަށް އައިއިރު އައިތަންއަށް ފާހަގަކުރެވުނީ އައިރިކްއާއި މާޔަލްގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެ ކަމެވެ. އެހެންޏާ ނުފެންނަ ހިމޭންކަމެއްގެ އަސަރު އެ ދެމެދަށް ވެރިވެފައިވާކަން އައިތަންއަށް އެނގެނީއެވެ. އޭނާއަށް ނޭނގެނީ ސަބަބެވެ. މާޔަލް ވެސް ހަޤީޤަތް ހާމަކުރާން ބޭނުންނުވާ ކަހަލައެވެ. އައިރިކްގެ ދުލުން އޭނާ ބޭނުންވެގެން ނޫން ގޮތަކަށް ކަމެއް އޮޅުމެއް ނުފިލާނެއެވެ.
އަތިރިމައްޗަށް އާދެވުމާއެކު ރާޅުޖަހާއަޑު އިވެންފެށިއެވެ. ދަންވާހެން ރަށުތެރޭގައި ފޯރިގަދަވާ ކަހަލައެވެ. މިއުޒިކުގެ އަޑު ދުރަށް އިވިއިވި ހުއްޓެވެ. އައިރިކް މަޑުމަޑުން އޭނާގެ އަތުން ޝަހާގެ އަތް ނައްޓުވާލިއެވެ. އަދި ހިނގުން މަޑުކޮށްލައި ރާޅުގެ އަޑު އިވޭ ދިމާއަށް އެނބުރިލިއެވެ.
"ކިހިނެއްވީ؟. މިހިސާބުގަ ނެތޭ މީހުންނެއް." ޝަހާ ބުންޏެވެ.
"ޝަހާ. ތިކުރާ އުންމީދު ދޫކޮށްލާ. އަހަރެމެން ދެ މީހުންގެ ކައިވެންޏަކީ ކުރެވޭނެ ކައިވެންޏެއްނޫން. އަހަރެން ބޭނުންނޫނީ. މި ދަތުރު ނިންމާފައި ގޮސް މަންމައާއި ބައްޕަ ކައިރީ އެ ވާހަކަ ދައްކާނަން. އަދި ޝަހާގެ ބައްޕައާ ހަމަ މި ކަން ގެންދާނީ އެމީހުން. މީ އަހަރެންގެ ނިންމުން. ޝަހާއަށް އެނގޭނެ މީ ޢާއިލާއިން ހަމަޖެއްސި ކައިވެންޏެއްކަން. އަހަރެމެންގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް. އެކުގައި ވަގުތުތަކެއް ވެސް ހޭދައެއް ނުކުރަން."
"ރިކް. ޕްލީޒް... ފެމެލީއިން ނިންމާނީ ރަނގަޅަށް. މިހާރު ގުޅުމެއް ނެތަސް މެރީ ކުރީމަ ލޯބިވެވޭނެ. އަހަރެން މެރީ ކުރަން މިހުރީ." ޝަހާ ނިކަން އަވަހަށް ބުންޏެވެ.
"އަހަރެން ބޭނުމެއްނެތޭ މިބުނީ." އައިރިކްގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުނެވެ. ޝަހާ އޭނާގެ ވާހަކަ އަޑު ނާހަން އުޅެނީއޭ ހީވާތިއެވެ.
"ކީއްވެ؟. އެ މާޔާ ކަމުދިޔައީތަ؟. އޭނާދެކެ ލޯބިވެވުނީތަ؟. އެހެންވެތަ ކުއްލިއަކަށް ޚިޔާލު ބަދަލުވީ. އަހަރެމެންގެ ހަމަޖެހިފައި އޮތް މެރިއޭޖް ކެންސަލް ކުރާން ތިހާ އަވަސްއަރުވާލާފަ ތިއުޅެނީ އޭނާއާ ހެދި ދޯ." ޝަހާ ހިތްހަމަނުޖެހުނެވެ.
"ބޭކާރު ވާހަކަ ނުދައްކާ. އަހަރެން މިދައްކަނީ އަހަންނާއި ޝަހާގެ ވާހަކަ. ވަރަށް ސާފުކޮށް އަހަރެން މި ކިޔާދިނީ. ޝަހާ ރުޅި އަޔަސް އަހަރެންގެ ނިންމުން ބަދަލެއްނުވާނެ. އައި ކާންޓް ރިޓާން ޔޯ ފީލިންގްސް. އަހަންނަށް އެގޮތަށް ޝަހާއާމެދު ނުދެކެވޭ. މިވަގުތު އެކުވެރިޔަކަށް ވެސް އަހަރެން ބޭނުމެއްނުވޭ. އެހެންވީމަ މި ދެމެދުގަ އެކުވެރިކަން ބާއްވަން ޝަހާ އެދުނަސް... ސޮރީ. އައި ޖަސްޓް ކާންޓް. އަހަރެން ހޯދަން ގެއަށް އަޔަސް ބައްދަލެއްނުކުރާނަން. އައުމުގެ ބޭނުމެއް މިހާރު ދެން ނޯންނާނެ. މިރޭ މީ އަހަރެން ޝަހާއާ ބައްދަލުކުރާނޭ އެންމެ ފަހު ފަހަރު." އައިރިކް ބުންޏެވެ.
އަޖައިބުވެފައިވާ ބެލުމަކުން އައިރިކްއަށް ބަލަން ޝަހާއަށް ހުރެވުނީއެވެ. ރުޅިއައިސް ހަޅޭލަވަން އޭނާ ހިތަށް އެރިއެވެ. ހިތުގައި ޝަކުވާތައް ފުނިޖެހެމުން ދިޔައެވެ. ނަމަވެސް އައިރިކްގެ ކުރިމަތީ ކާމިޔާބު ނުވާނޭކަން އެނގެއެވެ. އައިރިކް ބުނާހެން ދެމެދުގައި އޮތް ގުޅުމަކީ ޢާއިލާގެ ސަބަބުން އުފަންވީ ގުޅުމެކެވެ. ލޯތްބާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގާތް ގުޅުމެއް ނޫނެވެ. އައިރިކް އެއް ފަހަރު ވެސް ޝައުގާއެކު ޝަހާއަށް ބަލާލާފައެއް ނުވެއެވެ. ޝަހާގެ ގޮތް އޮޅުން ފިލުވަން އިސްނަގާފައެއް ވެސް ނެތެވެ. އެ ހުރިހާކަމެއް ކުރެވެމުން އައީ ޝަހާގެ ފަރާތުންނެވެ. ކައިވެންޏަށް ނުހަނު ބޮޑު އުންމީދެއް އޭނާ ކުރިއެވެ. އެކަމަކު އެ އުންމީދު ފުރިހަމަ ނުވާނޭކަން އައިރިކް އެ ޔަގީންކޮށްދިނީއެވެ. ނުބައި ރޭވުންތަކުން ކުޅެވޭނޭ ފަދަ ޒުވާނަކަށް އައިރިކް ނުވެއެވެ. އޭނާއާ ދެކޮޅަށް އެފަދަކަމެއް ކުރާން ޝަހާ ޖެހިލުންވެއެވެ. އޭނާއަށް އޮތީ އައިރިކްގެ ބަސް ޤަބޫލުކުރުމެވެ.
"ހިނގާ ދާން." ޝަހާގެ ފަރާތުން ރައްދެއް އާދޭތޯ މަޑުކުރުމަށްފަހު އައިރިކް ބުންޏެވެ.
ވާހަކަ ދެއްކުމެއްނެތި އައިރިކްގެ އަތުގައި ހިފާލުމާއެކު ޝަހާ ހިނގައިގަތެވެ. އައިރިކް އަތް ފޮޅުވާނުލީތީ ޝަހާ ޝުކުރުކުރިއެވެ. މިރޭ މީ އޭނާއަށް އައިރިކްގެ އަތުގައި ހިފާލެވޭނެ ފަހުފަހަރުކަން އެނގޭތީ ހިތަށް ތަދުވިއެވެ.
މާޔަލް ކޮޓަރިއާ ހަމައަށް ގެނެސްދީފައި ވެހިކަލްގައި އައިތަން އެނބުރި ދިޔައީއެވެ. ކޮޓަރީގެ ބޭރުގައި ހުރި ގޮނޑީގައި މާޔަލް އިށީނެވެ. އޭނާ މިރޭ ގެންގުޅުނު ކުޑަކުޑަ ދަބަސް ހުޅުވާލިއެވެ. ފޯނު ނަގައި ބަލާލިއެވެ. މައިރާގެ އިތުރުން އިވާންގެ މެސެޖު އައިސްފަ ހުއްޓެވެ. އިވާން އޭނާއަށް ގުޅާފައި ވެސް އޮތެވެ.
"ގުޅަންވީތަ؟." އަމިއްލަ ނަފްސާ މާޔަލްއަށް ސުވާލުކޮށްލެވުނެވެ. އިވާންއަށް ގުޅަންވުމުންނެވެ. އިވާން ކޮށްފައި ހުރި މެސެޖުތައް މާޔަލް ބަލަން ފެށިއެވެ. އިވާން އަދި ނުނިދާނެކަން ވެސް އޭނާއަށް އެނގެއެވެ. މެސެޖުތައް ކިޔައިފިކަން އިވާނު ބެލުމުން އެނގޭނެއެވެ. މާޔަލް ރައްދު ނުދީފިއްޔާ އިވާންގެ ޝަކުވާ އިތުރުވާނެއެވެ.
"ރެޑީވެފަ ސްނެޕެއް ވެސް ނުކުރަމެންނު. ވަރަށް ބަލާލަން ބޭނުންވެފަ ހުރީ. ވަރަށް މިސްވޭ. ވަރަށް ލޯބިވޭ... މައްޔު ގުޅާލަބަލަ. ތި އަޑު އަހާލާ ހިތުން. ޕްލީޒް." އެކި ފަހަރު މަތިން އިވާން ފޮނުވާފައި ހުރި މެސެޖުގައި ވިއެވެ. އެ ހުރިހާ މެސެޖެއްގެ ޖަވާބު މާޔަލް ލިޔެ ފޮނުވާލިއެވެ. އޭނާ ލިޔުނީ ދޮގު ވާހަކައެވެ. ފޮޓޯ ފޮނުވުން މާޔަލްއަށް މުހިންމު ނުވީމަ ނުފޮނުވީއެވެ. އެކަމަކު އޭނާ އިވާންގެ މެސެޖުގައި ލިޔުނީ ވަގުތުނެތިގެން ފޮޓޯ ނުނެގުނީ ކަމަށެވެ. އަދި ގުޅައިގެން ވާހަކަދައްކަން ހުންނަ ހިތް ނުވާތީ މާޔަލް މެސެޖުކުރީ ޙަފުލާ އަދިވެސް ނުނިމޭކަމަށެވެ. ނިމުނީމަ އައިސް ނިދާނީކަމެވެ. އިވާންއަށް ދޮގު ހަދައި އޮޅުވާލެވެނީކަން މާޔަލްއަށް އިޙްސާސެއް ނުކުރެވެއެވެ. އަރައިގެން ހުރި ފައިވާން ބާލާ އަތަށް ނަގަމުން މާޔަލް ގޮނޑިން ތެދުވިއެވެ. އޭނާ ވަނީ ކޮޓަރިއަށެވެ.
ފެންވަރަން ހުރި މާޔަލްއަށް ފޯނު ރިންގުވާ އަޑު އިވުނެވެ. އިވާންއޭ ހިތަށް އެރިއެވެ. އަޅާނުލީ އެހެންވެއެވެ. އޭނާ ފާޚާނާއިން ނުކުތީ ހަމަޖެހިލައިގެން ހުރެ ފެންވަރައިގެންނެވެ. މާޔަލްގެ ސިކުނޑިއަށް ލިބުނު ބަރުކަން ލުއިވެފައިވެއެވެ. ދޮރުގައި ޓަކި ޖަހާއަޑު މާޔަލްއަށް އިވުނީ ދެނެވެ. ފޯނު ވެސް އަނެއްކާ ރިންގުވާން ފެށިއެވެ. މާޔަލް އައިސް ފޯނު ނެގިއިރު ގުޅަނީ އައިރިކްއެވެ.
"ހެލޯ." މާޔަލް ފޯނުކޯލު ނެގިއެވެ.
"ދޮރު ނުހުޅުވަންތަ ތިހުރީ." އައިރިކް އަހާލިއެވެ.
މާޔަލް ހަލުވިކޮށް އައިސް ދޮރު ހުޅުވާލިއެވެ. އޭރު އައިރިކް ހުރީ ކޮޓަރީ ދޮރުމަތީއެވެ. ދޮރުގައި ޓަކި ދެމުން ދިޔައީ އޭނާއެވެ. މާޔަލްއަށް ރިކްއޭ ބުނެވުނެވެ. އައިރިކް ކުރިޔަށް ފިޔަވަޅު އަޅާލި ގޮތަށް ދޮރުފަތުގައި ހިފައި ބޮޑަށް ހުޅުވާލައި މާޔަލްގެ ކޮޓަރިއަށް ވަނެވެ. އަދި އޭނާގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕައިފިއެވެ. (ނުނިމޭ)