އުތުރު ކޮރެއާގައި ހުރި ނިއުކްލިއާ ހަތިޔާރުތައް ނައްތާލައި އެ ސަރަހައްދުން ނިއުކްލިއާގެ ބިރުވެރިކަން ފިލުވައިދޭ މަތިން، އިގުތިސޯދީ ގޮތުން ބާރުގަދަ ގައުމަށް އުތުރު ކޮރެއާ ހަދައިދެވިދާނެ ކަމަށް ދެކުނު ކޮރެއާ އޮތީ ބުނެފަ އެވެ.
ދެކުނުން ހުށަހެޅި މި ފުރަސަތަށް ޖަވާބުގައި އުތުރުން ބުނީ އިގުތިސޯދީ އެހީތެރިކަމުގެ ނަމުގައި ދެކުނު ކޮރެއާ މަސައްކަތްކުރަނީ އުތުރު ކޮރެއާ ދަންޖައްސަން ކަމަށެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ނުފޫޒުގަދަ ކޮއްކޮ، ކިމް ޔޯ ޖޮންގް ދެކުނަށް އިންކާރު ކުރައްވައި ވިދާޅުވީ އަޑިނޭނގޭ ހުޅަހެޅުންތަކަށް އުތުރު ކޮރެއާ ދުވަހަކު ވެސް ނުހެއްލޭނެ ކަމަށެވެ.
ދެކުނު ކޮރެއާގެ ރައީސް ޔުންސޮންގް ޔޭ އުތުރު ކޮރެއާއަށް ނިސްބަތްކުރައްވައި މިއަހަރު މޭގައި ވިދާޅުވި ގޮތުން، އިގުތިސޯދީ ގޮތުން ބާރުގަދަ ގައުމަކަށް އުތުރު ކޮރެއާ ހެދިދާނެ ޕްލޭނެއް ގައުމުތަކުގައި އެބަ އޮތެވެ.
ބައިނަލްއަގްވާމީ ޖަމާއަތުން އުތުރު ކޮރެއާއަށް ބޮޑެތި ޕެކޭޖްތައް އެބަ ހުރި ކަމަށް ވެސް ޔުންސޮންގް ޔޭ ވިދާޅުވި އެވެ. އިގުތިސޯދީ ޕެކޭޖްތަކުގެ ސަބަބުން އުތުރު ކޮރެއާ އަކީ އިގުތިސޯދީ ގޮތުން ފުއްދުންތެރި އަދި އަމިއްލަވަންތަ ގައުމަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން 100 ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޔުންސޮންގް ޔޭ ވިދާޅުވީ އުތުރު ކޮރެއާއާ މެދު ގެންގުޅުއްވާ ވިސްނުން އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ.
އިގުތިސޯދީ އެހީތެރިކަމުގެ ބަދަލުގައި ނިއުކްލިއާ ހަތިޔާރާ ދުރަށް ދާންޖެހޭނެ ކަމަށް ވެސް ދެކުނު ކޮރެއާގެ ރައީސް ވިދާޅުވި އެވެ.
ކިމްގެ ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވި ގޮތުގައި ތަސައްރަފު ނުފުދޭ ވާހަކަތަކަށް ދެއްވާނެ ޖަވާބެއް ނެތެވެ. އޭނާ އަދި ވިދާޅުވީ ރައީސް ޔުންސޮންގް ޔޭ އަކީ މިދާއިރާއަށް ވަރަށް ހަގު ބޭފުޅެއް ކަމަށާއި މަސްރަހު އެނގިވަޑައި ނުގަންނަވަނީ އެހެންވެ ކަމަށެވެ.
"ރައީސް ޔުންސޮންގް ޔޭ ހުށަހެޅުން ގޯހެއް ނޫން،" ކިމް ޔޯ ޖޮންގް ވިދާޅުވި "އެކަމަކު އެއީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ހުށަހެޅުމެއް ނޫން"