ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލު އެ މަސައްކަތާ ހަވާލުވެގެން އުޅޭ ފަރާތުން ހޯދަން ޖެހޭނެ ކަަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އެރި ފަހުން ހަތަރު ދުވަސް ވަނީ ވެފައެވެ. ނަމަވެސް އަދިވެސް ޕްލެޓްފޯމް ފުންކުރެވޭ ގޮތެއް ނުވެއެވެ. އެކަމުގެ ސަބަބުން ފަރަށް ދަނީ ބޮޑެތި ގެއްލުން ވަމުންނެވެ.
އަލީ ހުސައިން ވިދާާޅުވީ ބްރިޖް ޕްލެޓްފޯމް ވިލިނގިލި ފަރަށް އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލު އެ މަސައްކަތާ ހަވާލުވެގެން އުޅޭ ފަރާތުން ހޯދަން ޖެހޭނެ ކަަމަށެވެ. ނަމަވެސް މުމްބާއި އާބިޓްރޭޝަނަށް ގޮސްގެން އެ ކަމެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އިއްޔެގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ. ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އެރުމުން އެތަނަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯވެސް ދަނީ ބަލަމުންނެވެ.
އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަަލާނެ ކަމަށް ވިދާޅުވިއެވެ. ބެލުންތަކަށް ފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.